ޖޯން އަބްރަހަމް ޝާހްރުކު ހާންގެ ފިލްމު ޕަތަންގެ ޝޫޓިން ގެ މަސައްކަތްތައް ފަށައިފި އެވެ. ފިލްމު ޕަތަންއަކީ ޝާހްރުކް ހާނާއި ޖޯން އަބްރަހަމްގެ އިތުރުން ދީޕިކާ ޕަޑްކޯނު ފެނިގެންދާނެ ފިލްމެކެވެ.
ޔާޝް ރާޖް ސްޓޫޑިއޯއިން އުފައްދާ މިފިލްމަކީ ބޮޑު ބްރޭކަކަށް ފަހު ޝާހްރުކް ހާން ފެނިގެންދާނެ ފިލްމެކެވެ. މިއީ ޝާހްރުކް ހާން އެންމެ ފަހުން ކުޅުނު ފިލްމް ''ޒީރޯ'' އަށްފަހު ކުޅޭ ފުރަތަމަ ފިލްމެކެވެ. މި ފިލްމުގެ މަސައްކަތްތަކުގައި ޝާހްރުކް ހާން އަވަދިނެތި އުޅޭއިރު، ފާއިތުވި ދުވަސްތަކުގެ ތެރޭގައި ދީޕިކާވެސްވަނީ ޝޫޓިން ތަކުގައި ހަރަކާތްތެރި ވެފައެވެ. މީގެ އިތުރުން ސަލްމާން ހާން އޭނާގެ އެކްޝަން ފިލްމު ޓައިގާ ގެ ރޯލުން މިފިލްމުގައި ހާއްސަ ފެނިލުމަކަށް 10 ދުވަހު ވާންދެން ޝޫޓިންގައި ވަނީ އުޅެފައެވެ.
ޖޯން އަބްރަހަމް އޭނާގެ ކުރިއަށް ހުރި ފިލްމުތައް ކަމަށްވާ ސަތިޔަމެވަ ޖަޔަތޭ 2، އެކް ވިލަން 2 އަދި އެޓޭކް ގެ މަސައްކަތްތަކުގައި އުޅެން ޖެހުމުގެ ސަބަބުން މިހާތަނަށް މި ފިލްމުގެ ޝޫޓިންގައި ބައިވެރިވެވިފައެއް ނުވެއެވެ.
ނަމަވެސް މައުލޫމާތު ލިބޭގޮތުގައި ޖޯން އަބްރަހަމް މާދަމާއިން ފެށިގެން ފިލްމުގެ ސެޓާއި ގުޅި، ޝާހްރުކާއިއެކު ޝޫޓިންގައި ބައިވެރިވާނެއެވެ.
މިފިލްމުގެ ބޮޑުބައެއް ގައުމުން ބޭރުގައި ނެގުމަށް ހަމަޖެހިފައިވާއިރު އަންނަ މޭ މަހުގެ ތެރޭގައި ފިލްމުގެ ޓީމް ވަނީ ރަޝިއާއަށް ފުރުމަށް ހަމަޖެހިފައެވެ.
ފިލްމުގެ ޝޫޓިންގް ނިންމަށް ކަނޑައަޅާފައިވަނީ ޖޫން އަށެވެ. ޔޭާޝް ރާޖް ސްޓޫޑިއޯއިން އުފައްދާ ބޮޑު ބަޖެޓެއްގެ މިފިލްމު ރިލީސްކުރަން ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ.