ވޮލީބޯޅަ އެސޯސިއޭޝަން

ވީއޭއެމްގެ ރައީސަކަށް ރަނޭ، އިއްލަގެ ހިތްހަމަނުޖެހުންތަކެއް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިހާބު ކާމިޔާބުކުރައްވައި، މުހައްމަދު ރަނޭޝް (ރަނޭ) އެ އެސޯސިއޭޝަންގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފިއެވެ.

މައްސަލަ ގަނޑެއްގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ވީއޭއެމުގެ އިންތިހާބު މިއަދު ބޭއްވީ އެޑްހޮކް ކޮމިޝަނެއްގެ ބެލުމުގެ ދަށުންނެވެ. ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމިއްޔާ، އެފްއައިވީބީ އާއި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިސްވެ އޮވެ އުފެއްދި "އެޑްހޮކް ކޮމިޝަން" އިން ވަނީ މިއަދުގެ އިންތިހާބު މޮނީޓާކޮށްފައެވެ.

އިންތިހާބުގައި ނުވަ ކުލަބަކަށް ވަނީ ވޯޓުލުމުގެ ހައްގު ލިބިފައެވެ. އެއީ ދިވެހި ސިފައިންގެ ކުލަބު، ޕޮލިސް ކުލަބު، އައްޑޫ ސްޕޯޓްސް ކުލަބު، ސްޕޯޓްސް ކުލަބު ހޯކްސް، ގުޑީސް ސްޕޯޓްސް ކުލަބު، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޔޫތު ނިއު ޖެނަރޭޝަން އަދި ކުލަބު ހާފް ލައިން ލިންކޭޖެވެ.

ހަ ކްލަބުގެ ތާއީދާއެކު ރަނޭ ރައީސްކަން ކާމިޔާބު ކުރައްވާފައިވާ އިރު، އޭނާއާއެކު ދެން ވާދަކުރީ ކުރީގެ ނައިބު ރައީސް އިލްޔާސް ވަހީދު (އިއްލަ) އެވެ. މި އިންތިހާބު ފެށި އިރު، އިންތިހާބު ކުރިއަށްދިޔަ ހޯލުގައި އިއްލަ އިންނެވި ނަމަވެސް، ވޯޓުލުން ފެށުމުގެ ކުރިން އިއްލައާއެކު ތިން ކުލަބަކުން ވަނީ ކޮންގްރެސް ދޫކޮށް ނުކުމެފައެވެ. އެ ކުލަބުތަކުން ކޮންގްރެސް ދޫކޮށް ނުކުތީ، ވީއޭއެމުގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ކަމަށްވާ މިދިޔަ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ފަހުންވެސް މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ކެންޑިޑެންސީ ބަލައިގަންނަން އެޑްހޮކް ކޮމިޝަނުން ނިންމުމުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމަށްފައެވެ.

އިއްލައާއެކު ތިން ކްލަބަކުން ކޮންގްރެސް ދޫކޮށް ދިޔަ ނަމަވެސް އިލެކްޓޯރިއަލް ކޮމިޓީން ވަނީ ވޯޓުލުން ކުރިއަށްގެންގޮސްފައެވެ.

މަޝްހޫރު ސެޓަރު ރަނޭއަކީ ދޯހާ އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަނެވެ. އަދި ގައުމީ ވޮލީބޯޅަ މުބާރާތުގެ އެންމެ މޮޅު ސެޓަރުގެ މަގާމު ޖެހިޖެހިގެން ތިން އަހަރު ހޯދާފައިވާ ރަނޭ ވަނީ ހިޒް ކުލަބަށް ގައުމީ ތަށި މިލްކުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރައްވައިފައެވެ.

ކުރިއަށް އޮތް ހަތަރު އަހަރަށް ވީއޭއެމުގެ ރައީސްގެ މަގާމަށް ރަނޭ އިންތިހާބުވެވަޑައިގެންނެވި އިރު، މީގެ ކުރިން 2016 ވަނަ އަހަރު ބޭއްވި ވީއޭއެމުގެ އިންތިހާބުގައި ރައީސަކަށް އިންތިހާބުވެވަޑައިގަތް މުހައްމަދު ލަތީފުގެ ޓީމުގައިވެސް ރަނޭ ހިމެނުނެވެ. އެގޮތުން އެ ފަހަރު ރަނޭ އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ހަޒާންދާރެއްގެ ގޮތުގައެވެ. ފަހުން ސީނިއާ ނައިބު ރައީސަކަށް ރަނޭ ހަމަޖެއްސި ނަމަވެސް، 2018 ވަނަ އަހަރު ރަނޭ ވަނީ އިސްތިއުފާދެއްވައިފައެވެ.