ށ. ބިލެތްފަހީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގެ ކަރަންޓު ބިލް ނުދައްކައި ގިނަ ދުވަސް ވުމުގެ ސަބަބުން އެތަންތަނުން ކަރަންޓު ކަނޑައިލުމަށް ނޯޓިސް ދިނުމުން ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި އެވެ.
ލޯކަލް ގަވަރުމެންޓު އޮތޯރިޓީގެ ބޯޑުގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސޮއިކުރައްވައި ބިލެތްފަހީ ކައުންސިލްގެ ރައީސް، އަބްދުﷲ ޒިޔާދަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ އޮތޯރިޓީގެ ބޯޑުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި އޭނާ ސަސްޕެންޑް ކުރުމަށް ފާސްކޮށްފައިވާ ކަމަށެވެ.
ސަބަބެއް ކަމަށް އެ ސިޓީގައި ބުނެފައިވަނީ، އަބްދުﷲ ޒިޔާދުގެ އިހުމާލުން ކައުންސިލް އިދާރާއާއި ރަށުގެ މިސްކިތާއި، މަގުބައްތި ތަކުގެ ކަރަންޓު ބިލްތައް ނުދައްކައި ގިނަ ދުވަސްތަކެއް ވެފައި ވުމުން އެ ތަންތަނުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން ފެނަކަ ކޯޕަރޭޝަނުން ނޯޓިސް ދީފައިވާތީ ކަމަށެވެ.
އެހެން ކަމުން އެލްޖީއޭ އިން އެ މައްސަލަ ބަލައި ވަކިގޮތެއް ކަނޑައަޅަން ދެން އޭނާ، މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަމަށް އެ ސިޓީގައި ވަނީ ބުނެފަ އެވެ. އެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ހިދުމަތް ހޯއްދަވަން ފިޔަވައި އެހެން ބޭނުމެއްގައި ކައުންސިލް އިދާރާއަށް ހާޒިރު ނުވުމަށް ވަނީ އަންގާފަ އެވެ. އަދި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ނުކުރުމަށް ވެސް ވަނީ އަންގާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު