ރ. މަޑުއްވަރީގައި ކުރިއަށް ދިޔަ އިހުތިޖާޖެއްގެ ތެރެއިން ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 10 މީހުން ދޫކޮށްލައިފިއެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުޑަ އަންހެން ކުއްޖަކަށް އިންސާފު ހޯދައި ދިނުމަށް މަޑުއްވަރީގައި ކުރި އިހުތިޖާޖުގެ ތެރެއިން ހަމަނުޖެހުން ހިންގި މައްސަލައިގައި 10 މީހަކު ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭގަ އެވެ. އެ 10 މީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

ފުލުހުން އޭރު ބުނީ، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ މަޑުއްވަރީގައި ހަމަނުޖެހުން ހިންގައި ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާދީފައިވާ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

މަޑުއްވަރީގެ ގިނަ އަދަދެއްގެ މީހުން އިހުތިޖާޖަށް ނުކުތީ ޖިންސީ ގޯނާގެ މައްސަލަ ރިޕޯޓުކޮށް އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު ވެސް އެ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިނުވާތީއެވެ. އަދިވެސް އެ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

އެ މައްސަލައިގައި ޖިންސީ ގޯނާގައި ލިބުނު ކުއްޖާ ވަނީ މާލެ ގެނެސް، ޑޮކްޓަރަށް ދައްކައިފައެވެ. އަދި ކުއްޖާ މިހާރު ހުރީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް އެ ކުއްޖާ ރޭޕު ކުރި ކަމަށް އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.