ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ޑޭޓާގެ ތެރެއިން މަސްނިމޭއިރު ބާކީ ހުންނަ ޑޭޓާ ބޭނުންކުރެވޭ ގޮތުގެ އުސޫލެއް ހަދައި މިމަހު އެއަށް އަމަލު ކުރާނެ ކަމަށް އުރީދޫން ބުނެފި އެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒު ވިދާޅުވީ އެއްމަސް ނިމޭއިރު ހުންނަ ޑޭޓާ އަނެއް މަސް ފެށެންވާއިރަށް ކެނޑޭ މައްސަލަ އަކީ ހުރިހާ ކަސްޓަމަރުން ޝަކުވާ ކުރާ މައްސަލައެއް ކަމަށާއި އެ މައްސަލައަށް ހައްލު ހޯދައިދެއްވާނެ ކަމަށެވެ.

އެހެން ކަމުން މަހުގެ ބާކީ ހުންނަ ޑޭޓާ ބޭނުން ކުރެވޭނެ ގޮތުގެ އުސޫލެއް މިހާރު ހަދާފައިވާ ކަމަށާއި އެ އުސޫލަށް މިމަހު އަމަލު ކުރަން ފަށާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

މިކަމާ ގުޅޭ މާ ބޮޑު ތަފްސީލެއް ނިޔާޒް ދެއްވާފައި ނުވާއިރު ޑޭޓާ ބޭނުން ކުރެވޭނީ ކޮން އުސޫލެއްގެ ތެރެއިން ކަމެއް ސީދާ ވިދާޅެއް ނުވެއެވެ.

މަސް ނިމޭއިރު ބާކީވާ ޑޭޓާ އަނެއް މަސް ފެށެންވާއިރަށް ބޭނުން ނުކުރެވޭ މައްސަލާގައި ވަރަށް ގިނަ މީހުން ޝަކުވާ ކުރަމުންދެ އެވެ. އަދި މިއީ އެ މީހުން ފައިސާ ދީގެން ގަނެފައިވާ އެއްޗަކަށްވާއިރު އެ ބޭނުން ނުކުރެވޭ ގޮތް ހެދޭނެ އެއްވެސް ބާރެއް މުއާސަލާތީ ހިދުމަތްދޭ ކުންފުންޏަކަށް އޮވެގެން ނުވާނެ ކަމަށްވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.