ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، އެ މެންބަރުން ނިސްބަތްވާ ދާއިރާތަކަށް ރަސްމީ ދަތުރުތައް ކުރެވޭނީ ރައްޔިތުންގެ މަޖިލިސް އިދާރާއިން ހުއްދަ ލިބިގެން ކަމަށް ކަނޑައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުންގެ ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ކޮބައިކަން ކަނޑައަޅައިދިނުމާ ބެހޭގޮތުން މަޖިލީހުގެ އާއްމު ކޮމިޓީން ނިންމުމެއް ނިންމަވާފައިވާ ކަމަށެވެ.

މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރު ތަކަކީ ރަސްމީ ދަތުރުތަކެއްގެ ގޮތުގައި ކަނޑައެޅިދާނެ ކަމަށާއި، އެގޮތުން މެންބަރުން ދާއިރާތަކަށް ކުރައްވާ އެ ދަތުރަކާބެހޭ މައުލޫމާތާއެކު ދަތުރު ކުރެއްވުމުގެ ހުއްދައަށް އެދިވަޑައިގެން މަޖިލިސް އިދާރާގައި ލިޔުމުން އެދެންވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެގޮތަށް މެންބަރުން ދަތުރުތައް ކުރައްވަން ވާނީ މަޖިލީހުގެ އިދާރާއިން އެކަމަށް ހުއްދަ ދިނުމުން ކަމަށާއި މެންބަރުން ދާއިރާތަކަށް، ރަސްމީ ދަތުރު ކުރައްވާއިރު މަޖިލީހުގެ ހާޒިރީ އާއި ކޮމިޓީގެ ހާޒިރީގައި އެ މެންބަރަކު ފާހަގަކުރައްވާނީ، ރަސްމީ ދަތުރުގައި ވާގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

ރަސްމީ ދަތުރުގައި ތިއްބަވާ މެންބަރުން މަޖިލިސް ކޮމިޓީއެއްގައި ބައިވެރިވާން އެދިވަޑައިގެންފި ނަމަ އޮންލައިންކޮށް އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އެ މެންބަރަކަށް ދެއްވާނެ ކަމަށް ކޮމިޓީން ނިންމާފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މެންބަރުންނަށް ފުރުއްވޭނީ މަޖިލީހުގެ އަމީން އާއްމު ހުއްދަ ދެއްވުމުން ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"އިއްޒަތްތެރި މެންބަރުން ލިޔުއްވަން ޖެހޭނީ އިދާރާއަށް އެހެންވީމާ އަމީން އާއްމު ހުއްދަ ދެއްވިއްޔާ ދަތުރު ކުރެއްވޭނީ އިދާރާއިން އެކަން ކަނޑައަޅާ ނިންމަން މިއޮތީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.