(29 މާޗުގެ އަދަދާ ގުޅޭ)
އެންމެފަހުން أميـر يـوسف بـن تـاشـفـيـن ގެ ނަމުގައި ސިޓީއެއް ލިޔުއްވާން ހަވާލުވެވަޑައިގެންނެވީ عمــر المـتــوكّـل އެވެ. އޭނާ ވަރަށްދިގު ސިޓީފުޅެއް ލިޔުއްވުމުން މުލޫކުއްޠަވާއިފުންގެ އެއްބޭފުޅަކަށްފަހު އަނެއް ބޭފުޅަކު އެސިޓީގައި ސޮއިކުރައްވައިފިއެވެ. އޭގެކުރީން قـاضى أبـو جـعـفـر ވަނީ އަންދަލުސުގެ އެންމެކުރިޔަށް ތިއްބެވި ދަންނަބޭކަލުން ލައްވައި އިލްތިމާސެއްގައި ސޮއިކުރުއްވައިފައެވެ. ވިދިގެން އައިދުވަހު އަންދަލުސުގެ މުލޫކުއްޠަވާއިފުންނާއި ދަންނަބޭކަލުންގެ ގުޅިފައިވާ ވަފުދެއް މުރާކިޝަށް ފުރައިވަޑައިގެންފިއެވެ.
އަންދަލުސުގެ މުލޫކުއްޠަވާއިފުންގެ މަންދޫބުންނާއި ޢިލްމުވެރީންގެ ވަފުދު މިހާރު އެތިއްބެވީ އެފުރިކާގެ ސާދާ މިޒާޖުފުޅުގެ މުސްލިމު ވެރިޔާ أميـر يـوسف بـن تـاشـفـيـن ގެ ދަރުބާރުގައެވެ. ޤުދުރަތުން އަންދަލުސުގެ މުސްލިމުންގެ ސަލާމަތެއްކަމުގައި އިންތިޚާބު ކުރައްވައިފައިވާ ބޭފުޅަކީ އެއީއެވެ. أميـر يـوسف بـن تـاشـفـيـن އިންނެވީ ތަނަވަސް ކޮޓަރިކޮޅެއްގައެވެ. އޭނާ އިށީނދެވަޑައިގެން އިންނެވީ ކަދުރު ރުކުގެ ފަނުގެ ސާންޗެއްގައެވެ. ތުރުކުރައްވައިގެން އިންނެވީ ފަށުވިފޮތީގެ ނުވަތަ އަޠުލަސްފޮތީގެ ހެދުންކޮޅެއް ނޫނެވެ. ކަންބަޅިކެހެރީގެ ކުރަކި ޤުބާކޮޅެކެވެ. އެހެންކަމާއެކުވެސް އޭނާގެ ހައިބަތާއި، ތޫނުފިލިކަމާއި ކީރިތި މޫރިތިކަމުގެ ހައްދެއްނެތެވެ. އޭނާގެ ބެއްލެވުމުގައިވަނީ ސިންގާއެއްގެ ޖެހިލުންކުޑަކަމާއި ތުއްތުކުއްޖެއްގެ މަޢުޞޫމުކަން އެއްފަހަރާ އެކުވެފައެވެ. އޭނާގެ ވާތް ކަނާތްޕުޅު ފަރާތުގައި މުރާކިޝްގެ ފިޤުހުވެރީންނާއި ސިފައިންގެ އިސްއޮފިސަރުން އިށީނދެވަޑައިގެން ތިއްބެވިއެވެ.
އަންދަލުސުގެ ޢާލިމުންކުރެ އެއްބޭކަލެއް އޭނާއާ މުސާފަޙާ ކުރެއްވުމަށްފަހު އޭނާގެ އަތްތިލަފުޅުގައި ބޮސްދެއްވާން އުޅުއްވިއެވެ. ނަމަވެސް އޭނާ އަތްޕުޅު ދަންމަވައިގެންފައި ވިދާޅުވިއެވެ. "އަޅުގަނޑަކީ އާއްމު އިންސާނުންނާ ތަފާތު މީހެއްކަމުގެ ކުށްހީގައި އަޅުގަނޑު ހައްޔަރުކުރައްވާން މަސައްކަތްޕުޅު ނުކުރައްވާ!"
قـاضى أبـو جـعـفـر އަންދަލުސުގެ މުސްލިމުންގެ އާރެއް ބާރެއް ނެތްކަމާއި އަލްފާންސޫ މުސްލިމުންނަށް ކުރައްވަމުން ގެންދަވާ އަނިޔާގެ ވާހަކަ ބަޔާންކުރެއްވުމަށްފަހު ވިދާޅުވިއެވެ. "އޭ أميـر އެވެ! އަޅުގަނޑުމެން މިއަދު މިއައީ މަނިކުފާނުގެ އަރިހަށް. މަނިކުފާނަކީ އެޤައުމެއްގެ ހަތަރުފަރާތުން ހަލާކުގެ ވަރުގަދަ ޠޫފާނެއް ވަށައިލައިފައިވާ ޤައުމެއްގެ އެންމެފަހުގެ އުންމީދު. މިއަދު އަންދަލުސުގެ ބިންވަނީ އަޅުގަނޑުމެންނަށްޓަކައި ދަތިވެފައި. ޠުލައިޠުލާއާއި ބަލަންސިއްޔާގައި އަޅުގަނޑުމެންގެ ޝާނުޝައުކަތާއި އާރާއިބާރުގެ ދިދަވަނީ އެކޮޅުކޮޅުން ޖެހިފައި. ނަޞާރާއިންގެ ފައުޖުތައްވަނީ އިޝްބީލިއްޔާއާއި، ބިޠުލިޔޫސާއި، ޤުރުޠުބާއާއި، އަލްމަރިއްޔާއާއި، މުރުސިއްޔާއާއި ޣަރުނާޠާގެ ދޮރޯށީގައި ޓަކިދޭން ފަށައިފައި. އަޅުގަނޑުމެން މަނިކުފާނުގެ އަރިހަށް މިއައީ ޠުލައިޠުލާއާއި ބަލަންސިއްޔާއިން ހައްޔަރުކޮށްގެން ގެންގޮސް ޤަޞްޠިލާއާއި ލިޔޫނާއި އައްނަވާރުގެ ބާޒާރުމަތީގައި ވިއްކަމުންގެންދާ އެތަކެއްހާސް މުސްލިމު އަންހެންދަރީންގެ އާދޭހާއިގެން. ޠުލައިޠުލާއާއި ބަލަންސިއްޔާގެ ތާރީޚު އަންދަލުސުގެ ހުރިހާ ދައުލަތްތަކެއްގައި ތަކުރާރުވާކަށެއް މަނިކުފާނު އެދިވަޑައެއް ނުގަންނަވާނެކަން ކަށަވަރު. އަންދަލުސުގެ ހުރިހައި މިސްކިތްތަކަކުން اللّـه أكبــر ގެ އަޑު އަބަދަށްޓަކައި ހިމޭންވުމަކީ މަނިކުފާނު އެދިވަޑައިގަންނަވާ ކަމެއްކަމުގައި ނުވާނަމަ، މަނިކުފާނު އަޅުގަނޑުމެންނަށް އެހީވެވަޑައިގެންދެއްވަން މައިދާނަށް ނުކުމެވަޑައިގަންނަވަންވާނެ. މިވަގުތު އަންދަލުސުގައި ދިރިއުޅޭ ހަމަކޮންމެ މީހަކު އެހެރީ މަނިކުފާނު ވަޑައިގަންނަވާ ނަވުގެ ރިޔާކަންވޭތޯ ދުރުމީގެ ލޮލަކުން އެފުރިކާގެ އައްސޭރިއާ ދިމާޔަށް ބަލަބަލައި."
قـاضى أبـو جـعـفـر އަށް ތާއީދުކުރައްވައި އަންދަލުސުގެ އެހެނިހެން ޢާލިމުން ކުރެއްވި ޖޯޝީ ތަޤުރީރުތައް އަޑުއެއްސެވުމަށްފަހު أميـر يـوسف އިރުކޮޅަކު އިސްދަށަށް ޖައްސަވައިގެން ވިސްނައިވަޑައިގަންނަވާން އިންނެވިއެވެ. އިރުކޮޅެއްކޮށްލައްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑާ ބެހޭގޮތުން ތިޔަބޭފުޅުން ހިތްޕުޅު ހަމަޖައްސަވާ! އަންދަލުސު ހަލާކުވެ ސުންނާފަތިވެގެންދާއިރު އަޅުގަނޑަކަށް ކުޅިބަލާ މީހަކަށްވެގެން ބަލަހައްޓައިގެނެއް ނުހުރެވޭނެ. އެކަމަކު އަޅުގަނޑު ވަކިގޮތެއް ނިންމުމުގެ ކުރީން އަންދަލުސުގެ ވެރީންގެ ޚިޔާލުފުޅު ހުރިގޮތެއް ބަލައިލުމަކީވެސް ބޭނުން ކަމެއްކަމުގައި އަޅުގަނޑު ދެކެން."
معـتـمـد ގެ ވަޒީރު إبـن زيـدون ތެދުވެވަޑައިގެން أميـر يـوسف ގެ ވާހަކަފުޅުގެ ޖަވާބުގައި ވިދާޅުވިއެވެ. "ޙާލަތު ވަނީ އަންދަލުސުގެ އެންމެންނަށްވެސް ވިސްނަން މަޖުބޫރުކޮށްފައި. މިއޮތީ އަންދަލުސުގެ ރަސްރަސްކަލުން މަނިކުފާނަށް ދަންނަވާ އަދައިދެންނެވުން." إبـن زيـدون އެހެން ވިދާޅުވެފައި މުލޫކުއްޠަވާއިފުންގެ ސިޓީފުޅު أميـر يـوسف ގެ އަތްޕުޅަށް އަރުއްވައިފިއެވެ.
އެސިޓީފުޅު ލިޔުއްވައިފައިވާ ފަޞާޙަތްތެރި ބަލާޣާތްތެރި "ފޭރާންއެޅުވި" ބަހުރުވައަކީ أميـر يـوسف بـن تـاشـفـيـن އަށް ވިސްނިވަޑައިގަންނަވާ ވަރަށްވުރެ ތަންކޮޅެއް މާނަފުން ޢިބާރާތްތަކެކެވެ. އެހެންކަމުން أميـر يـوسف އިރުކޮޅަކު އެ މުރާސަލާ ބައްލަވައިލެއްވުމަށްފަހު މުރާކިޝްގެ ޢާލިމަކާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑަކަށް މި މުރާސަލާއިން އެކައްޗެއްވެސް ނުވިސްނުނު. އަންދަލުސުގެ ރަސްރަސްކަލުން އަނގުރު އަލިފާންގަނޑެއްގެ މަތީގައި އޮށޯވެވަޑައިގެން ތިއްބަވައިވެސް ވާހަކަ ދައްކަވަނީ ޅެންބަހުރުވައިން. ކަލޭގެފާނު މި ސިޓީގެ މަޠުލަބު އަޅުގަނޑަށް ފަހުމުކޮށްދެއްވާ!"
