ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ މަހު ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް 109،585 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 3،535 ފަތުރުވެރިންނެވެ.
ބޯޑަރު ހުޅުވާލި ފަހުން ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ. އެއީ 96،882 ފަތުރުވެރިންނެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުއެވެ. އެއީ 93،000 އަށްވުރެ ގިނަ ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 298,570 ފަތުރުވެރިން އައިސްފައިވެއެވެ. މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާ އިން ނެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ. އަލުން ބޯޑަރުތައް ހުޅުވީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. މިދިޔަ އަހަރު ރާއްޖެއަށް 555,494 ފަތުރުވެރިން އައިސްފައިވާއިރު ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު