ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބު ބައްޗަންގެ އުމުރުން 83 އަހަރު ވެފައިވީ ނަމަވެސް، އޭނާގެ މަސައްކަތުގެ ސްޓްރެސްއާ ހެދި އަދިވެސް ރޭގަނޑުގެ ނިދި ނުލިބޭ ކަމަށް އޭނާ ބުނެފިއެވެ. ފަންސާސް އަހަރަށް ވުރެ ދިގު މުއްދަތެއްގައި ކާމިޔާބު ފިލްމީ ކެރިއަރެއް ބިނާކޮށްފައިވާ އަމީތާބަކީ އޭނާގެ މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމާއި ޝައުގުވެރިކަމަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވާ ފަންނާނެކެވެ.
އިންޑިއާގެ ސިނަމާގައި މިހާރު ވެސް އެންމެ ބުރަކޮށް އުޅޭ އެއް އެކްޓަރުގެ ގޮތުގައި ފާހަގަކުރެވޭ އަމީތާބު ބުނި ގޮތުގައި، ދުވަހުގެ މަސައްކަތް ނިމުމަށް ފަހު ވެސް އޭނާގެ ސިކުނޑީގައި އެނބުރެނީ މަސައްކަތުގެ ހިޔާލުތަކެވެ.
އަމީތާބުގެ އަމިއްލަ ބްލޮގްގައި އިއްޔެ ހެނދުނު އާންމުކުރި ޕޯސްޓެއްގައި އޭނާ ވަނީ މަސައްކަތުގެ ޝެޑިއުލް ބާރުބޮޑުކަމުން ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ ތަފްސީލުކޮށް ހިއްސާކޮށްފައެވެ. އޭނާ ބުނި ގޮތުގައި، ޝޫޓިންއެއް ނިންމުމަށް ފަހު ވެސް އެއަށް ވުރެ ފުރިހަމައަށް އެ މަންޒަރު ނެގިދާނެ ކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. އެހެންކަމުން، ޑައިރެކްޓަރުގެ ކިބައިން ހުއްދަ ހޯދައިގެން އަލުން އެ މަންޒަރު ޝޫޓުކުރި ކަމަށް އޭނާ ލިޔެފައިވެއެވެ.
އަމީތާބު ބުނީ އެ މަންޒަރު ކުރިން ނެގި ވަރަށް ވުރެ ރަނގަޅުވިކަމެއް ނުވަތަ ނޫންކަމެއް ނޭނގޭ ކަމަށާއި، އެކަން އެނގޭނީ ފިލްމު ބަލާ މީހުންނަށް ކަމަށެވެ. މިކަންކަމާ މެދު ވިސްނަން ހަދައިގެން ނުނިދި އުޅެނިކޮށް ހެނދުނުވި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
މީގެ އިތުރުން، އެހެން ޕޯސްޓެއްގައި އޭނާ ވަނީ ދުވާލެއްގެ މައްޗަށް އޮންނަ 24 ގަޑިއިރުގެ ވަގުތު ކުޑަކަމުން، ދުވާލެއްގައި 36 ގަޑިއިރު އޮންނަން ޖެހޭ ކަމަށް ބުނެފައެވެ. އޭނާ ފާހަގަކުރި ގޮތުގައި، ކުރަން ހުރި މަސައްކަތްތަކާއި، ދަސްކުރަން ހުރި ކަންކަމާއި، ތަންފީޒުކުރަން ހުރި ކަންކަން ގިނަވުމުން 24 ގަޑިއިރަކުން ނުފުދެއެވެ. އަދި ދުވާލަކު 36 ގަޑިއިރު ލިބުނު ނަމަވެސް، އިންސާނާގެ ތަބީއަތް ހުންނަ ގޮތުން ދެން ބޭނުންވާނީ 48 ގަޑިއިރު ކަމަށް އޭނާ ފަލްސަފާވެރި ގޮތަކަށް ބުނެފައިވެއެވެ. ވަގުތުގެ ފުރޮޅި ހުއްޓުމެއް ނެތި އެނބުރެމުންދާ ކަމަށް ބުނެ، އޭނާ ވަނީ މަސައްކަތްތަކައިގެން ކުރިއަށް ދިއުމަށް އަޒުމް ކަނޑައަޅާފައެވެ.
އުމުރުން ދުވަސްވެ، މަސައްކަތް ގިނަވުމުގެ ސަބަބުން އަރާމުކުރާނެ އެކަށީގެންވާ ވަގުތު ނުލިބުނު ކަމުގައި ވިޔަސް، އަމީތާބު އަންނަނީ އޭނާގެ އާންމު ދިރިއުޅުމުގެ އާދަތައް ހިފަހައްޓައި، ފިލްމީ މަސައްކަތްތަކަށް ފުރިހަމައަށް ވަގުތު ދެމުންނެވެ. އޭނާގެ މި ބުރަ މަސައްކަތާއި ހިތްވަރުގެ ސަބަބުން ގިނަ ސަޕޯޓަރުންނަށް އަންނަނީ އިންސްޕިރޭޝަން ލިބެމުންނެވެ. އެކި ޕްރޮޖެކްޓުތައް އެއްފަހަރާ ކުރިއަށް ގެންދާއިރު، އޭނާގެ ސިއްހަތާއި އުމުރަށް ބަލައި ގިނަ ބަޔަކު ހައިރާންކަން ފާޅުކުރެއެވެ.
އަމީތާބު ދެން އެންމެ އަވަހަށް ފެނިގެންދާނީ 2024 ވަނަ އަހަރު ނެރުނު ކާމިޔާބު ސައިންސް ފިކްޝަން ފިލްމު “ކަލްކީ 2898 އޭޑީ” ގެ ސީކުއެލްއިންނެވެ. ނާގް އަޝްވިން ޑައިރެކްޓުކުރާ މި ފިލްމުގައި އަމީތާބު އަދާކުރާނީ ފުރަތަމަ ބައިގައި ވެސް އޭނާ ކުޅުނު “އަޝްވަތާމާ” ގެ ރޯލެވެ. މި ފިލްމުގެ ލީޑު ރޯލުތަކުން ޕްރަބާސް އާއި ކަމަލް ހަސަން ވެސް ފެނިގެންދާނެއެވެ. ފުރަތަމަ ފިލްމަށް ބޮކްސް އޮފީހުގައި 1000 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާއިރު، ދެވަނަ ބަޔަށް ކުރެވޭ އުންމީދުތައް ވަރަށް ބޮޑު ކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ.
މި ފިލްމުގެ ކާސްޓާ ގުޅޭ ގޮތުން ދާދި ފަހުން ވަނީ ތަފާތު ވާހަކަތަކެއް ފެތުރިފައެވެ. ފުރަތަމަ ބައިން ފެނިގެންދިޔަ ދީޕިކާ ޕަދުކޯންގެ ބަދަލުގައި، ސައި ޕައްލަވީ މި ފިލްމުގެ “އެސްޔޫއެމް-80” ގެ ރޯލަށް ހަމަޖައްސާފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ. ނަމަވެސް، ފިލްމު އުފައްދާ ފަރާތުން ބުނެފައިވަނީ އެކަމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށާއި، ރަސްމީކޮށް އިއުލާންކުރަންދެން މަޑުކުރުމަށެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، މި ފިލްމުގެ ޝޫޓިން 2027 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ނިންމާލުމަށް ފަހު، ސިނަމާތަކަށް ނެރުމަށް ތާވަލުކޮށްފައިވަނީ 2027 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް