ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް ބަންގުލަދޭޝްގެ މަސައްކަތްތެރީން ކޮށްދޭ މަސައްކަތަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޝުކުރު ދަންނަވައިފިއެވެ.

އެ ފަރާތްތަކަށް މިނިސްޓަރު ޝާހިދު ޝުކުރު ދަންނަވާފައިވަނީ ބަންގުލަދޭޝްގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރަން ދިވެހިރާއްޖޭގައި ހުންނަ ބަންގުލަދޭޝް ހައިކޮމިޝަނުން ބޭއްވި ރަސްމިއްޔާތުގައި މިއަދު ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރި ޝާހިދު ވަނީ ބަންގުލަދޭޝްގެ މިނިވަންދުވަހާއި ބަންގުލަދޭޝްގެ 'ފާދަރ އޮފް ދި ނޭޝަން' ބަންގަބަންދު ޝެއިޚް މުޖީބުއްރަހުމާނުގެ އުފަންދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ބަންގުލަދޭޝްގެ ރައީސް މުހައްމަދު އަބްދުލް ހާމިދު، ބޮޑުވަޒީރު ޝެއިޚް ހަސީނާ އަދި ބަންގުލަދޭޝްގެ ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ ބަންގުލަދޭޝްގެ ރައްޔިތުންނަށް އަރިސްކުރައްވައިފައެވެ.

މިނިސްޓަރު ޝާހިދުގެ ވާހަކައިގައި ބަންގުލަދޭޝްއަށް މިނިވަންކަން ގެނެސް، ޑިމޮކްރެސީއާއި އިންސާނީ ހައްގުތައް ގާއިމުކުރުމުގައި ބަންގަބަންދު ޝެއިޚް މުޖީބުއްރަހުމާނުގެ މިންނެތް މަސައްކަތް ފާހަގަކުރެއްވިއެވެ. މިނިސްޓަރުގެ ވާހަކައިގައި ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ބަންގުލަދޭޝްގެ ރައީސް މުހައްމަދު އަބްދުލް ހާމިދުގެ ދައުވަތަށް ރައީސް ސޯލިހު ބަންގުލަދޭޝަށް މިމަހު ކުރެއްވި ރަސްމީ ދަތުރުފުޅު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓަރު ވަނީ ހިއުމަން ރިސޯސް ޕްލޭސްމެންޓް، މަސްވެރިކަން، ސިއްހީ ދާއިރާއާއި ސަގާފީ ގޮތުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިފައިވާކަން ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ މަސައްކަތްތެރިންގެ ގޮތުގައި ރާއްޖެ އައިސް އެކި ދާއިރާތަކުގައި މަސައްކަތްކުރާ ބަންގުލަދޭޝްގެ ރައްޔިތުން، ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް ކޮށްދޭ މަސައްކަތް ފާހަގަކުރައްވައި ޝުކުރު ދަންނަވައިފައެވެ. އަދި ބަންގުލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ނަޒަމުލް ހަސަން، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާ މަސައްކަތަށް އެމަނިކުފާނަށް ވެސް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު ދަންނަވައިފައެވެ.

ވާޗުއަލްކޮށް ބޭއްވި އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލް، ފޮރިން ސެކްރެޓަރީ އަބްދުޣަފޫރު މުހައްމަދު، އެމްބެސެޑާ-އެޓް-ލާޖް އަހުމަދު ސަލީމުގެ އިތުރުން ދިވެހި ސާރުކާރުގެ އެކި މުއައްސަސާތަކުގެ އޮފިޝަލުން، އަދި ރާއްޖޭގައި ތިއްބަވާ ޑިޕްލޮމެޓުން، އދ. އާއި އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުގެ އޮފިޝަލުންނާއި ރާއްޖޭގައި ދިރިއުޅޭ ބަންގުލަދޭޝްގެ ރައްޔިތުން ބައިވެރިވިއެވެ.