މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޮޑެތި ގެއްލުންތައް ލިބެމުން އެބަ ދެއެވެ. ރާއްޖޭގެ އެންމެ ދެކުނުން އައްޑޫސިޓީ އާއި ފުވައްމުލަކާއި ހުވަދު އަތޮޅުގެ އެކި ރަށްތަކަށްވެސް ދަނީ ބޮޑެތި ގެއްލުން ވަމުންނެވެ. އެގޮތުން ގަދަ ވަޔާއެކު ގޭގޭގެ ފުރާޅު އެއްލާލައި ގެތަކަށް ފެން ވަދެ އެތައް ގެއްލުންތަކެއް ދަނީ ވަމުންނެވެ. ބައެއް ރަށްރަށުގައި ގަސްތައް ވެސް މަގުތަކަށާއި ގޭގޭގެ ފުރާޅުމައްޗަށް ވެއްޓި ގެއްލުންތައް ދަނީ ލިބެމުންނެވެ.
ކަނޑުމަތީގެ ހާދިސާތަކެއް މިހާރުވެސް ހިނގަމުންދާއިރު ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ކެނޑިނޭޅި އިލްތިމާސްކުރަމުންނެވެ.
މާލެއަށް ބަލައިލާއިރު ގަދަ ވަޔާ ވިއްސާރައިގެ ސަބަބުން މާލޭގެ އެކި މަގުތަކުގައި ހެދިފައި ހުރި ބޮޑެތި ގަސްތައް މުލުން ލުހިގެން މަގުމައްޗަށް ވަނި ވެއްޓިފަ އެވެ. އަދި ބައެއް ސަރަހައްދުތަކުގެ ގެތަކުން ޓިނާއި އެހެނިހެން ތަކެތި ވަޔާ ދާތީ އެއްގަމު ދަތުރުފަތުރަށްވެސް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
މޫސުމާ ބެހެ ގައުމީ އިދާރާއިން މިއަދު ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަކީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ. މި ވިއްސާރައިގެ އަސަރު އެންމެ ގަދަޔަށް ކުރަމުން ދަނީ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ރަށްތަކަށް ކަމަށެވެ.
މި ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރު އެންމެގިނަ އަދަދަކަށް ވާރޭވެހިފައިވާކަމަށް ރެކޯޑް ކުރެވިފައިވަނީ އައްޑު އަތޮޅަށް ކަމަށާއި އެގޮތުން 166 މިލި ލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އެންމެ ވައި ގަދަވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވަނީ ވެސް އައްޑޫ ސިޓީ އަށް ކަމަށާއި އެއީ ގަޑިއަކު 55 މޭލު ބާރު މިނުގައި ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.
އައްޑޫ ސިޓީން މިއަދު "ވަން" އަށް މައުލޫމާތު ދިން މީހަކު ބޔުނީ ގަދަވަޔާއެކު ރެއިއްސުރެނ އެ ސިޓީއަށް ބޯކޮށް ވާރޭ ވެހެމުންދާ ކަމަށެވެ. އަދި އެ ސިޓީގެ އެކި ރަށްތަކަށް ބޮޑެތި ގެއްލުން ވަމުންދާ ކަމަށާއި މީހުން ދިރިއުޅޭ ބައެއް ގެތަކުން މީހުން ރައްކާތެރި އެހެން ގެތަކަށް ބަދަލު ކުރަންވެސް ޖެހުނު ކަމަށް ބުންޏެވެ.
"ބައެއް ގެތަކުގެ ފުރާޅު އެއްލާލައި ސީލިން ވެއްޓި މުޅި ގެއަށް ފެންވަދެފަ ހުރީ. ބައެއް ގެތަކުގަ ކަކުލާ ހަމައިގަވެސް ފެން އެބަހުރި. ހިފައި ގެންގުޅޭ ހުރިހާ ތަކެއްޗާއި ބައެއް ގެތަކުގެ ގެންގުޅޭ ހުރިހާ ސާމާނެއް ހެން ހުރީ ހަލާކުވެފަ. މި ގެތަކުގެ މީހުން އެހެން ގެތަކަށް ބަދަލު ކުރަމުން ދަނީ." އޭނާ ބުންޏެވެ.
ފުވައްމުލަކަށްވެސް މިފަދަ ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ގއ. ކޮނޑޭއަށްވެސް މި ވިއްސާރައިގެ ސަބަބުން ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މި ކޮޅިގަނޑު ރާއްޖެއާ ދުރަށް މިހާރު ޖެހެމުން އަންނަ ކަމަށާއި މާދަމާ ހަވީރުން ފެށިގެން ވާރޭ ވެހުން މަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވައިޖެހޭ ބާރު މިންވެސް ދަށްވާން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށް އެއިދާރާއިން ބުންޏެވެ.
މިއަދާއި މާދަމާ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި، ވައިގަދަވުމާއެކު ކަނޑުވެސް ގަދަވާނެ ކަމަށާއި އެހެން ކަމުން ރައްކާތެރިކަމުގެ ގޮތުން ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު