ކައުންސިލްގެ ގާނޫނާއި ގަވާއިދާއި އިނާމު ކޮމިޓީގެ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ފާސްކޮށްފައި ނުވާނެ ކަަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވެއްޖެއެވެ.
ޝަހުބާން މިގޮތަށް ވިދާޅުވެފައި މިވަނީ ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށްފަހު އެމްއެމްސީގެ ނޫސްވެރިކަމުގެ އިނާމާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު ޝަފާއު ހަސަން އިއްޔެ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ޝަހުބާން ރޭ "ވަން" އަށް ވިދާޅުވީ ކައުންސިލްގެ ގާނޫނާއި ގަވާއިދާއި އިނާމު ކޮމިޓީގެ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކައުންސިލުން ނިންމައި، ފާސްކޮށްފައި ނުވާނެ ކަމަށެވެ.
މުހައްމަދު ޝަފާއު އިސްތިއުފާދެއްވައި އެމްއެމްސީގެ ރައީސަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، ނޫސްވެރިންނަށް ދޭ އިނާމާ ބެހޭގޮތުން އިނާމު ކޮމިޓީން މަޝްވަރާކޮށް ގެނެސްފައިވާ ނިންމުންތައް ބަދަލުކޮށް އިނާމާ ގުޅުވައިގެން އެމްއެމްސީން ގެންނަ ނިންމުންތަކަކާ ގުޅިގެން ރާއްޖޭގެ މީޑިއާތައް އަދި ވަކިވަކި ނޫސްވެރިން މާޔޫސްވެ ކަންބޮޑުވެދާނެ ކަންތައްތަކެއް އަބަހުރި ކަމަށެވެ.
އެގޮތުން ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވުމުން، ގިނަ މީޑިއާތަކެއްގެ އެދުމުގެ މަތިން އެ މުއްދަތު އިތުރު ކުރިކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އޭގެ ފަހުން އިތުރަށް ފުރުސަތު ނުދޭން މުޅި ކައުންސިލުން ނިންމާފައިވަނިކޮށް ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް އަނެއްކާވެސް މުއްދަތު އިތުރު ކުރި ކަމަށް ޝަފާއުގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.
އިނާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އިނާމު ލިބޭ ފަރާތްތައް ހޮވުމަށް އެކުލަވާލި ފަނޑިޔާރުންނާ ގުޅޭގޮތުން ވެސް ޝަފާއު ވަނީ ނުތަނަވަސްކަން ފާޅުކުރައްވައިފަ އެވެ. މީގެ ކުރިން އެ ފަނޑިޔާރުންނާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އައިސްފައި ނުވި ނަމަވެސް މިފަހަރު ފަނޑިޔާރުން ހަމަޖެއްސި ގޮތާ މެދު ބަލައިގަންނަން ދަތި ގިނަ ކަންތައްތަކެއް ހިނގައި ގޮސްފައިވާ ކަމަށެވެ.
"އިނާމަށް ކުރިމަތިލެއްވި ނޫސްވެރިންގެ ހައްގު ގެއްލިގެން ހިނގައިދާނެ ފަދަ ގޮތަކަށް ބައެއް މެންބަރުންގެ އަމަލުތައް ބަހައްޓަވައި ފަނޑިޔާރުންގެ ކޮމިޓީއެއް ނެގުމަކީ އަޅުގަނޑަށް ގަބޫލުކުރެވުނު ކަމަކަށް ނުވި އެވެ،" ޝަފާއުގެ އިސްތިއުފާގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު