މި ފަހުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގައި ދެ ފަހަރު މަތިން ހިނގި ދެ އެކްސިޑެންޓެއްގައި ދެމީހުން މަރުވި ހާދިސާގައި ޒިންމާ އިން އެއްކިބާވާން ބޭނުން ނުވާ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.
އެމްޕީއެލްގައި ހިނގި ހިތާމަވެރި ދެ ހާދިސާގެ ތެރެއިން ފަހެއް ފެބްރުއަރީ 2021 ގައި އެމްޕީއެލްގެ ޔާޑުގައި ހުރި ކާޕެޓް ރޯލުތަކެއް ބޭރަށް ނެރުމަށްޓަކައި ކެރޭނުން ދޯންޏަކަށް އެރުވުމުގެ ތެރޭގައި، ކާޕެޓް ރޯލެއް ގައިމައްޗަށް ވެއްޓި އޭގެ ދަށުވެގެން ލިބުނު ޒަހަމްތަކަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު، އިންޑިއާއަށް ގެންގޮސް އިތުރަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ، ހދ. ނޮޅިވަރަމް/ ނައިޓް ޑްރީމް، އިމްރާން އަލީ، 28އ. އެވެ. އޭނާ މަރުވީ އެމަހުގެ 17 ވަނަ ދުވަހު އެވެ.
ދެވަނަ ހާދިސާގައި ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހުގެ ރޭ އެމްޕީއެލް ސަރަހައްދުގައި ބިއްލޫރި ޕެލެޓެއް ވެއްޓި އޭގެ ދަށުވުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ ނ. ލަންދޫ/ ފޭރުގަސްދޮށުގޭ، އަބްދުﷲ އާސިމް (27އ) އެވެ. އޭނާ މަރުވީ އެ މަހުގެ 16 ގައެވެ.
އެމްޕީއެލް އިން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި މި މައްސަލައިގައި ނޫސްވެރިޔަކު ސުވާލު ކުރުމުން ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، އެކްސިޑެންޓެއްގެ ރޫޓްކޯސް އަކީ އެންމެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެ ކަންތައްތަކުން ބަރީއަ ވާން ބޭނުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަރަށް ގިނަ ކަންތައްތަކެއް ފެއިލް ވެގެން ގިނަ ފަހަރަށް އެކްސިޑެންޓެއް މި ހިނގަނީ. އެހެންވީމަ އެކްސިޑެންޓެއްގެ ރޫޓް ކޯސް އަކީ އެންމެ ކަމެއް ނޫން. ދެން އަޅުގަނޑު ސީދާ އަޅުގަނޑުމެންގެ ޒިންމާއެއް ނެތޭ ކިޔާފަ ތި ސުވާލުން އަޅުގަނޑު ބަރީއަ ވާކަށް ވެސް ބޭނުމެއް ނޫން،" ޝަހިދު އަލީ ވިދާޅުވި އެވެ.
ހާދިސާއެއް ދިމާވުމުން އެކަން ތަހުގީގުކޮށް އެމްޕީއެލްގެ ލޫޕް ހޯލެއް ހުރެއްޖެ ނަމަ އެކަންތައްތައް ރަނގަޅު ކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާނެ ކަން ޝާހިދު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ހާދިސާއެއްގެ ތަހުގީގު ކުރާނީ ހަމަ އެކަނި އެމްޕީއެލުން ނޫން ކަމަށާއި މިނިވަން މުސްތަގިއްލު މުއައްސަސާތަކުން ވެސް އެކަން ބަލަމުން އަންނަ ކަމަށެވެ.
"އެ އިންވެސްޓިގޭޝަންތަކުން އެމްޕީއެލްގެ އިހުމާލެއް ނުވަތަ އެމްޕީއެލުން އިތުރަށް ކުރަން ޖެހޭ ކަމެއް ހުރެއްޖެ ނަމަ އެކަންތައްތަކެއް އަޅުގަނޑުމެން ކޮމްޕްލައި ކުރާނަން،" ޝާހިދު ވިދާޅުވި އެވެ.
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް