ދުނިޔެ

ކޮވިޑުގެ ނުރައްކާ ބޮޑުވެ، ފްރާންސްގެ ސްކޫލުތައް ބަންދުކޮށްފި

މުހައްމަދު އައުޒަމް

ކޮވިޑުގެ ނުރައްކާ ބޮޑުވެ ފްރާންސުގެ ސްކޫލްތައް ބަންދުކޮށްފިއެވެ.

ފްރާންސުގެ ރައީސް އެމަނުއެލް މެކަރަން ވިދާޅުވީ އެގައުމުގެ ކޮވިޑް ހާލަތު ގޯސްވެފައިވާ ކަމަށާއި ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ހާއްސަ ފިޔަވަޅުތަކެއްގެ ގޮތުން ސްކޫލްތައް ބަންދުކޮށް އޮންލައިން ކޮށް ކިޔެވުމަށް ނިންމާފައިވާ ކަމަށެވެ.

ފްރާންސުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އެގައުމުގެ 16 ސަރަހައްދެއް މިދިޔަ މަހު ކުރީކޮޅުން ފެށިގެން ވަނީ ލޮކްޑައުން ކޮށްފައެވެ.

ފްރާންސުގެ ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު އެގައުމުން މިހާތަނަށް 4.6 މިލިއަން ކޭސް ފެނިފައި ވެއެވެ. އަދި މި ބަލީގައި އެ ގައުމުން 95،495 މީހުން މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.