ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 7000 ފްލެޓް މަޝްރޫއުން ފްލެޓު ލިބުނު ކަމަށް އާއްމު ކޮށްފައިވާ ފެލެޓް ލިސްޓު އަލުން މުރާޖައާ ކޮށް، އެ ލިސްޓުގައި ތިބި ޝަރުތު ފުރިހަމަ ނުވާ މީހުން އުނި ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމާ ގުޅޭ ގޮތުން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން ދިރާސާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރިޕޯޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
އީވާ ވިދާޅުވީ، ހިޔާ މަޝްރޫއުގެ ވާހަކަ ދައްކާއިރު، ވޭތުވެދިޔަ ރިޔާސީ އިންތިހާބު ބޯމަތި ވެފައި އޮއްވައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން އެއްވެސް ހާމަކަމެއް ނެތި އެ މަޝްރޫއުން ފްލެޓު ލިބުނު މީހުންގެ ލިސްޓު ނެރުނީ ކުއްލިއަކަށް ކަމަށެވެ.
އެކަމުގެ ހަގީގަތް ބެލިއިރު ފްލެޓްތައް ހުރި ރައްޓެހިންނަށް ބަހާލާފައި ކަމަށާއި، ޕީޕީއެމަށް ނިސްބަތްވާ އެމްޕީއެއްގެ އާއިލާއިން ފްލެޓަށް ކުރިމަތިލީހާ ބަޔަކަށް ފްލެޓް ދީފައިވާ ކަމަށާއި، އިތުރު އެމްޕީއެއްގެ އާއިލާއަށް 11 ފްލެޓް އަދި އެހެން އެމްޕީއެއްގެ އާއިލާއަށް ނުވަ ފްލެޓް ދިނުމުގެ އިތުރުން، ފްލެޓް ލިސްޓުގައި ހަމައެކަނި ނަން ޖަހާލާފައިވާ ފަރާތްތަކަށް ވެސް ފްލެޓް ދީފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.
އޭގެ އިތުރުން ދިރިއުޅުމުގެ ހާލަތާއި ކަންތައްތައް ބެލުން ހުރީ އެކި ގޮތްގޮތަށް ކަމަށާއި، ސިވިލްސާވިސް ކެޓަގަރީގައި ދިރިއުޅުމުގެ ހާލަތު ބެލުން އެއްގޮތަކަށް ނުވެސް ނެތް ކަމަށް ވިދާޅުވިއެވެ.
އީވާ ވިދާޅުވީ އެކަމަކީ އޭރުގެ ހައުސިން މިނިސްޓަރު ހިންގަވާފައިވާ ޖަރީމާއެއް ކަމަށެވެ.
ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ފްލެޓްތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ޝަރުތުތައް ބަދަލު ނުކުރީ، ރައްޔިތުންނަށް ތަކުލީފުތަކެއް ނުޖެއްސުމަށް ކަމަށްވެސް ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، މި ސަރުކާރުގެ ފްލެޓް ކޮމެޓީން މަސައްކަތްކޮށް ފްލެޓް ލިސްޓުގެ ވަރަށް ބޮޑުތަން މިހާރު އިންސާފު ކޮށްފައިވާ ކަމަށެވެ.
ނަމަވެސް އަދިވެސް ބައެއް ކަންކަން އެބަހުރި ކަމަށާއި، އެގޮތުން އިޖުތިމާއީ ބޯހިޔާވަހިކަމުގެ އެ މަޝްރޫއުން ޑޮކްޓަރުންނާއި ނަރުހުންނަށް ފްލެޓް ދީފައިވައިވާތީ ސަރުކާރުން، އެ ފަރާތްތަކާ މަޝްވަރާ ކޮށްގެން އެ ފަރާތްތަކުގެ އާމްދަނީއާ އެއްވަރުގެ ކެޓަގަރީއަކުން ފުލެޓް ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން އެ ފަރާތްތަކަށް ދިނުމަފަހު، އިޖުތިމާއީ ބޯހިޔާވަހިކަމަށް ބޭނުވެފައިވާ މީހުންނަށް އިތުރަށް ފުރުސަތުތައް ހޯދައިދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ފްލެޓް ކޮމިޓީން މިހާރު ނެރެފައިވާ ލިސްޓުގައި ޝަރުތު ފުރިހަމަ ނުވާ ފަރާތްތައް ހިމެނޭކަން ފާހަގަ ކުރައްވައި އެ ފަދަ ފަރާތްތައް ލިސްޓުން އުނިކުރަން ޖެހޭ ކަމަށް އީވާ ވިދާޅުވިއެވެ.
މެންބަރު އީވާ އަބްދުﷲ
މެންބަރު އީވާ އަބްދުﷲ
މެންބަރު އީވާ އަބްދުﷲ
މެންބަރު އީވާ އަބްދުﷲ