ހދ. ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީން އިފްތިތާހުކޮށްފިއެވެ.
މި މަޝްރޫއުގެ މަސައްކަތް އިފްތިތާހުކޮށްދެއްވާފައިވަނީ، ކުމުންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އާއި ކުމުންދޫ ކައުންސިލުގެ ރައީސް މުހައްމަދު ހުސެން އާއި ކައުންސިލުގެ ނައިބު ރައީސް ހަސަން ހުސެން އާދަމްއެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ ކުންފުނީގެ މެނޭޖްމެންޓުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ކުމުންދުއަށް ގެނެވި، ހޮޅި ވަޅުލުމުގެ މަސައްކަތާއި އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތައްވެސް މިހާރު އަންނަނީ ކުރަމުންނެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި 14 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބެހެއްޓުން ހިމެނެއެވެ. އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.
މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި ދިހަ ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކުރުމާއި 2.4 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ފަސް ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމުކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާގެ ކަނެކްޝަން ގުޅައިދީ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖައްސައިފައެވެ.
ކުމުންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ ޖުމުލަ 102 މިލިއަން ދިވެހި ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއު ހަވާލުކޮށްފައިވަނީ 22 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު