ކުޅިވަރު

ގްރީންވުޑްގެ ގޯލާއެކު ޔުނައިޓެޑުން ނަތީޖާ އަނބުރާލައިފި

މޭސަން ގްރީންވުޑް ފަހު ދިހަ މިނެޓް ތެރޭގައި ޖެހި ގޯލާއެކު މެންޗެސްޓާ ޔުނައިޓެޑުން ބްރައިޓަން ކައިރިން ފަހަތުން އަރައި މޮޅުވެއްޖެއެވެ.

އުމުރުން 19 އަހަރުގެ ގްރީންވުޑް ޖެހި ގޯލާއެކު ޔުނައިޓެޑުން މެޗު ކާމިޔާބު ކުރީ 2-1ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ގްރީންވުޑް ޖެހި ގޯލަކީ 2020 ވަނަ އަހަރު މޭ މަހަށްފަހު އޭނާ ލީގުގައި ޖެހި ފުރަތަމަ ގޯލެވެ. އެއީ މިހާތަނަށް ކުޅުނު 40 މެޗުން ގްރީންވުޑް ޖެހި ހަވަނަ ގޯލެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ބްރައިޓަންއިން ލީޑު ނެގީ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު އިންގްލެންޑްގެ ފޯވަޑް ޑެނީ ވެލްބެކްގެ ގޯލާއެކުގައެވެ. އެ ނަތީޖާ ބަދަލު ކުރުމަށް ޔުނައިޓެޑުން ދެވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް، ހާފްގެ ކުރީކޮޅުގައި މާކަސް ރަޝްފޯޑުގެ ގޯލާއެކު ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ހިތްވަރާއެކު ގްރީންވުޑްގެ ގޯލާއެކު ޔުނައިޓެޑުން ލީޑުވެސް ނަގާފައިވާއިރު، މެޗަށްފަހު ކޯޗު އޮލެގުނަ ސޮލްސްޖާ ވަނީ ގްރީންވުޑަށް ތައުރީފު ކޮށްފައެވެ.

"ގްރީންވުޑްގެ ފޯމް ރަނގަޅުވުމަށް އެންމެ ބޮޑަށް ބޭނުންވަނީ މުހިއްމު ގޯލްތައް. މިހާރު ދުނިޔޭގައި ކުޅުންތެރިން މިނެކިރަނީ ސްޓެޓިސްޓިކަލީ. އެހެންވީމަ ކިތައްމެ ވަރަކަށް ކުޅެފައިވެސް ގޯލް ނުޖެހޭ ނަމަ އެ ކުޅުންތެރިޔަކަށް އުނދަގޫތަކާ ދިމާވޭ،" ސޮލްސްޖާ ބުނެފައިވެއެވެ.

ޔުނައިޓެޑަށް ރޭގެ މޮޅާއެކު 30 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، އެޓީމަށް ގަދަ ހަތަރެއް ޔަގީން ކުރުމަށް ވަނީ ފުރުސަތު ފަހިވެފައެވެ. މިވަގުތު ދެވަނައިގައި ޔުނައިޓެޑް އޮތްއިރު، ސިޓީ އެއްވަނައިގައި އޮތީ 31 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ.