އިންޑިއާގެ ފުޓުބޯޅަ ތަރި ސުނިލް ޗެތުރީ ކޮވިޑް 19 އިން ރަނގަޅުވެ، އެނބުރި ދަނޑު މައްޗަށް ނުކުންނަން ތައްޔާރަށް ހުރި ކަމަށް އޭނާ ބުނެފިއެވެ.
މިމަހުގެ 11 ވަނަ ދުވަހު ޗެތުރީ ކޮވިޑަށް ޕޮސިޓިވް ވެފައިވާކަން އިއުލާން ކޮށްފައިވާއިރު، އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން އިންޑިއާއިން ކުޅުނު ފުރަތަމަ އެކުވެރިކަމުގެ މެޗުވެސް އޭނާއަށް ގެއްލުނީ ކޮވިޑް ޖެހުމުންނެވެ. އެ މެޗުގައި އިންޑިއާއިން އޮމާންއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވެފައިވާއިރު، އިންޑިއާއިން ކުޅޭ ދެވަނަ މެޗުގައި މިރޭ ނުކުންނާނީ އެކުވެރި އަރަބި އިމާރާތާ ދެކޮޅަށެވެ.
މިރޭގެ މެޗުގައިވެސް ޗެތުރީ ނުފެންނާނެއިރު، އޭނާ ބުނެފައި ވަނީ ކޮވިޑުން ރަނގަޅު ދަނޑު މައްޗަށް ނުކުންނަން ތައްޔާރުވެވުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށެވެ. ޑޮކްޓަރުގެ ލަފައާއެކު މިހާރު އަމިއްލައަށް ފަރިތަކުރުންތައް ޗެތުރީ ފަށާފައިވާއިރު، އޭނާގެ ކްލަބު ބެންގަލޫރު އެފްސީއާއެކުވެސް ފަރިތަކުރުންތަކަށް މި ހަފްތާ ނުކުންނާނެއެވެ.
އޭއެފްސީ ކަޕްގައި ބެންގަލޫރު އެފްސީން ކުޅޭ މެޗުތަކަށް ޗެތުރީ ނުކުންނަން ތައްޔާރަށް ހުރިއިރު، އޭނާއަކީ އޭއެފްސީ ކަޕްގައި ފާހަގަކޮށްލެވޭ ފޯވަޑެކެވެ. އުމުރުން 36 އަހަރުގެ ޗެތުރީ ވަނީ ޖުމްލަ 18 ގޯލް މިހާތަނަށް އެ މުބާރާތުގައި ޖަހާފައެވެ. ގައުމީ ޓީމުގައިވެސް އެންމެ މުހިއްމު ރޯލެއް އަދާކުރާ ޗެތުރީއަކީ އެގައުމުގެ ގައުމީ ޓީމަށް ރެކޯޑު އަދަދަކަށް ގޯލް ޖަހައިދީފައިވާ ފޯވާޑުވެސް މެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު