ޕާކިސްތާނުގައި ހަތިޔާރު އެޅި މީހަކު އެގައުމުގެ އެންޓި ޓެރަރިޒަމް ކޯޓުގެ ފަނޑިޔާރަކާއި އޭނާގެ އާއިލާ މެންބަރުންގެ ގަޔަށް ބަޑި ޖަހައި މަރާލައިފިއެވެ.
ޕާކިސްތާނުގެ ޕޮލިސް އޮފިޝަލް ޝުއައިބު ހާންއާ ހަވާލާދީ އޭޕީ ނޫހުގައި ބުނީ, ފަނޑިޔާރު އަފްތަބް އަހުމަދު އަފްރީދީ އާއި އޭނާގެ އަންހެނުން އަދި ދެ ކުދިންގެ ގަޔަށް ބަޑި ޖަހައި މަރާލީ ޕާކިސްތާނުގެ ހުޅަނގުއުތުރުގައި އޮންނަ ސްވަޓް ވެލީން ވެރިރަށް އިސްލާމްއާބާދަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ.
އެ ހަމަލާގައި ފަނޑިޔާރުގެ ދެ ބޮޑީގާޑުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ އިރު, އެ ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި ނަގައިފައެއް ނުވެއެވެ.
ހަމަލާގައި މަރާލި ފަނޑިޔާރު އަފްރީދީއަކީ ސްވަޓް ވެލީގެ އެންޓި ޓެރަރިޒަމް ކޯޓުތަކަށް މީގެ ދެ މަސް ކުރިން އައްޔަންކުރި ފަނޑިޔާރެކެވެ. ސްވަޓަކީ މީގެ ކުރިން ތޯލިބާނުންގެ އަތްދަށުގައި އޮތް ސަރަހައްދެކެވެ. އަދި އެއީ އެޑިއުކޭޝަން އެކްޓިވިސްޓު މަލާލާ ޔޫސުފް ޒައިގެ ގަޔަށް ތޯލިބާނުން ބަޑިޖެހި ހާދިސާ ހިނގި އަވަށެވެ.
ނަމަވެސް ޕާކިސްތާނުގެ އަސްކަރިއްޔާ އިން ވަނީ 2009 ވަނަ އަހަރު ސްވަޓް ވެލީން ތޯލިބާނުން ފައްސާލައިފައެވެ.
ޕާކިސްތާނުގައި އެންޓި ޓެރަރިޒަމް ކޯޓެއް އުފެއްދީ ޓެރަރިޒަމް ހަމަލާތަކުގައި ބައިވެރިވާ މީހުންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރާ މީހުންގެ މައްސަލަތައް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އެއީ ޕާކިސްތާނުގެ އަސްކަރިއްޔާއާ ދެކޮޅު ފާޑުކިޔުންތަކުގެ އަޑު ކަނޑުވައިލަން އެންޓި ޓެރަރިޒަމް ގާނޫނުގެ ދަށުން އުފެއްދި ތަނެއް ކަމަށް ފާޑުކިޔާ މީހުން ބުނެއެވެ.