ބްރެޒިލް ސަރުކާރުގެ އިސް ފަރާތްތަކެއް އިސްތިއުފާ ދެއްވަން ނިންމައިފި އެވެ.
ކޮވިޑްގެ ހާލަތު ގޯސްވެ، ގައުމު ހިންގުމުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ބްރެޒިލްގެ ސަރުކާރުން އިސްތިއުފާ ދެއްވުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރޭގައި އަސްކަރިއްޔާގެ އެންމެ އިސް ފަރާތްތައް ވެސް ހިމެނެ އެވެ. އަދި އެ ގައުމުގެ ފޮރިން މިނިސްޓަރު މިދިޔަ ހަފުތާގައި ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ބްރެޒިލްގައި ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށް އެގައުމުގެ ސަރުކާރު ނުކުޅެދިފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެކަމާ ގުޅިގެން ރައީސް ޖައިރު ބޮލްސޮނާރޯ އަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާއިރު އެގައުމުގައި ކޮވިޑް ބަލިމަޑުކަން ފެށުނު ފަހުން މިހާތަނަށް ހަތަރު ހެލްތު މިނިސްޓަރުން ވަނީ އައްޔަން ކޮށްފަ އެވެ.
ބްރެޒިލަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ކޮވިޑުގައި އެންމެ ގިނަ މީހުން މަރުވެފައިވާ ދެވަނަ ގައުމަށެވެ. އެގައުމުން ފެނިފައިވާ ކޭސްތަކުގެ އަދަދު 12.6 މިލިއަނަށް އަރާފައިވާއިރު، ތިން ލައްކައަށްވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފަ އެވެ.