ގެދޮރުވެރިކަމުގެ ގިނަ މަޝްރޫއުތައް ލަސްވީ ކުރީގެ ހައުސިން މިނިސްޓަރު އެކަން ރަނގަޅަށް ބަލަހައްޓަވާފައި ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލިސް ރައީސް ވަނީ މި ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރު އާމިނަތު އާތިފާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މަޖިލިސް ރައީސް ވިދާޅުވީ, ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ފުލޭނުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހަދަން ޖެހޭ އެކި ކަހަލަ ލިސްޓުތަކާއި ނެޓްވޯކުތަކާއި ވިއުގަތައް ހަދަން ހިމަނާފައި އޮތް ނަމަވެސް އާތިފާ އެކަންކަމާ އަޅައިނުލައްވައި އޮތުމުން އެކަންކަން ލަސްވެގެން ދިޔަ ކަމަށެވެ.

އެކަމަނާއަށް އެކަން ކުރައްވަން އެނގިވަޑައިނުގެންނެވީ ކަމަށް ވެސް ވެދާނެ ކަމަށާއި ނަމަވެސް މިހާރު ހުންނެވި ހައުސިން މިނިސްޓަރު އެކަން ބާރަށް ކުރައްވަމުން ގެންދަވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި އެމްއާރުއެމްގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރުކަން ލިބިވަޑައިގެންނެވި އާތިފާ, ހައުސިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ތަން ނުދޭތީ ކަމަށް ވިދާޅުވެ އެވެ.

ނަމަވެސް އާތިފާ މަގާމުން އިސްތިއުފާ ދެއްވި އިރު, ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އޭނާ ފެއިލްވެފައިވާ ކަމަށް ބުނެ, މަގާމުން ދުރުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އޮތީ ހުށަހަޅައިފަ އެވެ. އަދި އެކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވެސް ތާއީދުކުރެއްވި އެވެ.