ގާނޫނުއަސާސީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މަތިކޮށްފައިވާ ޒިންމާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހަނދާންކޮށްދީ, އެ ކޮމިޝަނަށް ހޫނު ރައްދެއް ދީފި އެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ހޯދުމަށް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ވައްކަމުގެ މައްސަލަ ބެލުމަށްފަހު ދައުވާކުރުމަށް އެދި އޭސީސީން ދެވަނަ ފަހަރަށް އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ފޮނުވުމުން އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން ބަދަލު ނުކުރަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ.
އެ ނިންމުމާ ގުޅިގެން އޭސީސީން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ, ވެންޓިލޭޓަރު މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ. އަދި ޕީޖީއަށް ފޮނުވާ މައްސަލަ ސާބިތު ކުރުމަށް އެކަމުގެ މަންފާ ލިބިފައި ހުރީ ކޮން ބަޔަކަށް ކަމާއި ކޮރަޕްޝަންގެ ފައިސާ ހުރި ތަނެއް އެނގެން މަޖުބޫރު ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ, ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަކީ ގާނޫނުއަސާސީން އެ އޮފީހަށް ލިބިފައިވާ ބާރެއް ކަމަށާއި ގާނޫނުއަސާސީން އޭސީސީއަށް އޮންނަނީ ތަހުގީގު ކުރުމަށްފަހު މައްސަލައިގައި ހޯދިފައިވާ ހެކިތައް ފޮނުވުން ކަމަށެވެ. އެގޮތުން ވެންޓިލޭޓަރު މައްސަލައިގައި ގޮތް ނިންމުމުގައި ވެސް ބަލާފައިވާނީ ތަހުގީގަށް ހޯދިފައި ހުރި ހެކިތަކުގެ މައްޗަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ, ގާނޫނީ ނިޒާމު ބައްޓަން ވެފައި އޮތް ގޮތުން ޖިނާއީ މައްސަލައެއްގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގައި އެ އޮފީހުން ބަލަން ޖެހޭ ދެކަމެއް އޮންނަ ކަމަށާއި އެއީ މައްސަލައެއްގައި ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ހުރިތޯ އާއި އާންމު މަސްލަހަތު އޮތް މިންވަރު ކަމަށެވެ.
މި މައްސަލައިގައި އާންމު މަސްލަހަތު އޮތްކަމާ މެދު ޝައްކެއް ނެތް ނަމަވެސް މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެކި ހުރި މިންވަރާމެދު ސުވާލު އުފެދިފައިވާ ކަމަށް ބުންޏެވެ.
"މިހާރު އަމަލުކުރަމުން އަންނަ ގާނޫނީ ނިޒާމުގައި ދައުވާކުރާއިރު ހިޔާލީ ވާހަކައެއް ނުދެއްކޭނެ އެވެ. ދައުވާގެ ކޮންމެ އިބާރާތެއް, ހެއްކާއެކު ސާބިތުކޮށްދޭން ޖެހެ އެވެ. އެކަމުގައި މި އޮފީހުން ބަރޯސާ ވަނީ މައްސަލައިގައި ތަހުގީގީ އިދާރާތަކުން ހޯއްދަވާފައިވާ ހެކިތަކަށެވެ. އެއީ, ޝަރުއީ ކޯޓެއްގައި މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވިދާނެ މިންވަރުގެ ހެކިތޯ ނުވަތަ ނޫންތޯއެވެ.," ޕީޖީ އޮފީހުން ބުންޏެވެ.
ހުސެއިން ޝަމީމް
ހުސެއިން ޝަމީމް