ޓްރާންސް ޓޯކްސް

ހާލަންޑުގެ ބައްޕައާއެކު އެޖެންޓް ޔޫރޯ ޓުއާއަކަށް

ދުނިޔޭގެ ފުޓުބޯޅައިގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ، އާލިން ހާލަންޑުގެ ބޮޑު ޓްރާންސްފާއަކަށް ތައްޔާރުވުމުގެ ގޮތުން އެޖެންޓް މިނޯ ރައިއޯލާއާއި ހާލަންޑްގެ ބައްޕަ ޔޫރަޕްގެ ބޮޑެތި ކްލަބުތަކާ ބައްދަލުކޮށްފިއެވެ.

ހާލަންޑްގެ ބައްޕަ އަލްފް އިންގާއެކު ރައިއޯލާ އިއްޔެ ސްޕެއިންއަށް ގޮސްފައިވާ އިރު، އެ ވާހަކަތައް ވަނީ މީޑިއާގެ ސުރުހީތަކަށް އަރައިފައެވެ. ފުރަތަމަ ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާއާ ބައްދަލުކުރުމަށްފަހު ރެއާލް މެޑްރިޑަށް ގޮސް، އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒްއާވެސް ހާލަންޑްގެ އެޖެންޓް ރައިއޯލާ ވަނީ ބައްދަލުކޮށްފައެވެ.

ސްޕެއިންގެ ނޫސްތަކުން ބުނެފައިވަނީ ހާލަންޑް މީހުންނާ ބައްދަލުކޮށްފައިވަނީ ސިއްރުން ނޫން ކަމަށާއި އެކަން އެޖެންޓް ކުރިއަށްގެންދަނީ ފާޅުގައި ކަމަށެވެ. އަދި އެ ވާހަކަތައް މީޑިއާއަށް ތިލަކޮށްލުމަކީވެސް އެޖެންޓް ބޭނުންވާ ގޮތް ކަމަށް ސްޕެއިން ނޫސްވެރިން ވަނީ ފާހަގަކޮށްފައެވެ.

ބާސާގެ ދަރަނި ބޮޑުވެ، ކްލަބަށް އުނދަގޫ ހާލަތެއް ކުރިމަތިވެފައި އޮތް ނަމަވެސް އުމުރުން 20 އަހަރުގެ ހާލަންޑް ހޯދަން އެ ކްލަބުން މަސައްކަތް ކުރުމުން ދޭހަވަނީ، ކެޕްޓަން ލިއޮނަލް މެސީއާއެކު ކްލަބު އަދިވެސް ޔޫރަޕްގެ ގަދަ ބާރުތަކާ ވާދަކުރަން ތައްޔާރަށް އޮތް ކަމެވެ. ސްޕެއިންގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބާސާގެ ރައީސް ލަޕޯޓާގެ އިންގިލާބުގެ ފެށުމަށް ހާލަންޑް ހަދަން ކްލަބުން ބޭނުންވެއެވެ.

ބާސާގެ ވާދަވެރި ރެއާލްއިންވެސް ހާލަންޑް ހޯދަން ބޭނުންވެ، އިއްޔެ އެކަމުގެ މަޝްވަރާތައްވެސް ކޮށްފައިވާއިރު، ބެލެވޭ ގޮތުގައި އަދިވެސް ރެއާލްގެ އެންމެ ބޮޑު ޓާގެޓަކީ ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭއެވެ.

ސްޕެއިންއާ ހަމައިން ބައްދަލުވުންތައް ނިންމާލަން ހާލަންޑްގެ އެޖެންޓް ރައިއޯލާ ބޭނުން ނުވާ ކަމަށް އިތުބާރު ހުރި ނޫސްވެރިން ވަނީ ބުނެފައެވެ. އެގޮތުން މިއަދު އިނގިރޭސިވިލާތަށް ގޮސް، މެންޗެސްޓާ ދެ ކްލަބުގެ އިތުރުން ޗެލްސީއާވެސް ބައްދަލުކުރުމަށް ނިންމާފައިވާ ކަމަށް ނޫސްތަކުން ބުނެއެވެ. އެ ކްލަބުތަކުގެ ތެރެއިން ހާލަންޑް ގެންދިޔުން އެންމެ ގާތި މެންޗެސްޓާ ސިޓީން ކަމަށް ނޫސްތައް ބުނެއެވެ.

މި ސީޒަނުގައިވެސް މިހާތަނަށް ބުންޑަސްލީގާގައި 21 ގޯލު ޖަހައި، ޗެމްޕިއަންސް ލީގުގައި ކުޅުނު 14 މެޗުން 20 ގޯލު ޖަހައިދީފައިވާ ހާލަންޑަކީ މިވަގުތު ޔޫރަޕުގައި ހުރި އެންމެ ވަރުގަދަ އެއް ޕްރޮޑަކްޓެވެ. 2024 ވަނަ އަހަރާ ހަމައަށް ހާލަންޑް ޑޯޓުމަންޑާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވި ނަމަވެސް އޭނާ ގަތުމަށް އެތައް ކްލަބަކުން މިހާރުވެސް ތައްޔާރެވެ. މިހާރުގެ މާކެޓުގައި ހާލަންޑްގެ އަގު ގާތްގަނޑަކަށް 128 މިލިއަން ޕައުންޑަށް އަރާނެ ކަމަށް ބެލެވެއެވެ.