ކޮވިޑުގެ ސަބަބުން ބޮޑެތި ގެއްލުން ލިބުނު ގައުމުތައް އިގުތިސާދީ ހީނަރުކަމުން ދެމެހެއްޓެނިވި ގޮތެއްގައި އަރައިގަތުމަށް ދަރަނި އަދާކުރުމަށް ހާއްސަ މެކޭނިޒަމެއް ގާއިމުކުރަންޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ވިޔަފާރި ޖަމިއްޔާއިން ވިޔަފާރި އާއި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީއާ ބެހޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާޗުއަލްކޮށް މިއަދު ބައިވެރިވެވަޑައިގެން މިނިސްޓަރު ޝާހިދު ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ތިމާވެއްޓާއި އިގުތިސާދީ ގޮތުންނާއި ކޮވިޑުގެ ސަބަބުން ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމަށެވެ. އަދި ކޮވިޑުގެ ސަބަބުން ގްލޯބަލް ސަޕްލައި ޗެއިން މެދުކެނޑުމުން ދިމާވި ދަތިތަކުން އަރަތިގަތުމަށް ދިވެހި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހުނު ކަމަށްވެސް ވިދާޅުވިއެވެ.
"މިގޮތުން ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމަށް ހެދިފައި ހުރި ގަވާއިދުތައް ބަދަލުކުރުމާއި ކޮންމެހެން ބޭނުންވާ ކާބޯތަކެތި އެއްވެސް ދަތިކަމެއްނެތި ފޯރުކޮށްދިނުން، ސަރުކާރުން ދެމެހެއްޓެވި. މީގެ އިތުރުން ކޮވިޑުގެ ސަބަބުން ބޮޑެތި ގެއްލުން ލިބުނު ގައުމުތައް އިގުތިސާދީ ހީނަރުކަމުން ދެމެހެއްޓެނިވި ގޮތެއްގައި އަރައިގަތުމަށް ދަރަނި އަދާކުރުމަށް ހާއްސަ މެކޭނިޒަމެއް ގާއިމުކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ދެމެހެއްޓެނެވި ތަރައްގީގައި ވިޔަފާރި އާއި ތިމާވެށި ހިމާޔަތްކުރުމަށް އޮތް ގުޅުން ވަރުގަދަކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި މިނިސްޓަރު ވިދާޅުވީ ގުދުރަތީ ކާރިސާތަކުން ސަލާމަތްވުމަށް ނުވަތަ އަރައިގަތުމަށާއި އާމްދަނީ އާއި ވަޒީފާއަށް ސާފު އަދި ދެމެހެއްޓެނިވި ތިމާވެއްޓެއް ގާއިމުކުރުމަށް ކުރިއަރަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގައި އެކަށީގެންވާ ވަސީލަތްތައް ގާއިމުވެފައި ނެތް ކަމަށެވެ.
މީގެ އިތުރުން ތަރައްގީގެ އޮނިގަނޑާއި ދެމެހެއްޓެނިވި އަދި މޫސުމީ ފުދުންތެރި ތަރައްގީއަށް މަގުފަހިވާގޮތަށް ވިޔަފާރި އާއި އިންވެސްޓްމެންޓުގެ ސިޔާސަތުތައް ބަދަކުރުމަކީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމުގެ ފިޔަވަހީގައި ލިބޭ މުހިއްމު ފުރުސަތެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްގީގެ 2030 ގެ އެޖެންޑާ ކާމިޔާބުކޮށް ފުދުންތެރި އިގުތިސާތެއް ގާއިމުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް މިނިސްޓަރު ޝާހިދު ގޮވާލެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު