ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 20 އަހަރު ފުރުން ފާހަގަކޮށްފިއެވެ.
އެ ކުންފުންޏަށް 20 އަހަރު ފުރުން ފާހަގަކޮށްފައިވަނީ އިއްޔެ ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ހުރިހާ މުވައްޒަފުން ބައިވެރިވެފައިވާ އިރު، ކުންފުނީގައި ފެށުނީންސުރެ ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ވަނީ ހާއްސަ ހަނދާނީ ފިލައެއް އަރުވައިފައެވެ. މި ހަނދާނީ ފިލާ ޖުމުލަ ނުވަ ބޭފުޅަކަށް ވަނީ ހަވާލުކުރެވިފައެވެ.
މީގެ އިތުރުން އެ ކުންފުނީގެ 20 އަހަރުގެ ރަން ތާރީހުގައި އެކި ގޮތްގޮތުން އަގުނުކުރެވޭ ވަރުގެ ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ހަތަރު ބޭފުޅަކަށް ވަނީ ސްޕެޝަލް ރެކޮގްނިޒިޝަން އެވޯޑެއް ދީފައެވެ. އޭގެ ތެރޭގައި އެޗްޑީޔޫގެ ނަމުގައި އެ ކޯޕަރޭޝަންގެ މަސައްކަތްތައް ހިންގަމުން ދިޔަ ދުވަސްތަކުގައި ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދާކުރެއްވި މައުރޫފް ޖަމީލް، އެޗްޑީސީގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު އަދާކުރެއްވި މަހްޖޫބް ޝުޖާއު، އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި ފަޔާޒް މަންސޫރާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވަމުންގެންދަވާ ސުހައިލް އަހްމަދު ހިމެނިވަޑައިގަންނަވައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވަނީ ހިދުމަތުގައި 20 އަހަރު ހޭދަކޮށްފައިވާ ބޭފުޅުންގެ އަގުވަޒަންކުރައްވައި އެބޭފުޅުންނަށް ޝުކުރު ދަންނަވައިފައެވެ. އަދި އެންމެ ހަތަރު މުވައްޒަފުންނާއެކު ފެށި އެޗްޑީސީގައި މިހާރު ތިބި 1000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތުގެ އަގުވަޒަންކޮށް ސުހައިލް ވަނީ އެ މުވައްޒަފުންނަށް ހިތްވަރުދެއްވައިފައެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މައުރޫފު ޖަމީލް ވިދާޅުވީ، ހިޔާލީ ފޮލޮއެއްކަމަށް އޭރު ގިނަ ބަޔަކު ދެކުނު ހުޅުމާލެ ހަގީގަތަކަށް ހެދުމަށް އެޗްޑީސީގެ މުވައްޒަފުން ބުރަ މަސައްކަތްތަކެއް ކުރި ކަމަށެވެ.
މި ރަސްމިއްޔާތުގައި ދުވަހުގެ މުނާސަބާތުގައި ބޭނުންކުރާނެ ހާއްސަ ލޯގޯއެއް ވަނީ އިފްތިތާހުކޮށްފައެވެ.
އެޗްޑީސީއަށް 20 އަހަރު ފުރިގެން ދިޔަ އިރު، ކުންފުންޏަށް ވަނީ އެތައް ބަދަލެއް އައިސްފައެވެ. މިގޮތުން ހުޅުމާލޭގެ އިތުރުން ގުޅީފަޅު އަދި ތިލަފުށި ތަރައްގީކުރުން އެ ކުންފުނީގެ އިހުތިސާސްގެ ތެރޭގައި ވަނީ ހިމެނިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު