(27 މާޗުގެ އަދަދާ ގުޅޭ)

حسن، إدريـس އާއެކު ކޮޓަރިޔަކަށް ވެދެވަޑައިގެންފިއެވެ. އުމުރުފުޅުން ދުވަސްވީ ކޮމާންޑަރ މޭޒެއްގެ ކައިރީގައި އިންނެވިއެވެ. މޭޒުމަތީގައި ޗާޓުތަކާއި ކަރުދާސްތައް ހުއްޓެވެ. أحمد އެންމެމަތީ ކޮމާންޑަރުގެ އަރިހުގައި އޭނާގެ ކަނާތްޕުޅުފަރާތުގައި އިންނެވިއެވެ. އޭނާ އެންމެމަތީ ކޮމާންޑަރަށް حسن ތަޢާރުފުކޮށްދެއްވަމުން ވިދާޅުވިއެވެ. "މިއީ އަލްމަރިއްޔާގެ ސަރަޙައްދީ ކިއްލާގެ ކޮމާންޑަރ" މުސްކުޅިފުޅު ކޮމާންޑަރ حسن ގެ މޫނުފުޅަށް ނަޒަރު ހުއްޓަވައިލައްވައިފިއެވެ. حسن ކުރިޔަށް ވަޑައިގެން السّـلام عليكم އެވެ ވިދާޅުވެފައި ސަލާންކުރައްވާން އަތްޕުޅު ދިއްކޮށްލައްވައިފިއެވެ. حسن ވަރަށް ޖޯޝާއެކު ކޮމާންޑަރާ މުޞާފަޙާ ކުރައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑު ޣަރުނާޠާއަކުން މަނިކުފާނެއް ނުދެކެން."

މުސްކުޅިފުޅު ކޮމާންޑަރ ހިތާމަވެރި ރާގެއްގައި ވިދާޅުވިއެވެ. "އަޅުގަނޑު އުޅުނީ ޣަރުނާޠާއަކު ނޫން."

"ކޮންމެވެސް ތަނަކުން އަޅުގަނޑަށް މަނިކުފާނު ފެނުނު ހަނދާނެއްވޭ."

މުސްކުޅިފުޅު ކޮމާންޑަރ އެއްވެސް ޖަވާބެއް ނުދެއްވައެވެ. އޭނާ حسن ގެ އަތްޕުޅު އޭނާގެ މުށްޕުޅުގެ ތެރެޔަށް ލައްވައިގެން ފަރުވާތެރިކަމާއެކު حسن އާ ދިމާޔަށް ބަލަހައްޓަވައިގެން ހުންނެވީއެވެ. حسن، أحمد އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. أحمد ގެ މޫނުފުޅުމަތީގައިވަނީ ހިނިފުޅުވެޑުވުމެކެވެ. ނަމަވެސް އޭނާގެ ލޯފުޅުގެ ތެރެޔަށް ދިޔައީ ކަރުނަފޮދު ޖަމާވަމުންނެވެ. އޭނާ حسن އާ ދިމާޔަށް ވިދާޅުވިއެވެ. "ކޮއްކޮ މީނާ ދެކެވަޑައެއް ނުގަންނަވަމުތޯ؟"

حسن ގެ އަރިހަކު އެސުވާލުގެ ޖަވާބެއް ނެތެވެ. އޭނާ ހައިރާންފުޅުކަމުގެ ނަޒަރަކުން އެމުސްކުޅިފުޅު ކޮމާންޑަރާ ދިމާޔަށް ބައްލަވާން ހުންނެވިއެވެ.

މުސްކުޅިފުޅު ކޮމާންޑަރ أحمد އާއި إدريـس އާ ދިމާޔަށް ބައްލަވައިލައްވައިފައި ތުރުތުރުއަޅާ އަޑުފުޅަކުން ވިދާޅުވިއެވެ. "މީނާ އޭރު ވަރަށްކުޑަ— އަހަރެން ހަނދާން އެބަހުރި އެދުވަހު އަހަރެން ދާންއުޅުމުން މީނާ އަހަރެންގެ ފައިގައި އޮޅުލައިގެންފައި ބުނި. "ބައްޕާ! ބައްޕަގެ އަރިހުގައި އަޅުގަނޑު ގެންދަވާ! ބައްޕަ ވަނީ ހަނގުރާމަ ނިމުމުން ބައްޕަ އަރިހުގައި އަޅުގަނޑު ހިނގައިލާން ގެންދަވާން ވަޢުދުވެވަޑައިގެންފައި."

އެ ލަފުޒުތައް ތީރެއްހެން حسن ގެ ހިތްޕުޅަށް ހެރިއްޖެއެވެ. މާޒީގެ ހުވަފެންފުޅުތަކާއި ޚިޔާލުފުޅުތަކުގެ ދުނިޔެ އަނެއްކާވެސް ޙަޤީޤަތެއްގެ ގޮތުގައި ސިފަވެގެން حسن ގެ ކުރިފުޅުމައްޗަށް އަތުވެއްޖެއެވެ. އޭނާ ބޭއިޚުތިޔާރުގައި އެ މުސްކުޅިފުޅު ކޮމާންޑަރާ އޮޅުލައިވަޑައިގެންފިއެވެ. "ބައްޕާފުޅާ! ބައްޕާފުޅާ!"

حسن ގިސްލެއްވުން މަތަކުރެއްވޭތޯ މަސައްކަތްޕުޅު ކުރައްވަމުން ވިދާޅުވިއެވެ. "އަދި— އަދި ބައްޕާފުޅު ވިދާޅުވީމު. ހަނގުރާމަ އަދިއެއް ނުނިމެއޭ.—"

* * * * * * * * * * *

معـتـمـد ގެ ގަނޑުވަރުގެ ތަނަވަސް ކޮޓަރިކޮޅެއްގައި މުލޫކުއްޠަވާއިފުންގެ ބައްދަލުވެވަޑައިގެންނެވުން ހިނގަމުންދަނީއެވެ.— އެބޭފުޅުންގެ އަކްސަރިއްޔަތު ވަނީ އަލްފާންސޫއާ ދެކޮޅަށް أميـر يـوسف بـن تـاشـفـيـن ގެ އަރިހުން އެހީފުޅަށް އެދިވަޑައިގަންނަވާން އެއްބަސްވެވަޑައިގެންފައެވެ. އެކަމަކު އެހުށަހެޅުމާ އަޑިއަޑީން އިދިކޮޅު ހައްދަވާ ބޭފުޅުންވެސް ތިއްބެވިއެވެ. ޝެހެޒާދާ رشـيـد އެބައްދަލުވުމުގެ ކުރީން އޭނާގެ ބައްޕާފުޅުގެ އަރިހުގައި ވިދާޅުވިއެވެ. "މުރާބިޠީނަކީ ތަހުޒީބުނުވާ ވަޙުޝީ ބައެއް. އަންދަލުސަށް އަންނާން އެބައިމީހުންނަށް ދަޢުވަތުދިނުން ވާނީ އަޅުގަނޑުމެންނަށް ވަރަށްބޮޑު ނުރައްކަލަކަށް. އަންދަލުސުގެ ޢިލްމުވެރީން ވަނީ އާއްމުން އަޅުގަނޑުމެންނާ ދުޝްމިނު ކުރުވައިފައި يـوسف بـن تـاشـفـيـن ވަޑައިގެންފިނަމަ އޭނާ ހުރިހައިކަމެއްވެސް ކުރައްވާނީ

އެ ޢިލްމުވެރީންގެ ލަފާ އައްސަވައިގެން. ޢިލްމުވެރީންގެ އެންމެފުރަތަމަ އެދިވަޑައިގެންނެވުމަކަށްވާނީ އަންދަލުސުގައި ވެރިކަންކުރާ ޢާއިލާތަކުގެ ޙައްޤުތައް ފިރުކައިގެންނެވުން. އާއްމުން އެބޭފުޅުންގެ އެދިވަޑައިގެންނެވުންތަކަށް ތާއީދުކުރާނެ. أميـر يـوسف ކުޑަވެސް އުނދަގޫފުޅަކާނުލައި އަންދަލުސުގެ ހުރިހައި ކަމެއްގެ މައްޗަށް ބާރުފޯރުއްވަވާން ފައްޓަވާނެ. ކުރީއްސުރެ އަޅުގަނޑުމެންނާމެދު ކުފުރުގެ ފަތުވާ ދެއްވަމުން ގެންދަވާ ޢިލްމުވެރީން ތިއްބަވާނީ ނިޔާކަނޑައަޅުއްވާ ގޮނޑިކޮޅުތަކުގައި އަޅުގަނޑުމެންނަށްޓަކައި ހުންނާނީ މުޖުރިމުންގެ ކޮށިގަނޑުތައް. އެނުރައްކަލަށް ހުރަހެޅުމަށްވުރެ ކޮންމެ އަގެއްގައިވިޔަސް އަލްފާންސޫއާ ޞުލްޙަވުން މާރަނގަޅު. މަލަކާ ރަމީކިއްޔާވެސް ހުންނެވީ އޭނާގެ އުފާކުރެއްވުމުގެ ހަރަކާތްތަކަށް ޢައްޔާޝީކަމުގެ ފަތުވާ ދެއްވާނެ ބަޔަކު މުރާބިޠީންގެ އެހީގައި ކުރިޔަށް ނުކުތަދެއްވަން ތައްޔާރަކަށެއް ނޫނެވެ. ނަމަވެސް އެދެމައިކަނބަލުންގެ ނަސޭހަތްޕުޅަކުން މިފަހަރަކު معـتـمـد އަކަށް އަސަރެއް ނުކުރިއެވެ.

މުލޫކުއްޠަވާއިފުންގެ ބައްދަލުވެވަޑައިގެންނެވުމުގައި މާލިޤާގެ أميــر عبد اللّـه بـن سـاقـط، أميــر يـوسف بـن تـاشـفـيـن އަށް ދަޢުވަތު އެރުވުމާ ވަރަށް ވަރުގަދަޔަށް ދެކޮޅު ހެއްދެވިއެވެ. އޭނާ ވިދާޅުވިއެވެ. ތިޔަބޭފުޅުން މުރާބިޠީނުގެ أميــرއަށް ތިޔަ ދަޢުވަތު އަރުއްވަނީ އިސްލާމްދީނުގެ ނަމުގައި، އަންދަލުސުގެ ޢިލްމުވެރީންނާއި އާއްމުންގެ ތާއީދާއެކު މުރާބިޠީނުންގެ أميــر އެދިވަޑައިގަންނަވާނީ މިތާނގައި ތިޔަބޭފުޅުންނަށް އެއްވެސް ޖާގައެއް ނޯންނަ ޒާތުގެ ވެރިކަމުގެ ނިޒާމެއް ގާއިމުކުރައްވަން. މުރާބިޠީނުންނަކީ ތަހުޒީބެއް ތަމައްދުނެއް ނުދަންނަ ބައެއް. އެބައިމީހުންގެ އިސްލާމްވާނީ އަންދަލުސުގައި މިއޮތް އަޅުގަނޑުމެންގެ ތަހުޒީބާއި ތަމައްދުނުގެ ހުރިހައި އަސަރުތަކެއް ފޮހެލާ ޠޫފާނެއް ކަމުގައި. އަޅުގަނޑުމެންގެ ބޮލަށް ސަވާރުކުރެވޭނީ އަޅުގަނޑުމެންގެ އަދަބިއްޔާތާއި ޅެންވެރިކަމާއި ފަށުއި ފަންނުތަކަށް މިހާރުވެސް މަލާމާތް ކުރައްވައި ފުރައްސާރަ ކުރައްވަމުން ގެންދަވާ ޢިލްމުވެރީން. މުރާބިޠީނުން މިތާނގެ ސަންގުމަރުމަރުގެ ގަނޑުވަރުތަކުގައި ތިއްބަވާ ބޭފުޅުންނާއި ޖިފުޓިތަކުގައި ދިރިއުޅޭ ހަސްފަސްނެތް މީހުން ލަވަމުންގެންދަވާނީ އެއްލަޓިބުރިޔަކުން އަލްފާންސޫ އަޅުގަނޑުމެންނަށް ކުރިމަތިވާ ނުރައްކަލަކަށްވީ އަޅުގަނޑުމެންގެ ކިބައިގައި އެއްބައިވަންތަކަމެއް ނެތްއިރު. އަޅުގަނޑަށް ޔަގީން އަޅުގަނޑުމެން އެތަކިގަނޑަކަށްވެގެން އެކުގައި މައިދާނަށް ނުކުމެއްޖެނަމަ އޭނާ ޙަމަލަ ދެއްވުމުގެ ޚިޔާލު ދޫކޮށްލައްވަފާނެ. އެންމެ ބޮޑުވަރަކަށްވާނީ އޭނާއަށް އިތުރަށް ޖިޒީދޭން އެދިވަޑައިގެންނެވުން. އެހެންވީއިރު އަޅުގަނޑުމެން މުރާބިޠީނުގެ ނުރައްކަލާ ކުރިމަތިލުމަށްވުރެ އަލްފާންސޫއަށް އިތުރަށް ޖިޒީ ދީގެން އޭނާގެ ހިތްޕުޅު ހަމަޖައްސައިދޭން މަސައްކަތްކުރުން ރަނގަޅެއް ނުވާނެތޯ؟—"

މާލިޤާގެ أميـر ގެ ވާހަކަފުޅަށްފަހު عمــر المـتــوكّـل ތެދުވެވަޑައިގެން ވިދާޅުވިއެވެ. "މަނިކުފާނު ތިޔަ މޭރުމުން ތިޔަ ވާހަކަފުޅު ދެއްކެވި ސަބަބަކީ މާލިޤާ އަދި އޮތީ އަލްފާންސޫގެ ޙަމަލައާ ތަންކޮޅެއް ދުރުގައި ކަމަށްވާތީ، އެކަމަކު އަޅުގަނޑަށް އެނގޭ. ދުނިޔޭގައިވާ ހުރިހައި ޚަޒާނާތަކެއް އަޅުގަނޑުމެންގެ އަތުގައި ހުރިކަމުގައިވިޔަސް އަޅުގަނޑުމެންނަކަށް މާގިނަދުވަހަކު އަލްފާންސޫގެ ހިތްޕުޅު ހަމަޖައްސައެއް ނުދެވޭނެ. ޠުލައިޠުލާގެ ވެރީންނަށްވުރެ ގިނައިން އޭނާއަށް ޖިޒީ ދިނީ ކޮންބައެއްތޯ؟ އެކަމަކު ޠުލައިޠުލާގެ ކަންތައް ނިމިގެންދިޔަ ހިތާމަވެރި ނިމުން އަޅުގަނޑުމެން އެންމެން ދެކެފީމު. އަޅުގަނޑުމެންގެ ވަރަށްގިނަ އެކުވެރީންނަށް ވަނީ ޠުލައިޠުލާގެ ނިމުން ފެނިވަޑައިގެންނެވުމުން ހަމަވިސްނުންފުޅު ލިބިވަޑައިގެންފައި. ހީވާގޮތުން މަނިކުފާނު ބޭނުންފުޅުވަނީ ބިޠުލިޔޫސާއި އިޝްބީލިއްޔާއާއި، މުރުސިއްޔާއާއި، އަލްމަރިއްޔާއާއި ޤުރުޠުބާގެ ނިމުންއަންނަގޮތް ދެކެވަޑައިގަންނަވަން."

ވަރަށްދިގު ބަހުސުތަކަކަށްފަހު معـتـمـد ތެދުވެވަޑައިގެން ވިދާޅުވިއެވެ. "ތިޔައިގެ ތެރެއިން ބައެއް ބޭފުޅުންނަށް ހީފުޅުވަނީ މުރާބިޠީނުން އަޅުގަނޑުމެންގެ އަތުން ވެރިކަން ފިރުއްކަވައިގެންފާނެކަމުގައި. އެއީ ރަނގަޅު ވިސްނުންފުޅެއްކަމުގައިވެސް ވެދާނެ. އެކަމަކު އަޅުގަނޑާ ބެހޭގޮތުން އަޅުގަނޑު ދަންނަވާނަން.

يـوسف بـن تـاشـفـيـن އަޅުގަނޑު ހައްޔަރުކުރައްވައިފައި އެފުރިކާއަށް ފޮނުއްވުމުގެ ސަބަބުން އަޅުގަނޑަށް އޭނާގެ ޖަމަލު ގޮވިކަން ކުރާންޖެހުނުކަމުގައިވިޔަސް އަޅުގަނޑަށް ޤަޞްޠިލާގައި އޫރު ގެންގުޅޭންޖެހުމަށްވުރެ ރަނގަޅުކަމުގައި އަޅުގަނޑު ދެކެން. އަޅުގަނޑުމެން يـوسف بـن تـاشـفـيـن ގެ އެހީފުޅަށް މިއެދެނީ އަޅުގަނޑުމެންގެ ކުރިމަތީގައި ގޮތްހުސްވެގެން އަޅުގަނޑުމެންނަށް ސަލާމަތުގެ އެހެން އެއްވެސް މަގެއް ފެންނާން ނެތިގެން. އަލްފާންސޫ އަންދަލުސަށް ވެރިވެވަޑައިގަތުމުގެ ސަބަބުން އަޅުގަނޑުމެންގެ އަންނަނިވި ނަސްލުތައް އެމީހުންގެ ހަލާކުގެ ހުރިހައި ޒިންމާއެއް އަޅުގަނޑުމެންގެ ބޮލުގައި އަޅުވަން ތިޔަބޭފުޅުން ގަބޫލުފުޅުތޯ؟ އިސްލާމީ އުންމަތުގެ ހުރިހައި މިސްކިތްތަކެއްގެ މިހުރާބުތަކުން އަޅުގަނޑުމެންނަށް ލަޢުނަތްދިނުމަކީ ތިޔަބޭފުޅުން ރުހިވަޑައިގަންނަވާ ކަމެއްތޯ؟ ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވަނީ މުރާބިޠީނުން އަންދަލުސަށް އަތުވެއްޖެކަމުގައިވާނަމަ އަޅުގަނޑުމެންގެ ތަހުޒީބަށް ކުރިމަތިލާ ނުރައްކަލަކަށް ވެދާނެކަމަށް. އަޅުގަނޑުމެންގެ ފަށުވި ފަންނުތައް ނައްތައިލައިފާނެކަމަށް. އެކަމަކު އަޅުގަނޑުމެން ފަޚުރުވެރިވާ ތަހުޒީބާއި ފަށުވި ފަންނުތައް އަލްފާންސޫގެ ކުރިފުޅުމަތީގައި ހުރަސްއަޅާ ފާރެއްކަމުގައި ނުވިކަމަކީ އަޅުގަނޑުމެންގެ ނަސީބު ދެރަކަން. އަލްފާންސޫގެ ކުރިފުޅުމަތީ ހުރަސްއެޅޭނީ ތިޔަބޭފުޅުން ވަޙުޝީންނޭ ޖާހިލުންނޭ ތިޔަ ވިދާޅުވާ މީހުންގެ ކަނޑިތަކަށް. އަޅުގަނޑު أميـر يـوسف بـن تـاشـفـيـن އަށް ތާރީފުކުރާކަށެއް ނެތީން. އެކަމަކު އަޅުގަނޑު ދަންނަވާނަން. އަޅުގަނޑުމެންގެ އެންމެފަހުގެ ވާގިވެރިޔަކީ އޭނާ. އޭނާއަކީ އަޅުގަނޑުމެންގެ ބަނަވެފައިވާ އުދަރެހުން ފެންނާންހުރި ހަމައެކަނި އަލިކަން. އަޅުގަނޑަށް އެނގެނީ ޚުދު އަޅުގަނޑާ ބެހޭގޮތުން ވާހަކަދައްކާން. އަޅުގަނޑު އަލްފާންސޫ އުފާފާޅުކުރުވުމަށްޓަކައި އިޝްބީލިއްޔާގެ ޚަޒާނާ ހުސްކޮށްފިން. އެކަމަކު މިހާރު އޭނާގެ ފައުޖު އެދަނީ އިޝްބީލިއްޔާގެ ސަރަޙައްދަށް ޖަމާވަމުން. ބޭރުގެ އެހީއަކާ ނުލައެއް އަޅުގަނޑަކަށް އިޝްބީލިއްޔާއާއި ޤުރުޠުބާ ހަލާކުން ސަލާމަތެއް ނުކުރެވޭނެ. ތިޔަބޭފުޅުންގެ ތެރޭގައި އަމިއްލަފުޅު މުލައްދަނޑިފުޅުގެ ބާރާމެދު އިތުބާރު އޮތް ބޭފުޅަކު ހުންނެވިކަމުގައިވާނަމަ އެބޭފުޅަކު އަޅުގަނޑާ ބައިވެރިވެވަޑައިގަންނަވާކަށެއް އަޅުގަނޑަކަށް މަޖުބޫރެއް ނުކުރެވޭނެ. ޙާލަތު ނިޔާކޮށްފައިވާގޮތުން އަޅުގަނޑާ އެއްވިސްނުންފުޅެއް ގެންގުޅުއްވާން މަޖުބޫރުވެވަޑައިގެންފައިވާ ބޭފުޅުންނަށް އަޅުގަނޑު އިލްތިމާސުކުރަނީ ބަހުސު ކުރެއްވުމުގައި ވަގުތު ނަންގަވައިނުލައްވަން. އަޅުގަނޑުމެންނަށް މިތިބެވެނީ އަލިފާން ފަރުބަދައެއްގެ އުނގުގައި، މި ފަރުބަދަ ކޮންމެފަދަ ވަގުތަކުވެސް ގޮވައިފާނެ."

އަނެއްކައިވެސް އިރުކޮޅަކު ސައްލާކުރެއްވުމަށްފަހު ސިންތާގެ ބައިވެރީން އެއްބަސްވެވަޑައިގެންނެވީ "أميـر يـوسف بـن تـاشـفـيـن އަށް އަންދަލުސަށް ވަޑައިގަންނަވާން ދަޢުވަތު އެރުވުމުގެ ކުރީން އަންދަލުސުގެ ދާޚިލީ ކަންކަމާ ބެހިވަޑައިނުގަންނަވާނެކަމަށް އޭނާ ލައްވައި ޢަހުދު ކުރުވުމަށެވެ."

އެންމެފަހުން أميـر يـوسف بـن تـاشـفـيـن ގެ ނަމުގައި ސިޓީއެއް ލިޔުއްވާން ހަވާލުވެވަޑައިގެންނެވީ عمــر المـتــوكّـل އެވެ. އޭނާ ވަރަށްދިގު ސިޓީފުޅެއް ލިޔުއްވުމުން މުލޫކުއްޠަވާއިފުންގެ އެއްބޭފުޅަކަށްފަހު އަނެއް ބޭފުޅަކު އެސިޓީގައި ސޮއިކުރައްވައިފިއެވެ. އޭގެކުރީން قـاضى أبـو جـعـفـر ވަނީ އަންދަލުސުގެ އެންމެކުރިޔަށް ތިއްބެވި ދަންނަބޭކަލުން ލައްވައި އިލްތިމާސެއްގައި ސޮއިކުރުއްވައިފައެވެ. ވިދިގެން އައިދުވަހު އަންދަލުސުގެ މުލޫކުއްޠަވާއިފުންނާއި ދަންނަބޭކަލުންގެ ގުޅިފައިވާ ވަފުދެއް މުރާކިޝަށް ފުރައިވަޑައިގެންފިއެވެ.

(ނުނިމޭ)