މުރާކިޝްގެ ޢާލިމް ބަރުބަރީބަހުން އެ މުރާސިލާ ތަރުޖަމާކޮށްދެއްވިއެވެ. މުލޫކުއްޠަވާއިފުން އެބޭފުޅުންގެ ކަންބޮޑުވެވަޑައިގަތުމާއި ކުރިމަތިލައްވާން ޖެހިވަޑައިގެންފައިވާ ހާލުކޮޅުގެ ވާހަކަ ބަޔާންކުރެއްވުމަށްފަހު އިލްތިމާސް ކުރައްވައިފައިވެއެވެ. "މަނިކުފާނު އަޚެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނާ އެހީވެދެއްވާން ވަޑައިގެންދެއްވާ! މަނިކުފާނުގެ ޤިޔާދަތުގައި ނަޞާރާއިންނާ ހަނގުރާމަކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ބާއްޖަވެރިކަމެއް ކަމުގައި އަޅުގަނޑުމެން ދެކޭނަން. އެކަމަކު އެއީ ޝަރުޠެއްގެ މަތީން. އެ ޝަރުޠަކީ މަނިކުފާނު އަންދަލުސުގެ އެއްވެސް ސަރަޙައްދަކަށް ވެރިވެވަޑައިގަންނަވާން މަސައްކަތްޕުޅު ނުކުރެއްވުން. ނަޞާރާއިންގެ ނުރައްކާތެރިކަން ފިލުމާއެކު މަނިކުފާނުގެ ލަޝްކަރު އަންދަލުސުން ބޭލުއްވުން."
އެފުރިކާގެ ދަންނަބޭކަލުން އިރުކޮޅެއްވަންދެން އެ ޝަރުޠާމެދު ބަހުސު ކުރެއްވިއެވެ. ބަހުސު ދިގުލާން ފެށުމުން يـوسف بـن تـاشـفـيـن ނިޔާކަނޑައަޅުއްވާ ރާގުގައި ވިދާޅުވިއެވެ. "އަޅުގަނޑު އެ ޝަރުޠު ގަބޫލުކޮށްފިން. އެޤައުމެއްގެ މައްޗަށް ވެރިކަން ހިންގުމުގެ މަސްއޫލިއްޔަތުގެ ބަރު އަޅުގަނޑުގެ ކޮނޑުގައި އެޅިފައިވާ ޤައުމު އަޅުގަނޑަށް ފުދޭވަރުވޭ. އެހެންމީހުން އުފުލަންޖެހޭ މަސްއޫލިއްޔަތުގެ ޒިންމާއާ ހަވާލުވާކަށެއް އަޅުގަނޑު ބޭނުމެއް ނޫން. އަންދަލުސުގެ ރަސްރަސްކަލުން ވަކިބޭފުޅަކާމެދު އިއްތިފާޤުވެވަޑައިގެން އެބޭފުޅަކު އެބޭފުޅުންގެ ޤާއިދަކު ކަމުގައި ހައްދަވައިފިނަމަ އެބޭފުޅެއްގެ ދިދައިގެ ދަށުގައި ނަޞާރާއިންނާ ހަނގުރާމަ ކުރާކަށެއްވެސް އަޅުގަނޑުގެ އިޢުތިރާޟެއް ނެތް. ފަރަންސޭސިވިލާތާއި އިޓަލީވިލާތުގެ ޢީސާއީންނަށް އަންދަލުސުގެ މުސްލިމުން ނައްތައިލުމަށްޓަކައި އަލްފާންސޫގެ ދިދައިގެ ދަށަށް ޖަމާވެވޭއިރު އެއްވެސް ނަމެއް ހައިސިއްޔަތެއް ނެތް ރިޟާކާރެއްގެ ގޮތުގައި އަޅުގަނޑުގެ އަޚުންނާ ބައިވެރިވާކަށެއް އަޅުގަނޑުވެސް ފަހެއް ނުޖެހޭނަން. މިހާރު އަޅުގަނޑު ތިޔަބޭފުޅުންނާ ކޮށްލަން ބޭނުންވަނީ އެންމެ ސުވާލެއް. "އަޅުގަނޑުގެ ލަޝްކަރު ކަނޑު ހުރަސްކުރުމަށްފަހު ފޭބުން އެންމެރަނގަޅުވާނީ އަންދަލުސުގެ ކޮން ބަނދަރަކަށްތޯ؟"
إبـن زيـدون ޖަވާބު ދެއްވިއެވެ. "އަންދަލުސުގެ މުސްލިމުން އެދެނީ ޖަބަލުއްޠާރިޤުން މަނިކުފާނާ އިސްތިޤުބާލު ކުރަން."
"ޢަސްކަރީގޮތުން އެންމެ މުނާސަބުވާނީ އެހެން ބަނދަރަކަށް ފޭބުންކަމުގައި އަޅުގަނޑު ދެކޭނަމަ....."
إبـن زيـدون ވިދާޅުވިއެވެ. "އަޅުގަނޑަށް އިޚުތިޔާރު ލިބިފައިވަނީ ހަމައެކަނި ޖަބަލުއްޠާރިޤުގެ ބަނދަރު މަނިކުފާނާ ހަވާލުކުރަން—"
أميـر يـوسف ވިދާޅުވިއެވެ. "إنشـاءاللّـه އަޅުގަނޑުގެ ނިންމުން މާދަން ތިޔަބޭފުޅުންނަށް ދަންނަވާނަން. ދެން ތިޔަބޭފުޅުން އަރާމުކުރައްވާ!"
أميـر يـوسف بـن تـاشـفـيـن ވިދިގެންއައިދުވަހު އަނެއްކާވެސް އަންދަލުސުގެ ވަފުދާ ބައްދަލުކުރެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ބައެއް މަޞްލަޙަތުތަކަށްޓަކައި ޖަބަލުއްޠާރިޤުގެ ބަނދަރަށްވުރެ އެކަށީގެންވާ ކަމުގައި އަޅުގަނޑު ދެކެނީ ޖަޒީރަތުލްޚަޟުރާއުގެ ބަނދަރު. އަދި ހަނގުރާމަ މުޅީން ނިމެންދެން އައްސޭރިއާ ގުޅިގެން އެކަށީގެންވާ ސަރަޙައްދެއް އަޅުގަނޑުގެ ބެލެހެއްޓުމުގެ ދަށުގައި ބާއްވައިދެއްވަންވެސްވާނެ."
إبـن زيـدون އަށް ޖަޒީރަތުލްޚަޟުރާއުގެ ނަން އަޑުއިވިވަޑައިގެންނެވުމާއެކު ވަރަށްބޮޑަށް ކަންބޮޑުވެވަޑައިގެންނެވިއެވެ. ޖަޒީރަތުލްޚަޟުރާއަކީ معـتـمـد ގެ ރަސްކަމުގެ ވަރަށް މުހިންމު ސަރަޙައްދެކެވެ. معـتـمـد ދުރާލައި إبـن زيـدون އަށް ވިސްނައިދެއްވައިފައިވަނީ މުރާބިޠީނުންގެ އަމީރު ޖަޒީރަތުލްޚަޟުރާއުގެ ވާހަކަ ވިދާޅުވެއްޖެނަމަ ކޮންމެވެސް ހީލަތަކުން އެވާހަކަފުޅު އޮއްބުވާން މަސައްކަތްޕުޅު ކުރެއްވުމަށެވެ. قـاضى أبـو جـعـفـر އަށް إبـن زيـدون ގެ މޫނުފުޅުމަތީން އޭނާގެ ފިކުރު ބޮޑުވެވަޑައިގެންނެވުމުގެ އަސަރު ފެނިވަޑައިގެންނެވުމާއެކު އެކަލޭގެފާނު އެމައްސަލައިގެ ތެރެޔަށް ވެދެވަޑައިގެންފިއެވެ. أبـو جـعـفـر، أميـر يـوسف ގެ އަރިހުގައި ވިދާޅުވިއެވެ. إبـن زيـدون އަށް ވަނީ معـتـمـد ގެ ފަރާތްޕުޅުން ވާހަކަފުޅު ދެއްކެވުމުގެ ފުރިހަމަ އިޚުތިޔާރު ލިބިވަޑައިގެންފައި. ޢަސްކަރީ ނަޒަރުން ބައްލަވާއިރު އެންމެ އެކަށީގެންވާ ބަނދަރަކީ އެއީކަމުގައި މަނިކުފާނު ދެކެވަޑައިގަންނަވާނަމަ إبـن زيـدون ހަމަ މިއަދުމެ އެބަނދަރުން މަނިކުފާނާ އިސްތިޤުބާލު ކުރައްވާން ތައްޔާރުވެވަޑައިގަންނަވާން ޖަޒީރަތުލްޚަޟުރާއުގެ ގަވަރުނަރަށް އަންގަވާނެ."
إبـن زيـدون ކަންބޮޑުވެވަޑައިގެން ވިދާޅުވިއެވެ. "ނޫން. ނޫން. އަޅުގަނޑަކަށް ތިޔަކަމުގެ ހުއްދައެއް ނެތް."
أميـر يـوسف ހިސާބަކަށް ނުގަބޫލުފުޅުވެވަޑައިގެންނެވުމާއެކު ވިދާޅުވިއެވެ. "ތިޔައިގެ މާނަޔަކީ معـتـمـد ކޮންމެފަދަ ވަގުތެއްގައިވެސް އަޅުގަނޑުމެންނަށް އަންގަވައިފާނެ. ތިޔަބައިމީހުން މިވެނި މައިދާނެއްގެ ބަދަލުގައި އެވެނި މައިދާނެއްގައި ނަޞާރާއިންނާ ހަނގުރާމަކުރާށޭ!"
ވަފުދުގެ މެމްބަރުންގެ ތެރެއިން قـاضى أبـو جـعـفـر އާއި އެކަލޭގެފާނާ އެއް ޚިޔާލުފުޅުގެ ބޭކަލުންނަށް އިޙުސާސްވެވަޑައިގެންނެވީ މިހައިތަނަށް ކުރެއްވުނު ހުރިހައި މަސައްކަތްޕުޅެއް ފަނުފުލުންލާން އުޅޭހެންނެވެ. އެބޭކަލުން އެއްބޭކަލަކު އަނެއްބޭކަލަކާ ދިމާޔަށް ބައްލަވައިލެއްވުމަށްފަހު ހުރިހައި ބޭކަލުންގެ ނަޒަރު قـاضى أبـو جـعـفـر ގެ މޫނުފުޅަށް ހުއްޓައިލައްވައިފިއެވެ. އެކަލޭގެފާނު أميـر يـوسف އަށް ތާއީދުކުރައްވައި إبـن زيـدون އާ ދިމާއަށް ވިދާޅުވިއެވެ. "معـتـمـد އެންމެރަނގަޅު ކަމުގައި ދެކެވަޑައިގަންނަވަނީ ޖަބަލުއްޠާރިޤުގެ ބަނދަރު ކަމުގައި ވެދާނެ. އެކަމަކު أميـر يـوسف ޢަސްކަރީ ނަޒަރުން ވިސްނައިވަޑައިގެން ސިފައިން ބާލުއްވަން އެންމެރަނގަޅު ކަމުގައި ދެކެވަޑައިގަންނަވަނީ ޖަޒީރަތުލްޚަޟުރާއު ކަމުގައި ދެކެވަޑައިގަންނަވާނަމަ ކަލޭގެފާނު ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމާއެކު އެހުށަހެޅުއްވުން ގަބޫލު ކުރައްވާންވާނެ. ކަލޭގެފާނު އަޅުގަނޑުމެންނާއެކު ވަޑައިގެންނެވީ އަންދަލުސުގެ ދެން ތިއްބެވި ރަސްރަސްކަލުން ފަދައިން أميـر معـتـمـد ވެސް ހުންނެވީ އަލްފާންސޫއާ ހަނގުރާމަކުރައްވާން أميـر يـوسف ގެ ވެރިކަން ގަބޫލު ކުރައްވައިގެންކަން ސާބިތުކުރައްވަން. އަޅުގަނޑު މި މަޖްލީހުގައި ސަރީޙަކޮށް ދަންނަވަން ބޭނުން. ނަޞާރާއިންނާ ހަނގުރާމަ ކުރެއްވުމުގައި އަންދަލުސުގެ ހުރިހައި މުސްލިމުން އެއްވެސް ޝަރުޠެއްނެތި أميـر يـوسف އަށް އެއްބާރުލުން އަރުވާނެ. معـتـمـد އަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އަލްފާންސޫ ހުންނެވީ އޭނާގެ ވައިނޮޅިފުޅާ ދިމާޔަށް ކަނޑި ދިއްކޮށްލައްވައިގެންކަން. معـتـمـد ގެ ކުރިފުޅުމަތީގައި ދެވަނަ އެއްވެސްގޮތެއް އޮތްނަމަކަ އޭނާ އެފުރިކާގެ މުސްލިމުންގެ ފަރާތަކުން އެހީއަކަށް އެދިވަޑައެއްނުގަންނަވާނެ. އޭނާ އެހީއަށް އެދިވަޑައިގެންނެވުމަށްފަހު ވިސްނައިވަޑައިގަންނަވާންވާނެ. އަޅުގަނޑުމެންގެ މުހުސިން އެތަނަށް ވަޑައިގަންނަވަނީ ޅެންފަރިހި ވިދާޅުވާކަށެއް ނޫންކަން. ހަނގުރާމަ ކުރައްވާންކަން. معـتـمـد ގަބޫލުކުރައްވާން ޖެހިވަޑައިގަންނަވާނީ ހުސްއެކަނި ޖަޒީރަތުލްޚަޟުރާއެއް ނޫން. ޢަސްކަރީ މަޞްލަޙަތަށްޓަކައި އަންދަލުސުގެ ކޮންމެ ބަނދަރެއްވެސް ކޮންމެ ސަހަރެއްވެސް އޭނާގެ ތަޞައްރުފުގެ ދަށަށް ގެންދެވުމުގެ ޙައްޤު ވަނީ أميـر يـوسف އަށް ލިބިވަޑައިގެންފައިކަން. معـتـمـد ގެ މަންދޫބެއްގެ ހައިސިއްޔަތުން ކަލޭގެފާނާ ހިތްޕުޅު ހަމަޖައްސަވާ! أميـر يـوسف ވަނީ އަންދަލުސުގެ އެއްވެސް ބަޔަކަށް ވެރިވެވަޑައިގެންނެވުމުގެ ޚިޔާލުފުޅެއް ނުގެންގުޅުއްވާކަމަށް ވަޢުދުވެވަޑައިގެންފައި. ނަޞާރާއިންގެ ނުރައްކާ ފިލުމާއެކު އަންދަލުސުން އެމަނިކުފާނުގެ ފައުޖު ބާލުއްވާނެކަމަށް އެމަނިކުފާނު ވަނީ ސަރީޙަކޮށް ވިދާޅުވެފައި. އެހެންވީއިރު އަންދަލުސުގެ ރަސްރަސްކަލުން أميـر يـوسف ގެ އެހީފުޅު ބޭނުންފުޅުކަމަށާއި އެކަމަކުވެސް އެމަނިކުފާނަށް އިތުބާރު ނުކުރައްވާކަން ސާބިތުކޮށްދެއްވާން މަސައްކަތްޕުޅު ނުކުރައްވާ."
(ނުނިމޭ)
ތާރީޚު
ތާރީޚު
ތާރީޚު
ތާރީޚު