ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށްޓަކައި އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ މަޝްރޫއުގެ ކޮންސަލްޓެންސީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާގެ ޓީމެއް މިއަދު ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ޑޮމެސްޓިކް ޓާމިނަލަކާއި ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަން އިމާރާތް ކުރެވޭނެއެވެ. އަދި މިހާރު ހުރި ޓާމިނަލް، އިންޓަނޭޝަނަލް ޓާމިނަލެއްގެ ގޮތުގައި ތަރައްގީކޮށް ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތައް ގާއިމުކުރެވިގެންދާނެއެވެ.

މީގެ އިތުރުން އެއާޕޯޓަށް ދިއުމަށް އިތުރު މަގެއް ގާއިމުކުރެވި، ކާގޯ ވަސީލަތްތައް ތަރައްގީކުރެވިގެންދާނެއެވެ. އަދި އެއާޕޯޓަށް ބޭނުންވާ އާލާތްތައް ހޯދުމުގެ އިތުރުން އެއާޕޯޓުގައި ސޯލާ ޕެނަލް ހަރުކުރެވިގެންދާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅުގައި ފަށާނެ ކަމަށެވެ.