ޚަބަރު

އަންހެން ކެންޑިޑޭޓުން ސިޔާސީ މައިދާނަށް އަހުލުވެރިކުރުވަން ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

އަލީ ޔާމިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ އަންހެން ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ތަމްރީން ޕްރޮގްރާމެއް ވިމެން އެންޑް ޑިމޮކްރަސީން ކުރިއަށް ގެންގޮސްފިއެވެ.

އިންޓަނޭޝަނަލް ރިޕަބްލިކަލް އިންސްޓިޓިއުޓް (އައިއާރުއައި) އާއި އައްޑޫ ވިމެންސް އެސޯސިއޭޝަނާއި ވިމެން ޑޮމޮކްރަސީ ނެޓްވޯކް (ޑަބްލިޔުޑީއެން) ގުޅިގެން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކުރުވައި، ސިޔާސީ މައިދާނަށް އަންހެނުން ބާރުވެރިކުރުމަށް ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.

ޒޫމް މެދުވެރިކޮށް ވާޗުއަލްކޮށް ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 60 އަންހެނުން ތަމްރީނުކޮށްފައިވެއެވެ. ޖުމުލަ ހަތް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިޔަ އިރު، އޭގެ ތެރެއިން ދެ ތަމްރީން ޕްރޮގްރާމު ކުރިއަށް ގެންދިޔައީ އައްޑޫ ވިމެންސް އެސޯޝިއޭޝަނާ ގުޅިގެންނެވެ. އެގޮތުން އައްޑޫ ވިމެންސް އެސޯޝިއޭޝަނާ ގުޅިގެން ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ގއ، ގދ، ވ، ޅ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައެވެ.

އެ ތަމްރީން ޕްރޮގްރާމުތަކުގައި ބައިވެރިވި އަންހެން ކެންޑިޑޭޓުންނަށް ވަނީ، ކާމިޔާބު ކެމްޕޭނެއް ރާވައި ހިންގާނެ ގޮތުގެ މައުލޫމާތާއި ވާހަކަދެއްކުންތެރިކަމާއި ކެމްޕޭނަށް ފައިސާ ހޯދާނެ ގޮތްތަކާއި އޮންލައިންކޮށް ކެންޕޭން ހިންގާނެ ގޮތްތަކާއި ފިރިހެން ބައިވެރިންނާ ބައިވެރިވެގެން މަސައްކަތްކުރާނެ ގޮތްތަކާއި އެނޫންވެސް ގިނަ ކަންކަން ދަސްކޮށްދީފައެވެ.

ވިމެން އެންޑް ޑިމޮކްރަސީން ބުނީ، އެ ޕްރޮގްރާމުގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި ގާބިލު ގިނަ އަންހެނުންތަކެއް ރާއްޖޭގެ ސިޔާސީ މައިދާނުގައި އުފެދި ސިޔާސީ އިސް ސަފުގައި ފައިހަމަކޮށް، އެންމެންގެ ބައިވެރިވުން އިތުރުވެފައިވާ ޑިމޮކްރަސީއަކާ ގާތަށް ދިއުން ކަމަށެވެ.