ކުޅިވަރު

ކޮންމެ ޓީމަކުން ވެސް ނުކުންނަނީ ވަރުގަދަ ރޫޙެއްގައި މާޒިޔާ ބަލިކުރަން: ވިޑަކޮވިޗް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާރު ކޮންމެ ޓީމަކުންވެސް ރަނގަޅު ރޫހެއްގައި ނުކުންނަނީ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކުރުމަށް ކަމަށް ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ.

މާޒިޔާއިން ލީގުގެ އެއްވަނައިގައި މިވަގުތު އޮތީ 10 މެޗުން 24 ޕޮއިންޓާއެކުގައެވެ. އެޓީމު މިހާތަނަށް އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. މާޒިޔާ ބަލިކުރުމަށް ޓީމުތަކުން މަސައްކަތް ކުރާ ރޭޓް ބޮޑުތަނުން އިތުރު ކަމަށް ބުނަމުން ވިޑަކޮވިޗް ބުނެފައި ވަނީ މިރޭ ސުޕަ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުވެސް އުނދަގޫވާނެ ކަމަށެވެ.

"ކޮންމެ ޓީމެއް ވެސް މާޒިޔާ ބަލިކުރަން ބޭނުންވާނެ. އަހަންނަށް އެންމެ މުހިއްމު ކަމަކީ ޕްލޭޔަރުން އިމްޕްރޫވްކުރުން. އަހަންނަށް ހީވަނީ ކޮންމެ ޓީމެއް ވެސް މާޒިޔާއާ ދެކޮޅަށް ކުޅެން ވަރަށް ބޮޑަށް މޯޓިވޭޓްވެފައި ތިބެނީ. ކޮންމެ ޓީމެއް ވެސް މާޒިޔާއާ ދެކޮޅަށް 100 ޕަސެންޓް ދޭ. އެއީ މިހާރު މާޒިޔާ އަކީ ކޮންމެ ޓީމެއް ވެސް ބަލިކުރަން ޖެހޭ ބަޔަކަށް ވެފައި އޮންނާތީ. ކޮންމެ މެޗެއްގައި ވެސް 100 ޕަސެންޓް ދީގެން އަހަރެމެންނަށް ވެސް ދެން ވާން އޮތީ," ވިޑަކޮވިޗް ބުނެފައިވެއެވެ.

މާޒިޔާއަށް އަނެއްކާވެސް ބިދޭސީ ރަނގަޅު ކުޅުންތެރިންތަކެއް ޓްރާންސްފާ ކޮށްފައިވާއިރު، އެޓީމުން ވަނީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށްވެސް ތައްޔާރުވާން ފަށާފައެވެ. ޓީމުގައި ގިނަ ސްޓާ ކުޅުންތެރިންތަކެއް ތިބިއިރު، ވިޑަކޮވިޗް ފާހަގަކޮށްފައި ވަނީ ތަމްރީނުތަކަށް ބަލައި ކޮންމެ ކުޅުންތެރިޔަކަށްވެސް ފުރަތަމަ 11އަށް އެރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މެޗުގެ ކުރިން މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ސުޕަ ޔުނައިޓެޑްގެ އަމާޒަކީ ގަދަ ހައެއްގެ ތެރޭގައި އޮތުން ކަމަށާއި ރާއްޖޭގެ އެންމެ ވަރުގަދަ ޓީމު ކަމަށްވާ މާޒިޔާއާ ދެކޮޅަށް ސަސްއިން ފޯކަސްކޮށްގެން މަސައްކަތް ކުރަނީ ޕޮއިންޓެއް ނޫނީ ކާމިޔާބެއް ހޯދުމަށް ކަމަށެވެ. މާޒިޔާ ކައިރިން ޕޮއިންޓެއް ލިބުނު ނަމަވެސް އެއީ ބޯނަސްއެއް ކަމަށް މޯހަން ބުނެފައިވެއެވެ.