ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭއާއި ކްލަބު އީގަލްސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
ކޮވިޑް 19 އާ ގުޅިގެން ސީޒަންގެ މެދުތެރެއިން ހުއްޓާލުމަށްފަހު އަލުން ފެށި ފަހުން މިއަދު ކުޅެފައިވަނީ ތިންވަނަ މެޗެވެ. މިދިޔަ ހަފުތާ ދެ މެޗު ކުޅުނު އިރު، މިއަދުގެ މެޗަކީ ދަ ގްރާންޑޭއާއި ކްލަބު އީގަލްސްވެސް ބްރޭކްގެ ފަހުން ކުޅުނު ފުރަތަމަ މެޗެވެ. މިހާތަނަށް ލީގުގައި ދަ ގްރާންޑޭއާއި އީގަލްސް ދިހަ މެޗު ކުޅެފައިވާ އިރު، ދަ ގްރާންޑޭ ދެވަނައިގައި އޮތީ 16 ޕޮއިންޓާއެކުގައެވެ. ނުވަ މެޗާއެކު މާޒިޔާ އެއްވަނައިގައި 21 ޕޮއިންޓާއެކު އޮތް އިރު، ތިންވަނައިގައި ވެލެންސިއާ އޮތީ ނުވަ މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ.
މިރޭ ވެލެންސިއާއިން ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، އަލުން ދެވަނައަށް އެރުމަށް ފުރުސަތު އެބައޮތެވެ. މާޒިޔާއިން މާދަމާ ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ. ޓީސީ މާދަމާ ރޭ ނުކުންނާނީ ސުޕަ ޔުނައިޓެޑާ ދެކޮޅަށެވެ.
މިއަދުގެ މެޗު ފެށިގެން ފުރަތަމަ ހާފުގައި ނުރައްކާތެރިކޮށް ފެނުނީ އީގަލްސްއެވެ. ދަ ގްރާންޑޭއަށް ފުރަތަމަ ހާފުގައި ނުރައްކާތެރި ހަމަލާއެއް އުފެއްދިފައި ނުވި ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅުގައި ދަ ގްރާންޑޭއިން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް އުފައްދައިފައެވެ. އަހުރޯރް އުމަރުޖަނޯވް އަރިމަތިން ވަދެ ޖެހި ބޯޅަ އީގަލްސްގެ ގޯލްކީޕަރު ތާހާ މުހައްމަދު ދިފާއުކޮށް ބޭރުކޮށްލި އިރު، ރީބައުންސްގައި އަޔާޒް އަހުމަދު (އަޔާ) ޖެހި ބޯޅަވެސް ބޭރުކޮށްލީ ތާހާއެވެ.
އޭގެ އިރުކޮޅެއްފަހުން އީގަލްސްއިން ލީޑު ނެގިއެވެ. ދަ ގްރާންޑޭގެ ފަހަތުން ގާސިމް ސައްމާމް، ގޯލްކީޕަރު އިޔާން އަބްދުލް އަލީމްއަށް ޖައްސާލި ޕާސް، އިޔާންއަށް ރަނގަޅަށް ކޮންޓްރޯލް ނުވެ ލިބުނީ އީގަލްސްގެ ރަޝިޔާ ފޯވަޑް ކޮރްމިޝިން ލަޑިސްލޭވްއަށެވެ. އޭނާ ދެ ޑިފެންޑަރުން ނައްޓާލުމަށްފަހު ޔަގީންކޮށްލައި ބޯޅަ އަމާޒުކޮށްލީ ތިރީ ގޯލުގެ ތިރީ ކަނަށެވެ.
އޭގެ ފަހުންވެސް މެޗުގައި އީގަލްސްއިން ހަމަލާތައް ގިނަކޮށް ފާހަގަވެގެން ދިޔަ އިރު، އެޓީމަށް ދިމާވި މައްސަލައަކީ ގޯލަށް ބޯޅަ ނިންމައިނުލެވުމެވެ. ޑޮމިނޭޓްކޮށް އީގަލްސްއިން ކުޅެމުން ދަނިކޮށް އަނެއްކޮޅުން ދަ ގްރާންޑޭއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އެޓީމުން ގޯލަށް އަމާޒުކޮށް ފޮނުވާލި ތިންވަނަ ފުރުސަތުގައެވެ. އޭރިއާ ބޭރުން އީގަލްސްގެ ދެ ކުޅުންތެރިން ނައްޓާލައި އަޔާ ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ.
މި ސީޒަންގައި ކުރިންވެސް އަޔާގެ ފަރާތުން މުހިއްމު ގޯލުތައް، ހިތްގައިމު ގޯލުތައް ފެނިގެން ގޮސްފައިވާ އިރު، މެޗުގައި އަޔާ ޖެހި ގޯލުވެސް ފާހަގަކޮށްލެވެއެވެ. އޭނާގެ ފަރާތުން ދަ ގްރާންޑޭއަށް މުހިއްމު ގޯލުތައް ޖަހައިދޭކަން ފާހަގަވެފައިވެއެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީވެސް އަޔާއެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު