މި މަހު ރާއްޖެ އައި އެއް ލައްކަ ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މިއީ ކޮވިޑުގެ ހާލަތަށްފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވުމާއެކު އެއްމަހެއްގެ ތެރޭގައި ރާއްޖެއަށް އެއްލައްކަ ފަތުރުވެރިން އައި ފުރަތަމަ ފަހަރެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ އެއް ލައްކަ ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށް ހާއްސަ ހަފުލާއެއް ބާއްވާފަ އެވެ. މި މަހުގެ ތެރޭގައި ރާއްޖެ އައި އެއްލައްކަ ވަނަ ފަތުރުވެރިޔާ އަކީ މިސްރުގެ ރައްޔިތެކެވެ.

މިސްރުގެ ހަނާ މުހައްމަދާއި އޭނާގެ ފިރިމީހާ އަހުމަދު ކަމާލް މުސްތޮފާ އެމިރޭޓްސްގެ ފްލައިޓުން މިއަދު ރާއްޖެ އައުމުން އެމީހުންނަށް ލިބުނީ ބޮޑު ސަޕްރައިޒެކެވެ. މިމަހު ރާއްޖެ އައި އެއްލައްކަވަނަ ފަތުރުވެރިޔާގެ ޝަރަފާއެކު ކީ ހޫނު މަރުހަބާގެ ސަބަބުން އަދިވެސް ރާއްޖެ އަންނަން ބޭނުންވާ ކަމަށް އެ ދެމަފިރީން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި މި ދެ މަފިރިން ފަސް ދުވަސް ހޭދަ ކުރަން ނިންމާފައިވާރު އެ ދެމަފިރިން ހަނީމޫނަށް އައީ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓަށެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން އެއް ދުވަހެއްގެ މަތިން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނިވެސް 5516 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ މިއަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށެެވެ.