ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ޕާކިސްތާނުގެ ރައީސް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އިއުލާންކުރައްވާފައިވަނީ އެމަނިކުފާނު މިއަދު ކުރެއްވި ޓުވިޓެއްގައެވެ.

ޕާކިސްތާނުގެ ރައީސް އާރިފް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މިމަހުގެ 15 ވަނަ ދުވަހު އެމަނިކުފާނު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައިވާ ކަމަށެވެ. އަދި ދެވަނަ ޑޯޒް ޖައްސަވަން ޖެހިވަޑައިގަންނަވާނީ ހަފުތާއެއް ފަހުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޕާކިސްތާނުގެ ރައީސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މީގެ ނުވަ ދުވަސް ކުރިން އެގައުމުގެ ބޮޑުވަޒީރު އިމްރާން ހާން ވެސް ވަނީ ޕޮޒިޓިވްވެފައެވެ. ބޮޑުވަޒީރު އިމްރާން ވެސް ޕޮޒިޓިވްވެފައިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވިތާ ކައިރީގައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރާއި ރައީސްގެ އިތުރުން އެގައުމުގެ ޑިފެންސް މިނިސްޓަރު ޕަރްވޭޒް ހަތަކް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ޕާކިސްތާނުގައި ދެމުން އަންނަނީ ޗައިނާގައި އުފައްދާ ސިނޯފާމް ވެކްސިނެވެ. ޗައިނާ އިން މިދިޔަ މަހު ހަދިޔާކުރި އެ ވެކްސިން ދެމުން އަންނަނީ ސިއްހީ ހިދުމަތްތެރީންނާއި 60 އަހަރުން މަތީގެ މީހުންނަށެވެ.