އަމިތާބް ބަޗަން އަދި އޭނާގެ އާއިލާގެ މެންބަރުންގެ ތެރެއިން ދަރިފުޅު އަބީޝެކް ފިޔަވައި، އެހެން މެންބަރުން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހައިފިކަމަށް އަމިތާބް މިއަދު ބުނެފިއެވެ. އަމީތާބް މިހެން ބުނެފައިވަނީ އޭނާގެ ބްލޮގުގައެވެ.
އަމިތާބް އާއި އޭނާގެ އާއިލާ އެންމެ ފުރަތަމަ ބޮލީވުޑް ތަރިންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް ވި ތަރިންގެ ތެރޭގައި މީގެ ކުރިން ހިމެނުނެވެ.
އެގޮތުން އަމިތާބާއި، އައިޝްވަރިޔާ އަދި އަބީޝޭކް ބަޗަންގެ އިތުރުން އެމީހުންގެ ދަރިފުޅު އަރާދިޔާ ބަޗަން ޕޮޒިޓިވް ވި ހަބަރު ވެގެންދިޔައީ އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް އޭރު ސިހުން ގެނުވި ހަބަރަކަށެވެ.
އަމީތާބު އަދި އޭނާގެ އާއިލާ ވެކްސިން ޖަހާފައިވާއިރު، އަބީޝެކް ބަޗަން މިވަގުތު ހުރީ ޝޫޓިންގަކަށް ސިޓީން ބޭރުގައި ކަމުން އޭނާ އަދި ވެކްސިން ޖަހާފައި ނުވާކަން، އަމިތާބް އޭނާގެ ބްލޮގުގައި ވަނީ ބުނެފައެވެ.
އަމިތާބު ބުނެފައިވަނީ، އޭނާ އަދި އޭނާގެ އާއިލާ އާއި މުވައްޒަފުން ކޮވިޑް ވެކްސިން ޖެހީ ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވުމުން ކަމަށެވެ.
އަމީތާބުގެ ކުރިއަށް ނުކުންނަން ހުރި ފިލްމުތަކުގެ ތެރޭގައި ރަންބީރު ކަޕޫރާއި އާލިއާބަޓާ އާއިއެކު ކުޅެފައިވާ ފިލްމު ''ބްރަހަމަސްތުރާ'' ހިމެނެއެވެ.
ރަންބީރު ކަޕޫރު ކޮވިޑަށް ޕޮޒިޓިވް ވެ ރަނގަޅުވެފައިވާއިރު ބޮލީވުޑްގެ މިއަދުގެ ފަލަ ސުރުހީ ތަކުގެ ތެރޭގައި އާލިއާ ބަޓް ކޮވިޑަށް ޕޮޒިޓިވް ވި ހަބަރު ހިމެނެއެވެ.