ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްގީކުރާ ޔުނިޓުތައް އެ ކޯޕަރޭޝަނާ ގުޅިގެން މާކެޓްކޮށް ވިއްކުމަށް ސޭލްސް އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުގެ ފަރާތުން އެކި ބޭނުންތަކަށް އިމާރާތްކޮށް ތަރައްގީކުރާ ޔުނިޓުތައް މާކެޓްކޮށް ވިއްކުމަށް ސޭލްސް އެޖެންޓުންގެ ގޮތުގައި މާކެޓްކޮށް ވިއްކުމަށް ސޭލްސް އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް މިއަދު އިފްތިތާހުކުރެވުނު ފުރުސަތުގެ އެއް ބޭނުމަކީ މި ދާއިރާގައި ހަރަކާތްތެރިވާނެ ފަންނީ މީހުން އުފެއްދުމާއި، މިގޮތަށް މަސައްކަތްކުރާނެ ފުރިހަމަ ޕްލެޓްފޯމެއް ގާއިމުކޮށްދިނުން ކަމަށެވެ.

އެޗްޑީސީން ވަނީ ސޭލްސް އެޖެންޓުންގެ ގޮތުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ މަހުގެ 15 އަށް ފުރުސަތު ހުޅުވާލައިފައެވެ. އަމިއްލަ ފަރާތްތަކަށާއި، ކުންފުނިތަކުން ރަޖިސްޓްރީވުމަށް ފީ އެއްގެ ގޮތުގައި 1000 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާ އިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ކުންފުނިތަކަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދިނުމުގެ ގޮތުން ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 500 ރުފިޔާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ އެ ޕްރޮގްރާމުގެ ދަށުން ހިންގޭ ތަމްރީނުގައި ބައިވެރިވެ އެސެސްމަންޓުގެ އެންމެ މަތިން މާކްސް ހޯދާ ދިހަ ފަރާތަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ތަމްރީނުތަކުގެ އިތުރުން އެ ފަރާތްތަކުން ވިއްކާ ޔުނިޓްތަކަށް ކޮމިޝަނެއް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

އެޗްޑީސީގެ އަމާޒަކީ އިމާރާތްކުރުމުގެ ދާއިރާއަށް ހުނަރުވެރި ގިނަ ބަޔަކު ނެރެ، ކުރިމަގުގައި ވެސް ވިޔަފާރިކުރުމަށް ފަހި ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.