ދޫނިދޫން ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ޕޮޒިޓިވްވި ބަޔަކާ ކޮންޓެކްޓުވި ބައެއްގެ ސާމްޕަލް ދޫނިދޫން ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން ނުވަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ނަމަވެސް ޕޮޒިޓިވްވެފައިވަނީ ބަންދުގައި ތިބި މީހުން ކަމެއް ނުވަތަ ފުލުހުން ކަމެއް ސާފެއް ނުވެއެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ އިރު، މިހާތަނަށް ރާއްޖެއިން 23،524 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ. އެގޮތުން މިއަދުވެސް ވަނީ 121 މީހުންނަށް ކޮވިޑް ޖެހިފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 46 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އަތޮޅު ތެރެއިންނެވެ. އެގޮތުން މިހާރުވެސް 13 ރަށެއް އޮތީ މޮނީޓަރިންގެ ހާލަތެއްގައެވެ.