ކ. ހުރާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 129 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހުރާއިން ވަނީ އިތުރު 25 މީހަކު ޕޮޒިޓިވްވެފައެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 129 އަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 109 ދިވެހިންނާއި 20 ބިދޭސީންނެވެ.
ހުރާ އިން މާލެ ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން މިދިޔަ މަހުގެ 22 ވަނަ ދުވަހު އެ ރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. މިހާތަނަށް ހުރާ އިން 515 އަށްވުރެ ގިނަ ސާމްޕަލް ވަނީ ނަގައިފައެވެ.
ހުރާގައި ޕޮޒިޓިވްވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވުމުގެ ސަބަބުން ކަރަންޓީނުގައި 370 އަށްވުރެ ގިނަ މީހަކު އެބަތިއްބެވެ. އެ ރަށުން ރެންޑަމް ސާމްޕަލްތަކެއް ވެސް ނަގާފައިވާ އިރު، މިހާރު އިސްކަން ދެނީ އަލާމާތްތައް ހުރި މީހުން ޓެސްޓުކުރުމަށް ކަމަށް އެރަށު ސިއްހީ މަރުކަޒުން ވަނީ މީގެ ބުނެފައެވެ.
ކޮވިޑް ފެތުރެމުންދާ ރަށްރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ އިރު، ހުރާގައި ވެސް ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިއުން ފިޔަވައި އެހެނިހެން ބޭނުންތަކަށް، މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު