ހެދިބޮޑުވުމުގައި ހާއްސަ އެހީ ބޭނުންވާ ކުދިންގެ ފަރުވާ އަދި ހިދުމަތްތައް ދިނުމަށް އައްޑޫ ސިޓީގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ހުޅުވުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ ނައިބު ރައީސް ފައިސަލް ނަސީމް މަޝްވަރާކުރައްވައިފި އެވެ.

މިއަދު ހެނދުނު ވާޗުއަލްކޮށް ބޭއްވެވި މި ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ނައިބު ރައީސް ވިދާޅުވީ، ހެދިބޮޑުވުމުގައި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންގެ ފަރުވާއާއި، ހިދުމަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުން ލިބޭނެގޮތް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

އެގޮތުން، ހުޅުމާލޭ ހޮސްޕިޓަލުގައި އެ ހިދުމަތްތައް ފެށުމަށްފަހު ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި އެ ހިދުމަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، މި ހިދުމަތްތައް ދިނުމުގައި ކަމާބެހޭ ހުރިހާ އިދާރާތަކެއްގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުމާއެކު ކުރިއަށްގެންދިއުމަކީ މުހިންމު ކަމެއް ކަމަށް ފައިސަލް ނަސީމް ވިދާޅުވި އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ބެލުމުގެ ދަށުން އައްޑޫ ސިޓީގައި ގާއިމުކުރާ މި ސެންޓަރާ ގުޅޭގޮތުން އެ ހޮސްޕިޓަލުގެ ފަރާތުން ވަނީ މި ބައްދަލުވުމުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅައިފަ އެވެ. ދެކުނު ސަރަހައްދުގެ އަތޮޅުތަކަށް އަމާޒުކޮށް ގާއިމުކުރާ މި ސެންޓަރުގައި ހިދުމަތް ދިނުމުގައި ކްލިނިކަލް ސައިކޮލޮޖިސްޓަކާއި، އޮކިއުޕޭޝަނަލް ތެރަޕިސްޓެއްގެ އިތުރުން ސްޕީޗް ތެރަޕިސްޓެއްވެސް ހިމެނޭގޮތަށް މަލްޓި ޑިސިޕްލިނަރީ ޓީމެއް ހިމެނޭނެ އެވެ. އަދި، އައްޑޫ ދަމަނަވެށި އިމާރާތުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ މި ސެންޓަރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ހުރިހާ ފަރުވާއެއް ލިބޭނެގޮތަށް އިސްކަންދީގެން އަދި އައްޑޫ ސިޓީގައި ކުރިއަށްގެންދާ ސްޕެޝަލް ނީޑް ކްލާސްތަކާއި އެފަދަ ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާވެސް ގުޅިގެން ވަށާޖެހޭ ގޮތެއްގަ އެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި، އައްޑޫގެ ކަމާ ގުޅޭ ދާއިރާގެ ބޭފުޅުންނާއި، ބައެއް މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.