ފުލުހުންގެ އާ ގާނޫނަކީ ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި ފުލުހުންގެ ކުރިއެރުމާއި ތަރައްގީއަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން ރައީސް މިއަދު ދެއްވި ހިތޯބުގައި ވިދާޅުވީ ގައުމަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން، ފުލުހުންގެ ޒިންމާތަކާއި ވާޖިބުތަކާއި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ވަނީ އެތައް ގުނައެއް އިތުރުވެފައި ކަމަށެވެ. އަދި ގާނޫނު ތަންފީޒުކުރުމުގެ އެންމެ މުހިންމު މަސްއޫލިއްޔަތު އަދާކުރާ މުއައްސަސާގެ ހައިސިއްޔަތުން އެއްވެސް ވަރުބަލިކަމެއްނެތި، ރެޔާއި ދުވާލު ފުލުހުން އަދާކުރައްވަމުން ގެންދަވަނީ އަގުނުކުރެވޭވަރުގެ މަތިވެރި ގައުމީ ހިދުމަތްތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހި ފުލުހުންގެ 88 ވަނަ އަހަރީ ދުވަސް މި ބައްދަލުކުރީ، އަލަށް އެކުލަވައިލި "ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު"އަށް އަމަލުކުރަން ފެށި ތާރީހީ މުނާސަބަތާވެސް ދާދި އެކުއެކީގައި ކަމަށެވެ. މިމަހު އަލުކުރަން ފެށި ފުލުހުންގެ އާ ގާނޫނުގެ ސަބަބުން، ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި، ދިވެހި ފުލުހުންގެ ހިދުމަތް ކުރިއަރުވައި ތަރައްގީ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ. އަދި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތަށް އިހުތިރާމުކުރުމާއެކު، ގާނޫނުގެ ވެރިކަމުގެ ތެރެއިން ދެވޭ ހިދުމަތަކަށް ދިވެހި ފުލުހުންގެ ހިދުމަތް ވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ދިވެހި ސިފައިންނާ އެކުގައި ކުރިން އޮތް ދިވެހި ފުލުހުންގެ ހިދުމަތް، މަދަނީ ހިދުމަތެއްގެ ގޮތުގައި މުޅިން ވަކި މުއައްސަސާއަކަށް ބަދަލުވުމަށްފަހު، މިވީ 17 އަހަރުގެ ތެރޭގައި ފުލުހުންގެ ކުރިއެރުމާއި ތަރައްގީއަށް މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެނީ، ފުލުހުންގެ ގާނޫނީ އޮނިގަނޑަށް މިގެނެވުނު މުހިންމު ބަދަލު. މި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ މިނިވަން ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް ތަރައްގީކޮށް، ފުލުހުންނަށް ބޭނުންވާ ގާނޫނީ ރައްކާތެރިކަމާއި ގާނޫނީ ބާރާއި ގާނޫނީ ހައިސިއްޔަތު ފުލުހުންގެ މުއައްސަސާއަށާއި މުވައްޒަފުންނަށް ލިބިދިނުން،" ރައީސް ވިދާޅުވިއެވެ.
ފުލުހުންގެ ގާނޫނަށް މި ގެނައި ބަދަލާ ގުޅިގެން، ފުލުހުންގެ ހިދުމަތް މިހާރަށްވުރެ ބޮޑަށް ލާމަރުކަޒު ކުރެވި، ކޮމިޔުނިޓީ ޕޮލިސިންގެ އުސޫލުން ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން ދެވޭ ހިދުމަތެއްގެ ގޮތުގައި ބައްޓަންވެގެންދާނެ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން، އަތޮޅުތަކަށް ނިސްބަތްވާ ވަކިވަކި ފުލުހުންނަށްވެސް އެމީހުންގެ އަތޮޅާއި ރަށުގައި ތިބެގެން އާއިލާއާ ގާތުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ އުންމީދަކީ މި މުހިންމު ބަދަލުތަކުގެ ސަބަބުން ރައްޔިތުންނާ ގާތުން ހިދުމަތް ދެވި، ރައްޔިތުންގެ ހިތްތަކުގައި ދިވެހި ފުލުހުންގެ ހިދުމަތާ މެދު އިތުބާރާއި ޔަގީންކަން އިތުރުވެގެންދިޔުން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތަށް ނުކުންނަ ޒުވާނުންނަކީ ތައުލީމީ ގޮތުންނާއި ހުނަރުވެރިކަމުގެ ގޮތުން ގާބިލު ބަޔަކަށް ހެދުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ކުރިމަގުގައި މިހާރަށްވުރެ ފުޅާވެގެންދާނެ ކަމަށެވެ. އަދި ދިވެހި ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ ވެލްފެއާގެ ކަންތައްވެސް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި އަދި މިހާރަށްވުރެ އިތުބާރު ހުރި ގޮތެއްގައި ލިބެމުންދާނެ މަގުވެސް ސަރުކާރުން ފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު