(3 އޭޕްރީލްގެ އަދަދާ ގުޅޭ)
قـاضى أبـو جـعـفـر ފިޔަވައި ވަފުދުގެ ދެން ތިއްބެވި އެހެން މެމްބަރުން ވިދިގެންއައި ދުވަހު އަންދަލުސަށް ފުރައިވަޑައިގެންފިއެވެ.
قـاضى أبـو جـعـفـر އެކަލޭގެފާނުގެ އެކުވެރީން ފުރުއްވައިލެއްވިތާ ފަސްދުވަސް ވެއްޖެއެވެ. އެއްރެޔަކު އެކަލޭގެފާނު އަވަހާރަފުޅު ލައްޕަވާން ތައްޔާރުވެވަޑައިގެންނެވިތަނާ ކޮންމެވެސް މީހެއް އެކޮޓަރީގެ ދޮރުގައި ޓަކިޖަހައިފިއެވެ. قـاضى أبـو جـعـفـر ވިދާޅުވިއެވެ. "ކޮންބޭފުޅެއްތޯ؟ ވެދެވަޑައިގަންނަވާ!"
ޒުވާނެއް ކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. قـاضى أبـو جـعـفـر އެޒުވާނާ ފެނިވަޑައިގެންނެވުމާއެކު އުފާފުޅުން ވިދާޅުވިއެވެ. "سعد ދަރިފުޅާ!"
سعد ކުރިޔަށް ވަޑައިގެން މުސާފަޙާ ކުރައްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑު މިވަގުތު އައުމުން ކަލޭގެފާނު އަރާމުކުރައްވަން ހުރަސްއެޅެނީކީ ނޫންތޯ؟"
أبـو جـعـفـر ވިދާޅުވިއެވެ. "އަޅުގަނޑު ދަރިފުޅު ވަޑައިގަންނަވާތޯ ބަލާތާ އެތައްދުވަހެއްވެއްޖެ. ޔަގީންކުރައްވާ މިވަގުތުވެސް އަޅުގަނޑު މިވިސްނަނީ ދަރިފުޅާ ބެހޭގޮތުން."
"އަޅުގަނޑު މިއައީ أميــرالبحـر سيـر بن أبى بـكـر ގެ އަރިހުގައި ކަނޑުމަތީގެ މަޢުރިކާއަކަށް ގޮސްފައި.
"ކޮންއިރަކުތޯ ދަރިފުޅު ތިޔަ ވަޑައިގެންނެވީ؟"
"އަޅުގަނޑު އައީ މިރޭގެ ޢިޝާނަމާދަށްފަހު— އަޅުގަނޑު މިރަށަށް އައުމާއެކު أميــر يـوسف އަޅުގަނޑު ބަލައި ފޮނުއްވައިފި. އަޅުގަނޑު މިއަންނަނީ އެމަނިކުފާނުގެ އަރިހުން ސީދާ ކަލޭގެފާނުގެ އަރިހަށް."
قـاضى أبـو جـعـفـر އުށްބައްތީގެ ފަނޑު އަލީގައި سعد ގެ އިސްތަށިފުޅުން ފެށިގެން ފައިތިލަފުޅުގެ ނީވާބޮނޑިއާ ހަމަޔަށް ބައްލަވައިލެއްވިއެވެ. އެއަށްފަހު ހިނިފުޅުވަޑުވަމުން ވިދާޅުވިއެވެ. "މިހާރު ހަމަ ޙަޤީޤަތުގައިވެސް ދަރިފުޅު ރަނގަޅު ސިފައިންގެ މީހަކަށް ވެވަޑައިގެންފީމު! އެންމެފުރަތަމަ ވިދާޅުވެދެއްވާ.
أميــر يـوسف އަންދަލުސާ ބެހޭގޮތުން ދަރިފުޅާ އެއްވެސް ވާހަކަފުޅެއް ދެއްކެވިތޯ؟"
سعد ގޮނޑިޔެއްގައި އިށީނދެވަޑައިގަންނަވަމުން ޖަވާބު ވިދާޅުވިއެވެ. "އާދެ. އަޅުގަނޑު މިއައީ ކަލޭގެފާނަށް ވަރަށް އުފާވެރި ޚަބަރެއް ދަންނަވާންވެގެން. އޭނާ ހުންނެވީ އަންދަލުސާމެދު ވަރަށް ބޮޑަށް ފިކުރުފުޅު ބޮޑުވެފައި. އޭނާ ވަނީ މާދަންނޫން އަނެއްދުވަހުގެ ހެނދުނަށް ޢިލްމުވެރީންނާއި ޤަބީލާތަކުގެ ވެރީންގެ ބައްދަލުވެވަޑައިގެންނެވުމަކަށް ދަޢުވަތު ދެއްވައިފައި. أميــر يـوسف އެބޭފުޅުން އިޢުތިރާޟު ނުކުރައްވައިފިނަމަ ހަމަވަގުތުން އަލްފާންސޫއާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރައްވާނެ. ޖަޒީރަތުލްޚަޟުރާއަށް ފައިބައިވަޑައިގަންނަވާން معـتـمـد ގެ ހުއްދަ ބޭނުންފުޅު ކަމަކަށްވެސް ނުބައްލަވާނެ."
މުރާކިޝްގެ ޢިލްމުވެރީންނާއި ޤަބީލާތަކުގެ ވެރީންގެ ހިތްޕުޅުތައް އަޅުގަނޑުމެންނާމެދު ވަރަށްބޮޑަށް ނުބައިވެއްޖެ. އޭގެތެރެއިން ވަރަށްގިނަ ބޭފުޅުން މައްސަލައިގައި ދެކޮޅުހައްދަވައިފާނެހެން ހީވޭ."
"އަޅުގަނޑު އަދި މިހައިތަނަކަށް އެއްވެސް ބޭފުޅަކާ ބައްދަލެއް ނުވަން. އެކަމަކު ކަލޭގެފާނު ހިތްޕުޅު ހަމަޖައްސަވާ! އެބޭކަލުންގެ ނިންމެވުން އަންނާނީ އަންދަލުސަށް ރަނގަޅުވާގޮތަށް."
* * * * * * * * * * *
أميــر يـوسف بـن تـاشـفـيـن ރަސްކަން ކުރައްވަމުން ގެންދަވަނީ އެފުރިކާގެ މުސްލިމުންގެ ހިތްތަކުގެ މައްޗަށެވެ. އެފުރިކާގެ މުސްލިމުން އޭނާދެކެވަނީ އަމަށަކު ލޯތްބެއް ނޫނެވެ. އެހެންކަމުން އޭނާ ކުރައްވާ ކުޑަކުޑަ އިޝާރަތަކަށްވެސް އެމީހުން ދެނީ ދައުލަތުގެ ފުރަމާނަ އަމުރެއްގެ ދަރަޖައެވެ. އެހެންކަމާއެކުވެސް ޢިލްމުވެރީންގެ ތާއީދާއި ޙިމާޔަތް ނުހޯއްދަވައެއް އޭނާ ކުޑަކުޑަ ފިޔަވަޅެއްވެސް ނާޅުއްވައެވެ. މަޖްލިސުއްޝޫރާގައި ވަރަށްގިނައިން ވިދާޅުވެއެވެ. "އަޅުގަނޑު ހެޔޮނިޔަތުގައި ވާޖިބު އަދާކުރަމުން ގެންދަން ތިޔަބޭކަލުން އެދިވަޑައިގަންނަވާ ކަމުގައިވާނަމަ ތިޔަބޭކަލުންގެ ހިތްޕުޅުތަކުގައި ޙައްޤު ބަސް ވިދާޅުވުމުގެ ޖަޒުބާތު ދަމަހައްޓަވާ! އަޅުގަނޑަކީ ކުށުން އެއްކިބާވެގެންވާ މީހެއްކަމުގެ ކުށް ވިސްނުން އަޅުގަނޑުގެ ހިތުގައި އަށަގަތަ ނުދެއްވާ!"
"أميــر يـوسف އަންދަލުސުގެ މައްސަލައިގައި ގޮތެއް ކަނޑައެޅުއްވުމަށްޓަކައި އޭނާގެ ވެރިކަމުގެ ދަށުގައިވާ ހުރިހައި ސަހަރުތަކަކުން ނަންހުރި ޢާލިމުންނާއި ޤަބީލާތަކުގެ ޝައިޚުން އެއްކުރެއްވިއެވެ. ދެދުވަސްވަންދެން އެބޭކަލުންގެ ޚިޔާލުފުޅުތައް އަޑު އައްސަވަމުން ގެންދެވިއެވެ.
ޢިލްމުވެރީންކުރެ ވަރަށްގިނަ ބޭކަލުންގެ ޚިޔާލުފުޅަކީ ކޮންމެ ގޮތެއްގައިވެސް ކުޑަކޮށްވެސް ލަސްކޮށްނުލައްވައި އަލްފާންސޫއާ ދެކޮޅަށް ހަނގުރާމަ ފެއްޓެވުމެވެ. ނަމަވެސް އަންދަލުސުގެ މުލޫކުއްޠަވާއިފުންނަށް އިތުބާރު ނުކުރައްވާ ބައެއް ބޭކަލުންވެސް ތިއްބެވިއެވެ. އެބޭކަލުންގެ ބިރުފުޅަކީ މުލޫކުއްޠަވާއިފުން ޢަހުދާ ޚިލާފުވެވަޑައިގެންފިނަމަ އެފުރިކާގެ ސިފައިންނަށް އެއްފަހަރާ ދެމައިދާނެއްގައި ހަނގުރާމަކުރާން ޖެހިދާނެކަމެވެ. އެހެންކަމުން އެބޭކަލުން ބޭނުންފުޅުވަނީ އަންދަލުސާ ދިމާޔަށް ދަތުރު ފެށުމުގެ ކުރީން މުލޫކުއްޠަވާއިފުން ޢަހުދާ ޚިލާފުވެވަޑައިގެންފި ކަމުގައިވާނަމަ އަންދަލުސުގެ އާއްމުން އެފުރިކާގެ ލަޝްކަރަށް ޙިމާޔަތްދޭނެކަމުގެ ޔަގީންކަން ހޯއްދެވުމެވެ. އެހެންނޫންނަމަ މުލޫކުއްޠަވާއިފުން އެއްބައިވެވަޑައިގެން އެންމެފުރަތަމަ އެބޭފުޅުން އަލްފާންސޫއާ ހަނގުރާމަ ފައްޓަވާން ދެންނެވުމެވެ."
أميــر يـوسف ޢާލިމުންނާއި ޤަބީލާތަކުގެ ޝައިޚުންގެ ޚިޔާލުފުޅުތައް އަޑުއެއްސެވުމަށްފަހު قـاضى أبـو جـعـفـر އަށް އޭނާގެ ޚިޔާލުފުޅު ފާޅުކުރެއްވުމުގެ ފުރުސަތު ދެއްވިއެވެ. قـاضى أبـو جـعـفـر ވަރަށް އަސަރުގަދަ އަދި އެހައިމެ ބާރުހުރި ތަޤުރީރެއް ދެއްވިއެވެ. އެ ތަޤުރީރަށްފަހު އެފުރިކާގެ ޢިލްމުވެރީންނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ.
"މުލޫކުއްޠަވާއިފުންގެ ނިޔަތްޕުޅާމެދު ޝައްކު ކުރެއްވުމުގައި ތިޔަބޭކަލުން ތިޔަ ތިއްބެވީ ހަމަ ޙައްޤުގައި. އެކަމަކު އަންދަލުސުގެ ޢިލްމުވެރީންގެ މަންދޫބުގެ ހައިސިއްޔަތުން އަޅުގަނޑު ވަޢުދުވަން. މުލޫކުއްޠަވާއިފުންގެ ފަރާތްޕުޅުން އެއްވެސްވަރެއްގެ ވަޢުދާ ޚިލާފުވެވަޑައިގެންނެވުމެއް ފެނިއްޖެނަމަ އަޅުގަނޑުމެން އެބޭފުޅުންނާ ދެކޮޅަށް ބަޣާވަތުގެ ދިދަ އުފުލައިލާނަން. މިއަދު އަންދަލުސުގެ ޙާލަތު އޮތީ މީގެ އަހަރުތަކެއްގެ ކުރިޔާ އެއްގޮތަކަށެއް ނޫން. އަންދަލުސުގެ ކޮންމެ މީހަކަށްވެސް އެމީހަކާ ކުރިމަތިވެފައިވަނީ ކޮންކަމެއްގެ ބިރުވެރިކަމެއްކަން ރަނގަޅަށް އެނގޭ. އަންދަލުސުގެ ވެރީން މުނާފިޤު ގޮތެއް ގެންގުޅުއްވައިފިނަމަ އަޅުގަނޑަށް ޔަގީން އަންދަލުސުގެ ހުރިހައި ކުޑަކުދީންނާއި މުސްކުޅީންވެސް އެބޭފުޅުންނަކީ އިސްލާމްދީނުގެ ބާޣީންކަމުގައި ކަނޑައެޅުމަށްފަހު ތިޔަބޭކަލުންގެ ދިދައިގެ ދަށަށް ޖަމާވެދާނެ."
ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހައި ބޭފުޅުން، قـاضى أبـو جـعـفـر ގެ ވާހަކަފުޅަށްފަހު أميــر يـوسف بـن تـاشـفـيـن އާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. އެފުރިކާގެ مـفـتى أعـظـم ވިދާޅުވިއެވެ. "يـاأميــر! އަޅުގަނޑުމެންގެ ލަފާ އަރުވައިފީމު. މިހާރު އަޅުގަނޑުމެން ބޭނުންވަނީ މަނިކުފާނުގެ ނިންމެވުން އަޑުއަހާން!"
أميــر يـوسف بـن تـاشـفـيـن ވިދާޅުވިއެވެ. ތިޔަބޭކަލުންގެ ޚިޔާލުފުޅު ހޯދައިފައި މެނުވީ އަޅުގަނޑު މިހައިތަނަށް އެއްވެސްކަމެއްގައި ގޮތެއް ނިންމައިފައެއް ނޯންނާނެ. އެކަމަކު ހަމައެންމެ މައްސަލައަކާމެދު އަޅުގަނޑު ވިސްނައިގެންހުރީ އަޅުގަނޑުގެ ޒަމީރުގެ އަޑު އެކަނި ފުދޭނެކަމަށް. މީގެ އެތައް އަހަރެއްގެ ކުރީން އަންދަލުސުގެ ޒުވާނެއް އަންދަލުސުގެ މުސްލިމުންގެ ފަރިޔާދު ހިއްޕަވައިގެން އަޅުގަނޑާ ހަމަޔަށް ވަޑައިގެންނެވި. އެވަގުތު އަޅުގަނޑުމެން އެފުރިކާގައި ކުރިމަތިލަމުން ގެންދިޔަ ޙާލަތަކީ އަޅުގަނޑުމެންގެ އަންދަލުސުގެ އަޚުންނަށް އެހީވުމަކީ އަޅުގަނޑުމެންގެ މައްޗަށްއޮތް ވާޖިބެކޭ އަޅުގަނޑު ދެންނެވިނަމަ ތިޔަބޭފުޅުން އަޅުގަނޑުގެ ސިކުނޑީގެ ޙާލަތާމެދު ސުވާލު އުފައްދަވާފަދަ ޙާލަތެއް. އެކަމަކު އަޅުގަނޑު އޭރުވެސް އަޅުގަނޑުގެ ހިތުން ނިންމައިގެންހުރީ އަންދަލުސު ހަލާކުވެ އަންދަލުސުގެ މިސްކިތްތަކުން ބަންގީގެ އަޑު ކެނޑިގެންދާއިރު ކުޅިބަލާ މީހެއްގެ ގޮތުގައި ބަލަހައްޓައިގެން ނުހުންނަން. އަޅުގަނޑުގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި އަޅުގަނޑު ޢަހުދުވީން. އެފުރިކާގައި ވަރުގަދަ ރަސްކަމެއް އުފެއްދުމަށްފަހު އަޅުގަނޑުގެ ތުރުކަހުގެ ހުރިހައި ތީރުތަކެއް އަންދަލުސުން މުސްލިމުންގެ ނަމާއި ނިޝާން ފޮހެލަން ޢަހުދުކޮށްގެންތިބި ނަސްރާނީންނާ ދެކޮޅަށް ބޭނުންކުރަން. އަންދަލުސުގެ ވެރީންނާއި ޢިލްމުވެރީންގެ މަންދޫބުން އަޅުގަނޑުގެ ގާތަށް ވަޑައިގެންނެވުމުން އަޅުގަނޑުގެ ހިތަށްއެރި ޤުދުރަތުން އަޅުގަނޑަށް އަންދަލުސަށް ދާން ދަޢުވަތު ދެއްވަނީކަމަށް. އެކަމަކު معـتـمـد ގެ މަންދޫބު ޖަޒީރަތުލްޚަޟުރާއާ ބެހޭގޮތުން އަޅުގަނޑުގެ ހުށަހެޅުން ގަބޫލު ނުކުރެއްވުމުން އަޅުގަނޑުގެ ހިތަށްއެރީ މިއީ ޤުދުރަތުން އަޅުގަނޑު ސަމާލުކުރެއްވި ކުރެއްވުމެކޭ. މުލޫކުއްޠަވާއިފުންގެ އެއްބާރުލެއްވުން ލިބޭނެކަމަށް އިތުބާރު ނުކޮށް އަޅުގަނޑުމެންގެ އަމިއްލަ ބާރަށް އިތުބާރުކުރަން ހަނދާންކޮށްދެއްވި ދެއްވުމެކޭ. އަޅުގަނޑުމެން އެކަނިމާއެކަނި އަލްފާންސޫއާ ހަނގުރާމަކުރާންޖެހުނު ކަމުގައިވިޔަސް އެކަމަށްވެސް ތައްޔާރުވާން ހޭއެރުއްވެވި ހޭއެރުއްވެވުމެކޭ. ތިޔަބޭކަލުންނަށް މިތަނަށް ވަޑައިގަންނަވަން ދަޢުވަތު އެރުވުމަށްފަހު އަޅުގަނޑުގެ ވެރި ރަސްކަލާނގެ ޙަޟުރަތަށް އަޅުގަނޑު ދުޢާކުރަމުން މިގެންދަނީ ތިޔަބޭކަލުންނަށް ރަނގަޅު ނިންމެވުމެއް ނިންމެވުމުގެ ތައުފީޤު ދެއްވުންއެދި. މާތް اللّـه ގެ ޙަޟުރަތަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑުގެ ދުޢާ އިޖާބަކުރައްވައިފި. ތިޔަބޭކަލުން ތިޔަ ތިއްބެވީ އަންދަލުސުގެ މުލޫކުއްޠަވާއިފުންގެ އެހީތެރިކަމަށް ބަރޯސާވެވަޑައިނުގެންވެސް އަލްފާންސޫ އަންދަލުސުގައި ރޯކުރައްވައިފައިވާ ހަނގުރާމައިގެ އަލިފާންގަނޑަށް ފުންމައިލައްވަން ތައްޔާރަށް. އަޅުގަނޑުގެ ދެންއޮތީ އެންމެ ސުވާލެއް. އަޅުގަނޑުމެން ޖަޒީރަތުލްޚަޟުރާއަށް ފޭބުމަށްޓަކައި معـتـمـد ގެ އަމުރުފުޅަށް އިންތިޒާރުކުރާން ޖެހޭނެތޯ؟ ނުވަތަ އޭނާ ހުއްދަ ނުދެއްވި ކަމުގައިވިޔަސް ކުރިޔަށް ދާންވީތޯ؟"
مـفـتى أعـظـم ވިދާޅުވިއެވެ. "މަނިކުފާނު ތިޔަވަޑައިގަންނަވަނީ ޖިހާދުގެ ނިޔަތުގައި. معـتـمـد ގެ ހިތްޕުޅުގައިވެސް ޖިހާދުގެ ނިޔަތް އޮތްކަމުގައިވާނަމަ ޖަޒީރަތުލްޚަޟުރާއަށް ފައިބައިވަޑައިގަންނަވާކަށް މަނިކުފާނަށް އޭނާގެ އަމުރުފުޅެއް ބޭނުންފުޅެއް ނުވާނެ. معـتـمـد ގެ ހިތްޕުޅުގައި އެހެންގޮތަކަށް އޮތްކަމުގައިވިޔަސް މަނިކުފާނަށް އެ ޙައްޤުވަނީ ލިބިވަޑައިގެންފައި. އެހެނީ ޖިހާދުގެ މަޞްލަޙަތަށްޓަކައި މަނިކުފާނަށް އެ ބަނދަރު ބޭނުންކުރެއްވޭނެ. ޚާއްޞަކޮށް އަންދަލުސުގެ އެއްވެސް ބަޔަކަށް ވެރިވެވަޑައިނުގަންނަވާނެކަމަށް މަނިކުފާނު ވަނީ މުލޫކުއްޠަވާއިފުންގެ މަންދޫބުންގެ އަރިހުގައި ވަޢުދުވެވަޑައިގެންފައި. މަނިކުފާނު އެގޮތަށް ވަޢުދުވެވަޑައިގެންފައި ވަނިކޮށް އޭނާ މަނިކުފާނުގެ ނިޔަތްޕުޅާމެދު ޝައްކު ކުރައްވާނަމަ އެކަމަށް ފަރުވާލެއް ނުބަހައްޓަވާ!"
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު