ކުޅިވަރު

ސަސްއިން މާޒިޔާ ހިފަހައްޓައިފި

ދިރާގު ޕްރިމިއާ ލީގުގައި ރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އިން ލީގުގައި ބަލި ނުވެ އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ހިފަހައްޓައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން ނިމިފައިވާއިރު، އެ ނަތީޖާއާއެކު މާޒިޔާ ލީގުގެ އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާއެކު ގައެވެ. މާޒިޔާ އަށް 11 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު, ދެ ވަނައިގައި އޮތް ވެލެންސިއާ އަށް 10 މެޗުން ވަނީ 18 ޕޮއިންޓް ލިބިފައެވެ. ވެލެންސިއާ މި ހަފުތާގައި ކުޅެން އޮތީ އީގަލްސްއާ ދެކޮޅަށެވެ. އެކަމަކު އީގަލްސް އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅޭ މެޗު އޮތުމުން ވެލެންސިއާ އާ ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފައެވެ.

ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ސަސް ވަނީ ލީގުގެ ހަވަނައަށް ޖެހިލައިފައެވެ.

މެޗު ފަށައިގެން މާޒިޔާ އިން މެދުތެރޭގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކަމުންދިޔައިރު, ސަސްގެ އިން ވަނީ ފަހަތަށް ޓީމު ޖައްސައި ޕެކް ކޮށްފައެވެ. މާޒިޔާގެ ފުރަތަމަ ހަމަލާ އުފެއްދީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މެޗުގެ 17 ވަނަ މިނެޓްގައި އޭރިއާބޭރުން ހަމްޕު ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަހުން ހާފް ނިމުމުގެ ކުރިން މާޒިޔާ އަށް ލީޑު ނަގައިދޭން ޓީމުގެ ޖަޕާންގެ މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާ (ޓަކާ) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ޓަކާ ފޮނުވާލި ބާރު ބޯޅަ ސަސްގެ ކެޕްޓަން އަބްދުالله ހަނީފް (ބެންޖޯ) ވަނީ ބްލޮކް ކޮށްފައެވެ.

އޭގެ ހަތަރު މިނިޓް ފަހުން ސަސް އިން ވަނީ ލީޑު ނެގުމާ ގާތަށް ޖެހިލައިފައެވެ. ސަސްގެ ހާފްގެ ތެރެއިން އެ ޓީމުގެ ޖަޕާންގެ މިޑްފީލްޑަރު އެއިސޫކޭ މޯރީ މަތިމަތިން ނަގައިދިން ބޯޅަ މާޒިޔާގެ އޭރިއާ ބޭރުން ހޯދުމަށް ފަހު ސަސްގެ މޮރޮކޯ މިޑްފީލްޑަރު އަޖްނާން މުހައްމަދު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށީ މާޒިޔާއިންނެވެ. ނާއިޒް ހަސަން (ދާދު) ކުޅެން ނުކުތްތާ މާ ގިނައިރެއް ނުވެ އޭނާ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ވަނީ ދަނޑިއަށްވެސް އަމާޒު ވެފައެވެ. އޭގެ ފަހުންވެސް މާޒިޔާއިން ހަމަލާތައް އުފައްދަން މަސައްކަތްތަކެއް ކޮށް، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވެއެވެ. އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ޖެހި ދެ ބޯޅަ އެއް ސަސްގެ އުޒްބެކިސްތާން ގޯލްކީޕަރު މިރުޒޮހިދު ވަނީ މަތަކޮށްފައެވެ.

ލީގުގައި ދެން މެޗެއް އޮންނާނީ މިރެއެވެ. އެއީ ދަ ގްރާންޑޭއާއި ގްރީން ބައްދަލުރާ މެޗެވެ.