އެޑްވަޓޯރިއަލް

އެމްޑަބްލިޔުއެސްސީ: ރައްޔިތުންގެ ހިދުމަތުގައި 26 އަހަރު

މިއަދަކީ އެމްޑަބްލިޔުއެސްސީގެ ފެނާއި ނަރުދަމާ ހިދުމަތަށް 26 އަހަރު ފުރޭ ދުވަހެވެ. އެމްޑަބްލިޔުއެސްސީ ވުޖޫދަށް އައިސްފައިވަނީ، އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ، ފެނާއި ނަރުދަމާގެ ހިދުމަތް ލިބޭނެ ފުރިހަމަ މަގެއް ތަނަވަސްކޮށްދިނުމަށްޓަކައި، 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުއެވެ.

ފަސްދޮޅަހަކަށް މުވައްޒަފުންނާއެކު، ދުވާލަކު 10،447 ކޮޑި މީޓަރުގެ ފެން، 60،000 މީހުންގެ އާބާދީއަކަށް ފޯރުކޮށްދިނުމަށް ފެށި މި ކުންފުނިން މިހާރު ދަނީ 900 އަށްވުރެ ގިނަ މުވައްޒަފުންނާއެކު، ދުވާލަކު 43،300 ކޮޑި މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ހޯދައި، ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 50 އިންސައްތައަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުނެވެ. މި ކުންފުނީގެ އެންމެ މުހިންމު އަމާޒަކީ ރައްކާތެރި ފެނާއި ނަރުދަމާގެ ހިދުމަތް މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި އަދި ތިވާމެއްޓާ ރައްޓެހިގޮތެއްގައި، ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި އިންސާނީ ވަސީލަތްތައް ބިނާކޮށް ކުރިއެރުވުމާއެކު، ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތްތައް އިތުރަށް ފުޅާކޮށް، ހިދުމަތުގެ ފެންވަރު އިތުރަށް ތަރައްގީކޮށް، ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ހިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމެވެ. ގްރޭޓާ މާލެ ސަރަހައްދުގެ އިތުރުން އެމްޑަބްލިޔުއެސްސީން ކ. މާފުށި، ކުޅުދުއްފުށި ސިޓީ އަދި ރ. ދުވާފަރުގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އިރު، ރ. ދުވާފަރުގައި މި ކުންފުނިން އަންނަނީ ކަރަންޓާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

މި ކުންފުނީގެ މައިގަނޑު އަސާސަކީ ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމުގައިވީ ނަމަވެސް، 26 އަހަރު ދުވަހުގެ ތަޖުރިބާއާއެކު ކުންފުނިން ވަނީ ގިނަ ލަނޑުދަނޑިތަކެއް ހާސިލުކޮށްފައެވެ. މިގޮތުން، މި ކުންފުންޏަކީ މިއަދު ރާއްޖޭގައި ހިންގާ ފެނާއި ނަރުދަމާގެ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ އިތުރުން، ފުޅާދާއިރާއެއްގައި އިންޖީނިއަރިން، މެނުފެކްޗަރިން އަދި ފެނާއި ނަރުދަމާއާ ބެހޭ މުދާ ވިއްކައި، މަސްވެރީންނަށް އައިސް، އަދި ފުޅީގައި ބަންދުކޮށްފައިވާ ފެން އުފައްދުމާއި، ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ފެން ވައިރިން އަށް ބޭނުންވާ ހޮޅި އުފެއްދުމާއި، އަދި ފެން އުފައްދާ އާރްއޯ ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ ގާބިލުކަންވެސް ހޯދާފައިވާ ކުންފުންޏެކެވެ.

ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ހިދުމަތް ދިނުމަށްޓަކައި އެމްޑަބްލިޔުއެސްސީން އަންނަނީ ތަފާތު އެކިއެކި މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން މި ކުންފުނީގެ ދެ އޮޕަރޭޝަން ސެންޓަރެއްގައި އަންނަނީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދަމުންނެވެ. އަދި ކަރުދާސް ބޭނުންކުރެވޭ މިންވަރު މަދުކުރުމުގެ ގޮތުން، އެމްޑަބްލިޔުއެސްސީން އިލެކްޓޯނިކް ހިދުމަތްތައްވެސް ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން މި ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކަށް މި ކުންފުނީގެ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް ހިދުމަތްތައް ހޯދައި، ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ކަސްޓަމަރުންނަށް ފަހިކޮށްދީފައެވެ.

ކުންފުންޏަށް 26 އަހަރު ފުރިގެންދާއިރު މިއަހަރު ކުންފުނިން އަންނަނީ 34 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ. އެގޮތުން ބައެއް ރަށްތަކުގައި އަމަލީ މަސައްކަތް ފެށިފައިވާއިރު ދެން ހުރި ރަށްރަށުގައި އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ. މިދިޔަ އަހަރަކީ މުޅި ދުނިޔެއަށް ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރިފައިވާ އަހަރެއް ނަމަވެސް މި ކުންފުނިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކަށް އެއްވެސް ބުރުލެއް އެރިޔަ ނުދީ އަންނަނީ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް މި ކުންފުނިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކޮވިޑް ފެސިލިޓީތައް ބިނާކުރުމަށްޓަކައި މި ކުންފުނީގެ ސީއެސްއާރުގެ ދަށުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން ސީއެސްއާރުގެ ދަށުން ތައުލީމާއި ސިއްހީ، އިޖުތިމާއީ އަދި ކުޅިވަރުގެ ދާއިރާއިންވެސް މި ކުންފުނިން ވަނީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެމްޑަބްލިޔުއެސްސީގެ 26 ވަނަ އަހަރު ފާހަގަކުރުމުގެ ގޮތުން، މިއަދު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވަނީ ހުރިހާ މުވައްޒަފުންނާ ވާޗުއްލަކޮށް ބައްދަލުކުރައްވައި މުހާތަބު ކުރައްވައިފައެވެ. އޭގެ އިތުރުން 26 އަހަރު ރަމްޒު ކުރުމުގެ ގޮތުން، "ދުވުމުން 26" ގެ ނަމުގައި ކުންފުނީގެ އެކި ފަންތީގެ މުވައްޒަފުން ވަނީ "ވާޗުއަލް ރަން" އެއްވެސް ދުވެފައެވެ. މި ފުރުސަތުގައި މި ކުންފުނީގެ ލޮބުވެތި މުވައްޒަފުން ކުރަމުންގެންދާ ބުރަ މަސައްކަތަކުގެ އަގުވަޒަންކޮށް އެކަމަށް ޝުކުރު އަދާކުރަމެވެ. މިއަދު މި ކުންފުނީގެ ކުރިއެރުމަށްޓަކައި ކެނޑިނޭޅި ދެއްވަމުން ގެންދަވާ އިރުޝާދުތަކާއި މިކުންފުނިން މިއަދު ދެކެމުން މިދާ އިގުތިސާދީ ކުރިއެރުމަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ. އަދި އެންމެހާ ލޮބިވެތި ރައްޔިތުން މި ކުންފުންޏަށް ކުރައްވާ އިތުބާރަށްވެސް ޝުކުރު އަދާކުރަމެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ކަމާއެކު ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.