މެންޗެސްޓާ ސިޓީއަށް ރެކޯޑު އަދަދަކަށް ގޯލް ޖަހައިދީފައިވާ އެ ކްލަބުގެ ލެޖެންޑް، ސާޖިއޯ އަގުއޭރޯ މި ސީޒަނަށްފަހު ކްލަބު ދޫކޮށްލާނެ ކަމަށް އޭނާ އިއުލާން ކޮށްފިއެވެ.

އުމުރުން 32 އަހަރުގެ އަގުއޭރޯ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާއިރު، އޭނާގެ އެއްބަސްވުން އާ ނުކުރުމަށް ސިޓީން ވަނީ ނިންމާފައެވެ. ސިޓީން ބުނެފައި ވަނީ އަގުއޭރޯއަކީ ކްލަބުގެ ލެޖެންޑެއް ކަމަށާއި، ކްލަބަށް ކޮށްދީފައިވާ ހިދުމަތުގެ އަގު ވަޒަން ކުރުމަށް އަގުއޭރޯގެ މޮނިއުމެންޓެއް ސިޓީ ސްޓޭޑިއަމް ބޭރުގައި ބަހައްޓާނެ ކަމަށެވެ.

މީގެ ކުރިން ސިޓީން ވަނީ ކްލަބުގެ ކެޕްޓަންކަން ކުރި ވިންސެންޓް ކޮމްޕެނީގެ އިތުުރުން ގިނަ މެޗުތަކެއް ކުޅެ، ކާމިޔާބީތަކެއް ހޯދި ޑޭވިޑް ސިލްވާގެ މޮނިއުމަންޓެއް ސްޓޭޑިއަމް ބޭރުގައި ބަހައްޓަން ނިންމާފައެވެ.

އަގުއޭރޯ ކްލަބު ދޫކޮށްލާނެކަން އިއުލާންކޮށް، އިންސްޓާގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ސިޓީގެ ކެރިއަރަށްފަހު އާ ޗެލެންޖަކަށް އޭނާ ތައްޔާރަށް ހުރި ކަމަށާއި، ދެން ފެށޭނީ މުޅިން އާ ޗެޕްޓާއެއް ކަމަށެވެ. އޭނާ ވަނީ ސިޓީގައި ހޭދަކުރި ދުވަސްތަކުގައި އެކިއެކި ވަގުތުތަކުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކެއްގެ އަގު ވަޒަން ކޮށްފައެވެ.

އަގުއޭރޯ މެންޗެސްޓާ ސިޓީއަށް 384 މެޗު ކުޅެދީ 257 ގޯލް ޖަހައިދީފައިވެއެވެ. 2011 ވަނަ އަހަރު ކްލަބާ ގުޅި، ސިޓީއާއެކު ހަތަރު ފަހަރަށް ލީގު ކާމިޔާބުކޮށްފައިވާ އަގުއޭރޯގެ އެންމެ ތާރީހީ ވަގުތު ކޮޅަކީ 2012 ވަނަ އަހަރު ލީގު ކާމިޔާބު ކުރުމަށް، ފަހު މެޗުގައި ކިއުޕީއާރް ކޮޅަށް ޖެހި ގޯލެވެ. ފަހު ސިކުންތުގައި ގޯލް ޖަހައި އަގުއޭރޯ ސިޓީއަށް 44 އަހަރަށްފަހު ލީގު ކާމިޔާބު ކޮށްދިނުމުގައި އަގުއޭރޯގެ ގޯލް ތާ އަބަދަށް ސިޓީގެ ތާރީހުގައި ލިޔެވިގެންދާނެއެވެ.