ރޭ ކުޅުނު ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތައް އިންގްލެންޑާއި ޖަރުމަނުގެ އިތުރުން ސްޕެއިން ކާމިޔާބު ކޮށްފިއެވެ.

ސްޕެއިންއިން ފަހު ވަގުތު ގޯލެއް ޖަހައިގެން 2-1 އިން މެޗު ކާމިޔާބު ކޮށްފައިވާއިރު، ޖަރުމަނުން ރޮމޭނިއާގެ މައްޗަށް ކުރި ހޯދީ 1-0ގެ ނަތީޖާއަކުންނެވެ. އިންގްލެންޑުން އަލްބޭނިއާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބު ކޮށް، ޖެހިޖެހިގެން ކޮލިފިކޭޝަންގައި ކުޅުނު ދެވަނަ މެޗުވެސް އިންގްލެންޑުން ވަނީ ކާމިޔާބު ކޮށްފައެވެ.

ރޭ ސްޕެއިނުން ކުޅުނު މެޗުގައި ވިޓާ ވަރަޓުޝޭލިއާ ޖީޖިއާއަށް ލީޑު ނަގައިދީ ފުރަތަމަ ހާފް ނިމުނުއިރުވެސް އެޓީމު އޮތީ ކުރީގައެވެ. މިދިޔަ 28 އަހަރު ތެރޭގައިވެސް ސްޕެއިންއިން ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗަކުން ބަލިވެފައި ނުވާއިރު، އެޓީމުން ފަހަތުން އަރައި މޮޅުވީ ފެރަން ޓޮރެސް އާއި ޑެނީ އޮލްމޯގެ ގޯލުންނެވެ. އޮލްމޯ ގޯލް ޖެހީ މެޗުގެ ފަހު މިނެޓުގައެވެ.

އިންގްލެންޑްގެ ގޯލްތައް ކެޕްޓަން ކޭން އާއި މޭސަން މައުންޓް ޖަހައިދިންއިރު، ޖަރުމަނުގެ ހަމައެކަނި ގޯލް ޖަހައިދިނީ ސާޖު ނަބެރީއެވެ. އެ ގޯލަށް ފަހިކޮށްދިނީ ޗެލްސީގެ މިޑްފީލްޑަރު ކައި ހަވާޓްސްއެވެ.

ކޮލިފިކޭޝަންގެ މެޗުތަކަށް ޒްލަޓާން އިބްރަހިމޮވިޗްވެސް ރިޓަޔާމަންޓްއިން އެނބުރި އައިސް ރޭ ސްވިޑައިން ކުޅުނު މެޗުގައި ކުޅެފައިވެއެވެ. ސްވިޑެންއިން ކޮސޯވޯއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ސްވިޑެން ކާމިޔާބު ކޮށްފައިވާއިރު، އެ މެޗުގެ ފުރަތަމަ ގޯލަށް އެސިސްޓް ކޮށްދީފައި ވަނީ ޒްލަޓާންއެވެ. އޭނާގެ ހުނަރުވެރިކަން ގޯލް ގައި ފެނިގެން ދިޔައީ "ބެކްހީލް" އެސިސްޓަކުންނެވެ.