ކުޅިވަރު

ޕީއެސްޖީ ދެވަނައަށް، ނޭމާއަށް ރަތެއް

ފްރާންސް ލީގުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީ ބަލިކޮށް، ލިލް އިން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

މިދިޔަ ތިން ސީޒަންގައި ވެސް ފްރާންސް ލީގު ޕީއެސްޖީ ނަގާފައިވާއިރު، ރޭގެ ނަތީޖާއާއެކު މިއަހަރު ލީގަށް އެޓީމުން ކުރަމުން އައި އުންމީދަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. މެޗު 1-0 ގެ ނަތީޖާ އަކުން ލިލް ކާމިޔާބު ކޮށްފައިވާއިރު، އެޓީމު އެއްވަނައިގައި އޮތީ 31 މެޗުން 66 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ޕީއެސްޖީ އޮތީ 31 މެޗުން ހޯދި 63 ޕޮއިންޓާއެކުގައެވެ.

ރޭގެ މެޗުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާއަށް ދެއްކި ރަތް ކާޑަށެވެ. އާންމު ގޮތެއްގައި މެޗުތަކުން ބަލިވެގެންދާއިރު، ރުޅި ގަދަ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ނޭމާއާއި ލިލްގެ ޑިފެންޑަރު ޖާލޯއާއި ދެމެދު ހިނގި ކަމެއްގެ ސަބަބުން ރެފްރީ ވަނީ އެ ދެކުޅުންތެރިންނަށްވެސް ރަތް ކާޑު ދައްކާފައެވެ.

މެޗު ނިންމައި ޑްރެސިން ރޫމަށް ވަދެގެން ދިޔައިރުވެސް ނޭމާ ރުޅި ގަދަ ވެ، ހަޅޭލަވަމުން ދިޔައިރު، ރޭގެ މެޗުގައި ދެއްކި ރަތް ކާޑަކީ މި ސީޒަންގެ ލީގުގައި ނޭމާއަށް ދެއްކި ދެވަނަ ރަތް ކާޑެވެ.

ރޭގެ މެޗުގައި ލިލް އިން ޖެހި ހަމައެކަނި ގޯލް އެޓީމުގެ ޖޮނަތަން ޑޭވިޑް ޖަހައިދިންއިރު، އެޓީމުން މީގެ ކުރިން އެންމެފަހުން ލީގު ނަގާފައި ވަނީ 2010-11 ވަނަ އަހަރުގެ ސީޒަންގައެވެ.