ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެ ފަސް ޕްރޮޖެކްޓު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދު އެވެ.

1. މ. މުލަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު

މި މަޝްރޫއުއަކީ 66.17 މިލއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއުގެ ދަށުން 90.411 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫއު އަކީ 105 ދުވަހުގެ ތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

2. ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު

މަޝްރޫއުގެ އަގަކީ 16.9 މިލިއަން ރުފިޔާއެވެ. މި މަޝްރޫއުގެ ދަށުން، 200 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 40 މީޓަރުގެ ގްރޮއިންސް ޖެހުން ހިމެނެ އެވެ. 105 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ މިވަގުތު ކުރިއަށްދަނީ އީއައިއޭގެ މަސައްކަތެވެ. އެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ އޭޕްރީލް މަހުގެ ނިޔަލަށެވެ.

3. ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު

މަޝްރޫއުގެ އަގަކީ 96.8 މިލިއަން ރުފިޔާ އެވެ. މި މަޝްރޫއުގެ ދަށުން، 250 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. މަސައްކަތް ނިންމަން ހަމަޖެހިފައިވަނީ 180 ދުވަސްތެރޭގަ އެވެ.

4. ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު

މަޝްރޫއުގެ އަގަކީ 13.10 މިލިއަން ރުފިޔާ އެވެ. މި މަޝްރޫއުގެ ދަށުން، 280 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. މަސައްކަތް ނިންމަން ހަމަޖެހިފައިވަނީ 150 ދުވަސްތެރޭގަ އެވެ.

5. ރ. ރަސްމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު

މަސައްކަތުގެ އަގަކީ 68.11 މިލިއަން ރުފިޔާ އެވެ. މަޝްރޫއުގެ ދަށުން 336 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. މަސައްކަތް ނިންމަން ހަމަޖެހިފައިވަނީ 180 ދުވަސްތެރޭގަ އެވެ.

މި މަޝްރޫއުތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ދާއިރާތައް ތަމްސީލުކުރައްވާ މަޖިލިސް މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.