ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ހޮންގް ކޮންގް އެންޑް ޝަންހާއީ ބޭންކިން ކޯޕަރޭޝަން ލިމިޓެޑް (އެޗްއެސްބީސީ) އިން ދިވެހި ސަރުކާރަށް 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގައިފިއެވެ.
އެސްޓީއޯގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ކޮވިޑުން އަރައިގަތުމަށް އެހީވުމުގެ ގޮތުން މި ލޯނު ދިނީ މިދިޔަ ފެބްރުއަރީ މަހުގައި ކަމަށާއި އެ ލޯނުގެ ފައިސާ ވެސް މިހާރު ދީފައިވާ ކަމަށެވެ.
މި ލޯނު އަނބުރާ ދައްކަން ޖެހޭނީ ތިން އަހަރުގެ ތެރޭގައެވެ. އަދި މި ލޯނު މެނޭޖުކުރާނީ ފިނޭންސް މިނިސްޓްރީންނެވެ. ނަމަވެސް ލޯނުގެ އިންޓަރެސްޓު ރޭޓާއި ލޯނުގެ ބައެއް ތަފުސީލުތައް އޮފިޝަލު ވިދާޅެއް ނުވެއެވެ. އޭނާ ވިދާޅުވީ، ލޯނު ދިނީ ކުޑަ އިންޓަރެސްޓު ރޭޓެއްގައި ކަމަށެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ދިމާވި ދަތިތަކަށް އެހީވުމަށް އެސްޓީއޯ މެދުވެރިކޮށް ބައިނަލްއަގުވާމީ އެކި މުއައްސަސާތަކުން ދިވެހި ސަރުކާރަށް 62 މިލިއަން ޑޮލަރުގެ ލޯނު ފޯރުކޮށްދީފައިވާ ކަމަށެވެ.
ކުރިމަގުގައި މާލީ ވުޒާރާތަކާއެކު އެސްޓީއޯ އިން ބާއްވާ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު