އިންޑިއާގައި ކޮވިޑުގެ ދެވަނަ ރާޅާއެކު ގިނަ އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވަމުންދާ އިރު، ބޮލީވުޑް އިންޑަސްޓްރީންވެސް ދަނީ ގިނަ ތަރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އެގޮތުން މިއަދު އަކްޝޭ ކުމާރު ކޮވިޑަށް ޕޮޒިޓިވްވި ހަބަރު ފާހަގަކޮށްލެވެއެވެ.
އަކްޝޭ މިއަދު ކޮށްފައިވާ ޓުވީޓުގައި ބުނެފައިވަނީ، އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން މިއަދު ހެނދުނު އޭނާއަށް އަންގާފައިވާ ކަމަށާއި އެ ވަގުތުން ފެށިގެން އޭނާ ހުރީ އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ގޭގައި ކަރަންޓީނުވެގެން ކަމަށެވެ. އަދި އޭނާއާ ގާތުން ބައްދަލުވި އެންމެން ޓެސްޓުކުރުމަށް އެދިފައިވެއެވެ. ބަލިން ރަނގަޅުވެގެން އޭނާ ވަރަށް އަވަހަށް އަންނާނެކަމުގައިވެސް އޭނާ ބުނެފައިވެއެވެ.
އަކްޝޭ އަންނަނީ އިންޑިއާގައި ކޮވިޑުގެ ސަބަބުން އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއިތައް ދިން ހިސާބުން ފިލްމުތަކުގައި ބުރަކޮށް މަސައްކަތްކުރަމުންނެވެ. އެގޮތުން ''ބެލް ބޮޓޮމް'' އަދި ''އަތްރަންގީ ރޭ'' ގެ ޝޫޓިން ނިންމައި، ''ރާމް ސޭތޫ'' މަސައްކަތް ވަނީ މި ނިމުނު ހަފުތާގެ ތެރޭގައި ފަށައިފައެވެ.
އަކްޝޭ އަކީ ފިލްމު އިންޑަސްޓްރީގެ އިތުރުން، ކޮވިޑް ކޮންޓްރޯލްކުރުމަށްޓަކައި ސަރުކާރާ ގުޅިގެން ގާތުން މަސައްކަތްކުރަމުން އަންނަ ތަރިއެކެވެ. އަދި އެގައުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ރިލީފް ފަންޑަށް ދީލަތި އެހީއެއް ވެދީފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
ފާއިތުވި ދުވަސްތަކުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި ތަރިންނަށް ބަލައިލާ އިރު، މިދިޔަ ބުރާސްފަތި ދުވަހު އާލިއާ ބަޓް ކޮވިޑް ޕޮޒިޓިވްވި ހަބަރު ހިއްސާކުރީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފިލްމީ ތަރި ރަންބީރު ކަޕޫރު މި ބަލިން ރަނގަޅުވިތާ ކުޑަދުވަސްކޮޅެއްވިތަނާއެވެ. ރަންބީރު ކަޕޫރު ކޮވިޑަށް ޕޮޒިޓިވްވި ހަބަރު އޭނާގެ މަންމަ ނީތޫ ކަޕޫރު ހާމަކުރީ މިދިޔަ މަހުގެ ނުވަވަނަ ދުވަހުއެވެ.
ފިލްމީ ތަރި ކާތިކް އާރުޔަން ޕޮޒިޓިވްވި ހަބަރު މިދިޔަ މަހުގެ 22 ގައި ލިބިފައިވެއެވެ. އާމިރް ހާން އެ މަހުގެ 18 ގައި ކޮވިޑަށް ޕޮޒިޓިވްވި ހަބަރު ހިއްސާކުރީ އޭނާގެ ފަރާތުން ހަވާލާދީ ނެރުނު ބަޔާނެއްގައެވެ.
އޭގެ ކުޑަދުވަސްކޮޅެއް ފަހުން އާމިރާއެކު ފިލްމު ''ތުރީ އިޑިއަޓްސް'' އިން ފެނުނު މަދާވަން ވަނީ ބަލިޖެހިފައިވާކަން ހާމަކޮށްފައެވެ. އެ ފިލްމުގެ ކެރެކްޓާއަށް ނިސްބަތްކޮށް އޭނާ ބުނެފައިވަނީ ''ރާންޗޯ ފަހަތުން ފަރުހާން އަބަދުވެސް ދާނެ، އަދި އަހަރެމެންގެ ފަހަތުން ވައިރަސް އަބަދުވެސް ދުވާނެ. އެކަމަކު މިފަހަރު ވައިރަސް އަހަރެންނާ އަރާ ހަމަކޮށްފި،'' މަޖާ ޕޯސްޓެއްގައި މަދާވަން ޕޮޒިޓިވްވި ކަމަށް ބުނެފައިވެއެވެ.
އާމިރާއެކު ފިލްމު ޑަންގަލް އަދި ތަގްސް އޮފް ހިންދުސްތާނުން ފެނިގެންދިޔަ ފާތިމާ ސަނާ ޝޭހު ކޮވިޑަށް ޕޮޒިޓިވްވި ހަބަރު އެންގީ މިދިޔަ މަހުގެ 29 ގައެވެ.
މީގެ އިތުރުންވެސް ކޮވިޑަށް ހުށަހެޅިފައިވާ ތަރިންގެ ތެރޭގައި މަނޯޖު ބަޗްޕާއީ، ތާރާ ސުތާރިއާ، ސަތީޝް ކޯޝިކް، ޕަރޭޝް ރާވަލް، ރޯހިތު ސަރަފް، ވިކްރާންތު މަސީ ހިމެނެއެވެ. މިދިޔަ އަހަރު އަމީތާބު، އަބީޝޭކް އަދި އައިޝްވާރިޔާ އާއި އެމީހުންގެ ދަރިފުޅު އަރާދިޔާ ބަޗަން ވަނީ ޕޮޒިޓިވްވެފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން