ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 15 ރުފިޔާ ބަހަން ހުށަހަޅަން މިއަދު ނިންމައިފިއެވެ.
ބީއެމްއެލުން ބުނީ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާގެ މަގުން ޖުމުލަ 80.7 މިލިއަން ރުފިޔާ ބެހުމަށްޓަކައި އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް މިއަދު ބޭއްވި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.
ބީއެމްއެލުން ބުނީ ކޮވިޑުގެ ސަބަބުން ކުރިންވެސް އަންދާޒާ ކުރެވުނު ގޮތަށް ބޭންކުގެ ވިޔަފާރިއަށާއި އާމްދަނީއަށް އަސަރުކޮށްފައިވާ ކަމަށާއި އެކަން ބޭންކުގެ އަހަރީ ނަތީޖާއިން ހާމަވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ނަތީޖާއިން ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 68 ޕަސެންޓަށް ވުރެ ދަށްވުމެއް ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ 2019 ވަނަ އަހަރު ކާމިޔާބު ނަތީޖާއެއް ދެއްކުނު ނަމަވެސް، ކޮވިޑުގެ ސަބަބުންނާއި އަންދާޒާ ކުރެވިފައި ނުވާނެހެން ވިޔަފާރި ހުއްޓުމަކަށް އައުމުން މިދިޔަ އަހަރުގެ އާމްދަނީ ވަރަށް ބޮޑަަށް ދަށްވެފައިވާ ކަމަށެވެ. މިކަމުން އަރައިގަތުމުގައި ހެޔޮ ބަދަލުތަކެއް ފެންނަމުންދާއިރު އެންމެންވެސް މަސައްކަތްކުރަމުން ދާނީ މިއަހަރު ހަރުދަނާ މާލީ ނަތީޖާއެއް ހޯދުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މި ދަތި އުނދަގޫ ދަނޑިވަޅުގައިވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުންދާ ބޭންކުގެ މުވައްޒަފުންނަށާއި ބޭންކަށް އިތުރުބާރުކުރައްވާ އަޅުގަނޑުމެންނާ އެކު ކުރިއަށް ވަޑައިގަންނަވާ ހިއްސާދާރުންނާއި ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. ކަސްޓަމަރުން އެދޭ ފަދަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި ޕްރޮޑަކްޓްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނަން،" ސޯޔާ ވިދާޅުވިއެވެ.
ހިއްސާގެ ފައިދާ ބަހާނީ ބުކް ކްލޯޝާ ޑޭޓުގެ ކުރިން ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ލިސްޓުކޮށްފައިވާ ހުރިހާ ހިއްސާދާރުންނަށް ކަމަށާއި ބުކް ކްލޯޝާ ޑޭޓު އިއުލާނު ކުރާނީ އަހަރީ އާންމު ޖަލްސާގެ ނޯޓިހާއެކުގައި ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު