ދިޔަނެރު ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ދިޔަނެރު ފަށުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމުގެ ވިސްނުން އެބަހުރި ކަމަށާއި ކޮންސެޕްޓް ޕްލޭން މިހާރު އޮތީ ތައްޔާރުކޮށް ނިމިފައި ކަމަށެވެ.

"ދިޔަނެރު ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމުގެ ވިސްނުން އެބަހުރި. ކޮންސެޕްޓް ޕްލޭން މިހާރު އޮތީ ތައްޔާރުކޮށް ނިމިފަ. އަދި ލޭންޑް ސްކޭޕިންނާއި މިފަދަ ކަންކަމުގެ ޑީޓެއިލްސްގެ މަސައްކަތްތައް މިހާރު އެ ކުރެވެނީ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އެ ޕްރޮޖެކްޓުގެ އިތުރުން ކޮރޮސްރޯޑްގައި ވަކި ރަށެއް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. އެމަސައްކަތް ހުއްޓިފައި އޮތީ ކޮވިޑުގެ ސަބަބުން ކަމަށާއި އެމަސައްކަތް އަލުން ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މި ދެ ޕްރޮޖެކްޓަކީ މާލެ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދާނެ ރަށްތަކެއް ތަރައްގީ ކޮށްދިނުމަށް މި ސަރުކާރުން ވީ ވައުދާ ގުޅިގެން މިހާރު ކުރިއަށްގެންދާ ދެ ޕްރޮޖެކްޓް ކަމަށެވެ.

ދިޔަނެރު ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރަން ނިންމާފައިވާއިރު، ސަފާރީތަކަށް ހާއްސަ ބަނދަރެއް ދިޔަނެރު ދޭއް ފަޅުގައި އެޅުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. 2019 ވަނަ އަހަރު އެކަން އިއުލާން ކުރި ނަމަވެސް، އެމަސައްކަތް އަދިވެސް ފަށައިފައެއް ނުވެއެވެ.