ރާއްޖެއިން ބޭރުގެ މާކެޓުގައި 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ)ގެ ސުކޫކު ވިއްކަން ސަރުކާރުން ހުޅުވާލަން ނިންމައިފި އެވެ.

ދުނިޔޭގެ މަގުބޫލު ނޫސް އެޖެންސީ ރޮއިޓާސްގައި ބުނެފައިވާ ގޮތުން, 200 މިލިއަން ޑޮލަރުގެ މި ސުކޫކު ނުވަތަ އިސްލާމިކް ބޮންޑު ވިއްކަނީ ފަސް އަހަރަށް 10.5 ޕަސެންޓުގެ އީލްޑް ރޭޓުގަ އެވެ.

މި ސުކޫކަށް ރޭޓިން އެޖެންސީ މޫޑީސްގެ ބީ3 ރޭޓިންނެއް ލިބިފައިވާ ކަމަށާއި އެންމެ ފަހުގެ ސެޓެލްމެންޓް ކުރިއަށް ގެންދާނީ އަންނަ މަހުގެ އަށް ވަނަ ދުވަހު ކަމަށް ވެސް އެ ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކަކާ ހަވާލާދީ ބުނެފައިވެ އެވެ.

ރޮއިޓާސްގައި ބުނެފައިވާ ގޮތުން މި ސުކޫކު މުއާމަލާތު ކުރިއަށް ގެންދަނީ ކްރެޑިޓް ސުއިޒް އާއި އެމިރޭޓްސް އެންބީޑީ ކެޕިޓަލް އާއި އެސްއެސްބީސީ އާއި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވަލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) މެދުވެރިވެގެންނެވެ.

ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު ވަނީ 150 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއް ބޭރުގައި ވިއްކި ނަމަވެސް މިއީ ރާއްޖެއިން ބޭރުގެ މާކެޓުގައި ސުކޫކެއް ވިއްކާ ފުރަތަމަ ފަހަރެވެ.

ސަރުކާރުން މީގެ ކުރިން ވަނީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް ވިއްކަން ދަރުމަވަންތަ ހޮސްޕިޓަލްގެ ރަޖިސްޓަރީ ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރަން ނިންމައިފަ އެވެ. އެ ސުކޫކު ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދަނީ އައިސީޑީއާ ގުޅިގެންނެވެ. ނަމަވެސް ސަރުކާރުން ފަހުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފަ އެވެ.

ސުކޫކަކީ އިސްލާމީ ޝަރީއަތް ހުއްދަ ކުރާ ބާވަތުގެ ބޮންޑެއް ނުވަތަ މާލީ އިންސްޓްރޫމެންޓެކެވެ. ބޮންޑާއި ހިލާފަށް، ސުކޫކުގައި ރިބާގެ މުއާމަލާތެއް ނުހިމެނެ އެވެ. ބޮންޑެއް ވިއްކައިފިނަމަ، އެ ވިއްކާ ފަރާތުން، ގަންނަ ފަރާތަށް ކުރިން އެއްބަސްވެވޭ ގޮތެއްގެ މަތިން އިންޓަރެސްޓުގެ ގޮތުގައި ފައިސާ ދައްކަންޖެހެއެވެ. ސުކޫކުގައި އެބައެއް ނޯވެއެވެ.